އުމުރުން ދުވަސްވާ ވަރަކަށް އިންސާނާގެ ހަށިގަނޑަށް ބަދަލުތައް އާދެ އެވެ. ހެނދުނު ހޭލާއިރު މޫނު ދުޅަވެފައި ހުރުމަކީ ވެސް މިގޮތަށް އަންނަ ބަދަލެއް ކަމަށް ބައެއް މީހުން ހީކުރެ އެވެ. އަދި ފައިދާހުރި ކާނާ ކައިގެން ރޭގަނޑު ރަނގަޅަށް ނިދާނަމަ މޫނާއި ލޯ ކައިރި ދުޅަ ނުވާނެކަމަށް އޮންނަނީ ގަބޫލު ކުރެވިފަ އެވެ. ނަމަވެސް ރަނގަޅަށް ނިދާފައި ތެދުވާއިރުވެސް ބައެއް ފަހަރު މޫނާއި ލޯ ކައިރީގައި ދުޅަކަން ހުންނަން މެދުވެރިވެ އެވެ.
ކުޑަކޮށް ލޯމަތި ނުވަތަ މޫނު ދުޅަވެފައި ހުރުމަކީ ސިއްހީ ގޮތުން ބަލާއިރު މާ ބޮޑު މައްސަލައެއް ނޫނެވެ. ފިނި ފެންފޮދަކުން މޫނު ދޮވެލައި ފެންތައްޓެއް ބޯލަނިކޮށް ވެސް މިކަން ހައްލު ވެދާނެ އެވެ.
މިގޮތަށް ދުޅަ ނުދާނަމަ އެއީ އެލާޖީއެއްގެ ސަބަބުން ނުވަތަ ޖެނެޓިކް މައްސަލައަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިގޮތަށް މޫނުގައި ހުންނަ ދުޅަ އަވަހަށް ފިލުވާލާ މޫނު ތާޒާކޮށްލުމަށް ގޭގައި ދެވިދާނެ ވަރަށް ރަނގަޅު ފަރުވާ ހުރެ އެވެ.
މިގޮތުން ދެވިދާނެ ވަރަށް އާދައިގެ ނަމަވެސް ވަރަށް އިތުބާރުހުރި ފަރުވާ އަކީ ފިނިކޮށްފައިވާ ސަމުސަލެއް މޫނުގައި ޖައްސައިގެން ދެވޭ ފަރުވާ އެވެ. އާއްމުކޮށް ހެނދުނު ހޭލާއިރު މޫނު ދުޅަވެފައި ހުންނަ ނަމަ ރީއްޗަށް ދޮވެފައިވާ ދެ ސަމުސާ އައިސްއަލަމާރީގައި ބާއްވާށެވެ. ހެނދުނު ހޭލާއިރު ލޯ ކައިރި ތަންތަން ދުޅަނަމަ މަދު މިނެޓް ކޮޅަކަށް ސަމުސަލުން މަޑުމަޑުން އެ ތަންތަނުގައި އޮއްބާލަނިކޮށް ދުޅަތައް ވަރަށް އަވަހަށް ތިރިވެދާނެ އެވެ.
އަލޯވެރާ ޖެލް އަކީ ވެސް މޫނު ދުޅަވުމަށް ރަނގަޅު ގުދުރަތީ ފަރުވާ އެކެވެ. އަލޯވެރާގެ ތާޒާ ޖެލް ނަގާފައި ބިއްލޫރި އެއްޗަކަށް އަޅާފައި އައިސްއަލަމާރީގައި ރައްކާ ކުރާށެވެ. އަދި ނިދަން އޮށޯންނަމުން އައި ކްރީމެއް ގޮތަށް އުނގުޅާށެވެ. ނުވަތަ ހެނދުނު ހޭލައިގެން މީގެ ޖެލްކޮޅެއް މޫނުގައި ހާކާލާށެވެ.
ހެނދުނު ހޭލާ ގޮތަށް ބޮޑު ފެންތައްޓެއް ބޯލުމުން ވެސް މޫނުގައި ހުންނަ ދުޅަ ފަސޭހައިން ދެ އެވެ. ފެން ބުއިމުން ހަށިގަނޑުން މަދުވެފައިވާ ފެނުގެ ބައި އަލުން އަނބުރާ ލިބި ހަށިގަނޑުގެ މަސައްކަތް ބަރާބަރަށް ކުރަން ފަށާނެ އެވެ.
ޓީ ބޭގް އަކީ ވެސް މޫނުގެ ދުޅަޔަށް ރަނގަޅު އެއްޗެކެވެ. ހޫނު ފެންތައްޓަކަށް ގްރީން ޓީ ބޭގެއް ލާފައި ދެ ތިން މިނިޓް ބަހައްޓާށެވެ. ދެން ސައިފަތް ޕެކެޓު މޫނުގެ ދުޅަ ހުރި ހިސާބުތަކުގައި ހާކާށެވެ. ސައިފަތް ޕެކެޓުތަކުގައި ތާފަނާކަން ހުންނަ ވަރަށް ބެހެއްޓީމަ ރަނގަޅުވާނެ އެވެ. އާއްމުގޮތެއްގައި ދުޅަ ތިރިކުރުމަށް ބޭނުންކުރަނީ ފިނި އެއްޗެއް ނަމަވެސް ހޫނު ސައިފަތް ޕެކެޓު ކަހަލަ އެއްޗެތިން މޫނަށް ލުއިކަން ލިބި އަރާމު ވާނެ އެވެ.
ރޭގަނޑު މާ ލަސްވަންދެން ނުނިދާ މަޖާކުރަން އުޅުމަކީ ވެސް ހެނދުނު ހޭލާއިރު މޫނުމަތި ދުޅަވުމަށް މެދުވެރިވާ ކަމެކެވެ. ބާލީސް އުރަ އާއި ބެޑްޝީޓްގައި ހިރަފުސް ހުރުމުން ވެސް މޫނު ހިރުވާ ދުޅަވާ ގޮތް ދިމާވެ އެވެ. ވީމާ މަދުވެގެން ހަފުތާއަކު އެއްފަހަރު ބާލީހު އުރައާއި ބެޑްޝީޓް ބަދަލުކުރާށެވެ.
ބައެއް ފަހަރު ބެޑް ޝީޓް ދޮންނަން ބޭނުންކުރާ ޑިޓަޖެންޓް ނުވަތަ ގައިގާ ލާ ލޯޝަން އާއި ސެންޓު ފަދަ އެއްޗެތިން އެލާޖިކް ރިއެކްޝަނެއް އައިސްގެން ވެސް މޫނު ދުޅަވުމަކީ އެކަށީގެންވާ ކަމެކެވެ.