ދުނިޔެ

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނާ ދެކޮޅު މުޒާހަރާގައި ފަސް މަރު

Dec 16, 2019

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ މުޒާހަރާތަކުގައި ފަސް މީހަކު މަރުވެއްޖެ އެވެ.

މި މުޒާހަރާތައް ފެށުނީ، ގަވާއިދާ ހިލާފަށް އެގައުމަށް އެތެރެވާ ޕާކިސްތާން، ބަންގްލަދޭޝް، އަދި އަފްޣާނިސްތާނުގެ މުސްލިމް ނޫން މީހުނަށް ރަށްވެހިކަން ދިނުން ހުއްދަ ކުރާ ބިލެއް ޕާލިމެންޓުން ފާސް ކުރުމުންނެވެ. އިންޑިއާގެ ރައީސް ރާމް ނާރް ކޯވިންދް ވަނީ މިހާރު އެ ބިލް ތަސްދީގު ކުރައްވައިފަ އެވެ.

ބިލް ފާސްކުރުމާއެކު އިންޑިއާގެ އައްސާމްގައި ވަނީ މުޒާހަރާކުރަން ފަށާފަ އެވެ. އަދި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގާފަ އެވެ. މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބަޑި ޖެހުމުން ތިން މީހަކު މަރުވެ، ހަމަނުޖެހުންތަކުގައި އެކަކު މަރުވި އެވެ. މީގެ އިތުރުން، މުޒާހަރާ ކުރާ މީހުން ފިހާރައެއްގައި ރޯކުރުމުގެ ސަބަބުން އެ ފިހާރަ ތެރޭގައި ނިދަން އޮތް މީހަކު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ރަށްވެހިކަމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފައި މިވަނީ 64 އަހަރު ފަހުންނެވެ. ގާނޫނުގައި ވާގޮތުން ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވާ މީހުންނަށް ރަށްވެހިކަމެއް ނުލިބޭނެ އެވެ. އަދި ބޭރު މީހަކަށް އެގައުމުގެ ރަށްވެހިކަމަށް އެދެވޭނީ އިންޑިއާގައި ދިރިއުޅޭތާ ނުވަތަ ފެޑެރަލް ސަރުކާރުގައި މަސައްކަތް ކުރާތާ މަދުވެގެން 11 އަހަރުވުމުންނެވެ.

ބިލު ދިފާއު ކުރާ މީހުން ވަނީ އިންޑިއާއިން އެގޮތަށް ރަށްވެހިކަން ދެނީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގައި، އެހެން ދީނަކަށް ތަބާވުމުގެ ސަބަބުން ފުރައްސާރަ އާއި އަނިޔާއާ ކުރިމަތިލާން ޖެހޭ މީހުންނަށް ކަމަށް ބުނެފަ އެވެ. ނަމަވެސް އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތުކުރާ އަދި އެގައުމުގައި ހަމަހަމަކަމާއެކު އަމަލު ކުރުމަށް އަންގާފައިވާ ގާނޫނުއަސާސީއާވެސް ފުށުއަރާ އިސްލާހެއް ކަމަށް ބުނެފަ އެވެ.

މި ބިލަށް މަތިގެއިން ރުހުން ދިނުމާއެކު އިންޑިއާގެ އައްސާމުގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. ބިލަށް އިސްލާހު ގެންނަން ހުށަހެޅިއިރު އައްސާމުގައި ދިރިއުޅޭ 1.9 މިލިއަން މީހުންގެ މައުލޫމާތު ހިމާނާފައެއްނުވެ އެވެ. އައްސާމަކީ އަވައްޓެރި ގައުމުތަކުން ގަވާއިދާ ހިލާފަށް އިންޑިއާއަށް ވަންނަ ގިނަ މީހުން ދިރިއުޅޭ ސަރަހައްދެވެ. ބިލް ހިމަނާފައި ވަނީ 24 މާޗް 1971 ގެ ކުރިން އައްސާމްގައި ދިރިއުޅުނުކަން ސާބިތު ކުރެވޭ މީހުންގެ ނަންތަކެވެ. އެތާރީހަކީ ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށުމުން ގިނަ އަދަދެއްގެ ރެފިއުޖީން އިންޑިއާއަށް ދާން ފެށި ތާރީހެވެ.