މާރިޔާ އަހުމަދު ދީދީ

"ކެރިގެން މި ނިކުތީ ހަރުކަށި ފިކުރާ ދެކޮޅަށް"

ރާއްޖޭގައި ހަރުކަށި ފިކުރު އޮތީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ކަމަށާ މި ސަރުކާރުން ކެރިގެން ނިކުމެ އޮތީ އެކަންކަން ހުއްޓުވުމަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

"ވިޔަވަތި ރާއްޖެ" ކޮންފަރެސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ރާއްޖޭގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު އާންމު ކުރުމުގެ މަސައްކަތް ބަޔަކު ފަށާފައިވާ ކަމަށެވެ. ނަމަވެސް ސިޔާސީ ބޭނުމަކަށްޓަކައި އެއީ ރާއްޖޭގައި ނެތް ކަމެއް ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަމުން ގެންގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އެބައޮތްކަމަށް ފާޅުގައި ބުނެ، އެކަމާ ދެކޮޅަށް ސަރުކާރުން މަސައްކަތް ފެށީ އެއީ އަޅާނުލާ ތިބެވޭ ވަރަށް ވުރެ މާ ނުރައްކާތެރި ކަމަށް ވުމުން ކަމަށެވެ.

ބައެއް މިސާލުތައް ދައްކަވަމުން މިނިސްޓަރު ވަނީ ދާދިފަހުން ލަނޑާ ނަގާ ދޯންޏެއްގައި ބަޔަކު މީހުންގެ މެދުގައި ހިނގާދިޔަ މާރާމާރީގެ ވާހަކަ ވިދާޅުވެދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ ޒުވާނަކަށް ހަމަލާދީ އޭނާ "ހަފުސް އަރުވާލި" އިރު އެ ދޯނީގައި ދެން އޮތް މީހާ އޮތީ ނިދާފައި ކަމަށް އޭނާ ބުނާ ކަމަށެވެ. މިއީ ރާއްޖޭގައި ކަންކަން ގޯހުން ގޯހަށްގޮސް ކަންކަން ވަރިހަމަ ކޮށްލާފައިވާ މިންވަރު ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ރަށްރަށް ހަލާކުވެ އެ ދަނީ. ކިހާކަށްހާ ވަރަކަށްތޯ ރަށްރަށް ހަލާކުވެދާނީ. ބައްލަވާ އިހަށް ދުވަހު ދޯންޏެއްގައި އެކަކު އަނެކަކާ މާރާމާރީ ހިންގާ، އެކަކު އަނެކަކު މަރާލެވޭ ވަރަށް މާރާމާރީ ހިންގައިގެން ކަނޑަށް އެއްލާލި ކުއްޖާ ރަށަކަށް އެރި ވާހަކަ ތި ހުރިހާ ބޭފުޅުންވެސް އަޑު އައްސަވާނެ. ކުޑަކުޑަ ދޯންޏެއްގައި ތިބެގެން އެ ވަރަކަށް މާރާމާރީ ހިންގިއިރު ދެން ޖެހިގެން އޮތް މީހާ ބުނީ ތިމަންނަ އޮތީ ނިދާފައޭ. ކަންބޮޑުނުވާ ވަރު ބައްލަވާ، އީވާން ނަަސީމް ރާއްޖޭގެ ޖަލެއްގައި މަރުވެ އަދި އޭގެ ފަހުން ހިނގި ބަޑީގެ ހާދިސާއާއި ގުޅިގެން މުޅި މުޖްތަމައު ތެދުވި، އެކަމު މިއަދު މި އޮތީ ޖެހިގެން އެއް ދޯންޏެއްގައި އެކަކު ހަފުސް އަރުވާލާވަރަށް މާރާމާރީ ހިންގާލާއިރު ހަމަ ޖެހިގެން ނިދާލާފައި އަރާމުގައި ދިވެއްސަކު އޮތީމޭ އެހެން ބަޔާނެއް ދޭން ކެރުނީމަ އަޅުގަނޑުމެން މި ކަންބޮޑުވަނީ." މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ޖީލެއް މިފަދަ ގޮތަކަށް ހަލާކުކޮށްލަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. ރާއްޖޭގައި މިއަދު ޅަ ދަރިންގެ ގަޔަށް ވެކްސިން ޖަހަން ދެކޮޅު ހަދާ ބެލެނިވެރިން އެބަ ތިބި ކަމަށާ ޅަ އުމުރުގައި ކައިވެނިކޮށް އެ ކުދިން ބަލިވެ އިންނަ މައްސަލަތައް އިތުރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި ދީނުގައި ހުއްދަ ކަމަށް ބުނެ އެފަދަ ކަންކަން ކުރަމުންދާއިރު އެއީ ކަންކަން ވެގެންވާނެ ގޮތް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ކެރިގެން މި ނިކުންނަނީ މިކަންކަން ބެހޭ ގޮތުން ވާހަކަދައްކަން. ބައްލަވާ.. ވެކްސިން ޖަހަން އިންކާރު އެބަކުރޭ. ކުޑަކުދިން އެބަ ބަލިވެ ބައިންދާ. އެކުދިން އެބަ ވިހާ. މިއީ އަޅުގަނޑުމެންގެ ރާއްޖޭގައި ކުރިކަމެއް ނޫނޭ. ދީނުގައި ހުއްދައޭ ކިޔާފައި، ނުޖެހޭ އެގޮތަކަށް ކޮންމެހެން ކަންކުރާކަށް. އެ ނޫން އެހެން ގޮތެއް ނެތީއެއް ނޫން. ޒަމާނަށް އެބަ ވިސްނަންޖެހޭ. ކިޔަވަން އެބަޖެހޭ ދަރިން." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.