މޮރޮކޯގެ ބޮޑުވަޒީރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ހަދިޔާ ކުރެއްވި ކާޕެޓް މިނިސްޓަރު ޝާހިދު ގެއަށް ނުގެންދަވާކަން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ، ޔަގީން ކޮށްދެއްވައިފި އެވެ.
މިނިސްޓަރު ޝާހިދު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަދިޔާ ކުރެއްވި ކާޕެޓް މިނިސްޓަރު ޝާހިދު ގެއަށް ގެންދެވި ކަމަށް އަމިއްލަ ފަރާތަކުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ހުށަހަޅާފަ އެވެ. މިމަހުގެ ނުވަވަނަ ދުވަހު ހުށައެޅި އެ މައްސަލަ އޭސީސީއިން ވަނީ ބަލައިގެންފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެޔަށް ގެންދެވި ކަމަށް ތުހުމަތު ކުރެވުނު ކާޕެޓް ފޮރިން މިނިސްޓްރީގައި އޮތްތޯ ބަލާލިއިރު އެ އޮފީހުގެ ގުދަނުގައި އެ ކާޕެޓް އެބައޮތް ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން މީގެ ކުރިން އަވަސްއާއި ވާހަކަދައްކަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މުހައްމަދު މިއުވާން އަވަސްއަށް ވިދާޅުވީ މޮރޮކޯއިން ހަދިޔާ ކުރެއްވި ކާޕެޓް މި ވަގުތު ވެސް ފޮރިން މިނިސްޓްރީގައި އެބަ އޮތް ކަމަށެވެ. އެ ކާޕެޓް މިނިސްޓަރު އެއްވެސް އިރެއްގައި އަމިއްލަ ގެއަށް ގެންގޮސްފައިނުވާ ކަމަށެވެ.
މިފަދަ ދަތުރުތަކުގައި ދޭދޭ ގައުމުތަކުން ހަދިޔާ ބަދަލު ކުރުމަކީ ޕްރޮޓޮކޯލްގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. މި ކާޕެޓަކީ ވެސް އެގޮތުގެ މަތިން މޮރޮކޯއިން ދީފައިވާ ހަދިޔާއެއްކަން މިއުވާން ފާހަގަ ކުރެއްވި އެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
މިގޮތަށް ދަތުރުތަކުގައި ލިބޭ ތަކެތި ބަހައްޓަނީ ފޮރިން މިނިސްޓްރީގަ އެވެ. އަދި އެ ތަކެތި ބޭނުން ކުރަނީ ދައުލަތުގެ އެކި ބޭނުންތަކަށެވެ. ރަސްމީ ދަތުރުފުޅުތަކުގައި އެކި ގައުމުތަކުން ހަދިޔާ ކުރައްވާ ތަކެތި ދައުލަތާއި ހަވާލުކުރުމަށް ގާނޫނުގައި ބުނެ އެވެ. އަދި މިފަދަ ގޮތަކަށް ލިބޭ ތަކެތި ދައުލަތާ ހަވާލު ނުކޮށްފިނަމަ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމީހަކާ ދޭތެރޭ ފިޔަވަޅު އެޅޭނެ އެވެ.
ފޮރިން މިނިސްޓްރީއިން އަމިއްލަ ފަރާތަކުން ކުރި ތުހުމަތު ދޮގުކޮށްފައިވާއިރު ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ ވެސް ކުށެއް ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.