ރައީސް މުހައްމަދު ނަޝީދު

ނަޝީދު ސުވާލު ކުރެއްވީ ރާބޯ މީހަކު ހައްޔަރު ކުރަން ކުރެވޭ ހަރަދާމެދު؟

ރާބޯ މީހަކު ހައްޔަރު ކުރުމަށް ކިތަށް ރުފިޔާ ހަރަދުވޭތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނާއި ސުވާލު ކުރައްވައިފި އެވެ.

ރައީސް މުހައްމަދު ނަޝީދު މި ސުވާލު އަމާޒުކުރެއްވީ "ވިޔަވަތި ރާއްޖެ" ކޮންފަރެސްގައި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ސެޝަންގައި ކުރެއްވި ސުވާލުތަކެއްގެ ތެރެއިންނެވެ. އެ ސެޝަންގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު ކޮޅަށްތެދުވެ ވަޑައިގެން ވިދާޅުވީ އެމަނިކުފާނުގެ 11 ސުވާލެއް އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި ހައްދުފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކިތަށް ސެލް ރާއްޖޭގައި ހަރަކާތްތެރިވޭތޯއާއި، ހައްދު ފަހަނައަޅާފައިވާ ކަމަށް ފުލުހުން ބުނާ 1400 މީހުން ރާއްޖޭގައި ތިބިއިރު އެ މީހުން ހައްޔަރު ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

އަަދި އައިސްގެ ދިދައާއި ލޯގޯ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ބޭނުންކުރާ ސިފައިންނާއި ފުލުހުން ތިބިކަން ފާހަގަކޮށް އެ މުއައްސަސާތަކުގައި ހަރުކަށި މީހުން އެބަ ތިބިތޯއާއި ހަރުކަށި ފިކުރު ފަތުރަން ގެންގުޅޭ މަދަރުސާތައް ސަރުކާރުގެ ބެލުމުގެ ދަށައް ގެންނަން މަސައްކަތް ނުކުރޭތޯވެސް ސުވާލު ކުރައްވާފައިވެއެވެ.

އައްވަނަ ސުވާލަކަށް ނަޝީދު ކުރެއްވީ ރާބޯ މީހަކު ހައްޔަރު ކުރުމަށް ކިތަށް ރުފިޔާ ހަރަދުވޭތޯއެވެ. އަދި އޭގެ ފަހުން ސައުދީ އަރަބިއްޔާއާއި އެހެން ބައެއް ގައުމުތަކުގައި ހަރުކަށި ފިކުރު ފަތުރާ ޔުނިވާސިޓީތައް ހުންނަ ކަމަށް ވިދާޅުވެ އެ ޔުނިވާސިޓީތަކަށް ދިވެހިން ގޮސް ކިޔަވާއިރު އެ ތަންތަނުގެ މަންހަޖު ދިރާސާ ކުރައްވާތޯ ވަނީ ސުވާލު ކުރައްވާފައެެވެ.

މީގެ އިތުރުން މިއުޒިކާ، މުނިފޫހިފިލުވުން ކުރިއެރުވުމަށް ރޭވިފައިވާ ކަންކަމަކީ ކޮބައިތޯވެސް ނަޝީދު ސުވާލު ކުރެއްވިއެވެ.

11 ވަނަ ކަމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަރުކަށި ފިކުރުގެ އެއްވެސް މީހަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށާ އަދި އެފަދަ ބަޔަކު ކައުންސިލްތަކަށް ހޮވުނަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ޕެނަލްގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކުރައްވާ ނަޝީދު އެތައް ސުވާލެއް ކުރެއްވި ނަމަވެސް އެއިން އެއްވެސް ސުވާލަކަށް އެ ބޭފުޅުން ޖަވާބެއް ނުދެއްވައެވެ.