ހަބަރު

ހައްޔަރުކުރި މީހަކު ކަރެކްޝަނާއި ހަވާލު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހެއްގެ ތެރެއިން އެކަކު ކަރެކްޝަންސްއާއި ހަވާލު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ، އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑިސެމްބަރު 15 ވަނަ ދުވަހުގެ ރޭ އާސަހަރާ ކައިރިން ޓެކްސީއެއް ހުއްޓުވައި، ބަލާފާސްކޮށްފައިވާ ކަމަށާއި، ބަލާ ފާސްކުރުމުގެ ތެރެއިން ޓެކްސީ ދުއްވަން އިންމީހާއާއި، ކުރީ ސީޓުގައި އިން މީހާގެ ދޭތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި، 8 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

އެމައްސަލައާއި ގުޅިގެން ކާރުގެ ޑްރައިވަރުގެ ގޮތުގައި އިން 26 އަހަރުގެ މީހަކާއި، ކާރުގެ ކުރީ ސީޓުގައި އިން 28 އަހަރުގެ މީހާ ފުލުހުންގެ ބަންދަށް ގެންގޮސް 24 ގަޑި އިރަށްފަހު އެދެމީހުންވެސް މިއަދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އެތަނުން 28 އަހަރުގެ މީހަކީ މާފު ދިނުމާއި، އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، ޝަރުތުކޮށް ދޫކޮށްލާފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ މީހެއް ކަމަށާއި، އަދި ކަރެކްޝަންސް ސާވިސްއިން ފާހަގަކޮށްފައިވާ މުއްދަތުގެ ތެރޭގައި ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސްފައިވާތީ އެމައުލޫމާތު ކަރެކްޝަނާއި ހިއްސާކޮށް، އޭނާއާއި މެދު ގޮތެއް ނިންމުމަށް ކަރެކްޝަނާއި ހަވާލު ކޮށްދިނުމަށް އެދިފައިވާތީ އޭނާ ކަރެކްޝަނާއި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.