ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ދޮގު ހަބަރާ ދެކޮޅަށް ޓްވީޓްކޮށް ދެ ކިލޯ ހިއްކާލައިފިން: ޗައިނާ ސަފީރު

ދޮގު ހަބަރުތަކުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެއްވި ޓްވީޓްތަކުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ދެ ކިލޯ ހިއްކާލެވިފައިވާ ކަމަށް ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ޗައިނާ ސަފީރު ޖަންގް ލިޖޮންގް މިހެން ވިދާޅުވީ ސަފީރުގެ ބަރުދަން އެނގޭނެހެން ކައްޓާއެއްގެ ފޮޓޯއާއެކު ކުރެއްވި ޓްވީޓެއްގައެވެ.

ޗައިނާ ސަފީރު ވަނީ އެކި ފަހަރު މަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޗައިނާއާއި ގުޅޭގޮތުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ބައެެއް ފަހަރު ވަރަށް ހޫނުކޮށް އެމަނިކުފާނު ވަނީ ބަހުގެ ހަމަލާތައް ދެއްވާފައެވެ.

ސަފީރުގެ ޓްވީޓްގައި މިފަހަރު ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެ ކިލޯ ހަށިގަނޑު ހިކިފައިވާ ކަމަށާ އެކަމަށް ތައުރީފުކޮށް ބައެއް މީހުން އެކަމުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރަމުންދާ ކަމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ސަފީރު ވިދާޅުވީ ދެ ކިލޯ ހިއްކާލެވުނީ ދޮގު ހަބަރުތަކަށް ރައްދު ދިނުމަށް ކުރެއްވި ޓްވީޓްތަކުގެ ސަބަބުން ކަމަށެވެ.

އަދި ރާއްޖެއާއި ޗައިނާ ދެމެދު އޮތް ގުޅުމާއި ބެހޭ ގޮތުން ސައްހަ މައުލޫމާތުތައް އާންމުންނާއި ހިއްސާކުރުމަކީ ދޮގު ހަބަރު ފަތުރާ މީހުންނާ ދެކޮޅަށް ކުރެވޭ ހަނގުރާމާގައި މޮޅުވެވޭނެ ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ސަބަބުން ރާއްޖެ ވެއްޓިފައިވަނީ ދަރަނީގެ އަނދަވަޅަކަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުން އެއީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ ޗައިނާ ސަފީރު ޖަންގް ލިޖޮންގް، ނަޝީދަށް ހޫނު ރައްދެއް ދެއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ރައީސް ނަޝީދު މިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖެ-ޗައިނާ ގުޅުމާ ގުޅޭގޮތުން ވާހަކަތަކެއް ވަނީ ދައްކަވާފައެވެ. "ލޮކް ސަބާ ޓީވީ" ގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ މެދުވެރިކޮށް ގައުމަށް ގެނައި އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ފްރީ ޓްރޭޑް އެގްރިމެންޓް ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވެ އިންޑިއާ ރުއްސުމަށް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ ކުރިންވެސް ޗައިނާއާއި ގުޅޭގޮތުން ރައީސް ނަޝީދު މިމޭރުމުން އެތައް ވާހަކަފުޅުތަކެއް ވަނީ ދައްކަވާފައެވެ. އަދި ދެ ގައުމުގެ ގުޅުމަށް ބުރޫއަރާނެ ފަދަ ތަފާތު ވާހަކަތައް ރައީސް ނަޝީދު ގެންދަވަނީ ދައްކަވަމުންނެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ޗައިނާއަކީ އެހެން ގައުމުތަކުގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރާނެ ގައުމެއް ނޫން ކަމަށާ ޗައިނާގެ ބޭނުމަކީ ގައުމުތަކަށް މާލީ ގޮތުން އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ދެމި އޮތުން ކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގެ އެއްވެސް ބިމެއް "ޖަހައި"ގެންފައިވޭތޯ ސަފީރު ސުވާލު ކުރެެއްވިއެވެ.

ރައީސް ނަޝީދު އިންޑިއާގައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ސަފީރު ވިދާޅުވީ ޗައިނާ-ރާއްޖެ ގުޅުމަށް ބުރޫއަރާ ފަދަ ވާހަކަތަކެއް ބޭފުޅަކު ދައްކަވައިފި ކަމަށެވެ. އަދި އެ ވާހަކަތަކަކީ އަސާސެއް ނެތް ނާޒުކު ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސަފީރު ވިދާޅުވީ ޗައިނާ އޮތީ ރާއްޖެ ތަރައްގީ ކޮށްދޭނެ ބައިވެރިއެއްގެ ގޮތުގައި ކަމަށާ މިހާރުވެސް ފަތުރުވެރިކަން ފުޅާކޮށް އިޝްތިހާރު ކުރުމުގައި އެންމެ މުހިންމު ބައިވެރިއަކީ ޗައިނާ ކަމަށެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީޓްރޭޑް އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށްވެސް ސަފީރުގެ ޓްވީޓްތަކުގައި ރައްދު ދެއްވާފައިވެއެވެ. ސަފީރު ވިދާޅުވީ އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު އަދި ވިސްނަންޖެހޭ އެތައް ކަމަކަށް ވިސްނުމަށްފަހު ކަމަށެވެ. އެއީ ދެ ގައުމުގެ ފައިދާއަށް އޮތް އެއްބަސްވުމެއްކަން ފާހަގަ ކުރައްވާ ސަފީރު ވަނީ އިތުރު ނިންމުންތަކެއް ސަރުކާރުން ނިންމާނަމަ އެ ނިންމާ ނިންމުމަކީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމާ ރަނގަޅު ނިންމުމަކަށްވާން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދާއި، ރައީސް ސޯލިހް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ޓެގް ކުރައްވާ ކުރެއްވި ޓްވީޓްތަކުގައި ޗައިނާ ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމަށް ސިޔާސީ ވެރިން މިހާރަށްވުރެ ޒިންމާދާރު ވުމަށްވެސް ގޮވާލައްވާފައެވެ.

ނަޝީދު ގެންދަވަނީ ދޭތެރެ ދޭތެރެއިން ޗައިނާއާ ގުޅޭގޮތުން މިފަދަ ވާހަކަތައް ދައްކަވަމުންނެވެ. ވަކިން ހާއްސަކޮށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ފަދަ ވާހަަކަތައް ތަކުރާރުކޮށް ދައްކަވައެވެ. މީގެ ކުރިން ޗައިނާ ރުޅި އަންނަ ޒާތުގެ ވާހަކަތައް ދައްކަވާ ރައީސް ނަޝީދު ދައްކަވާ ކޮންމެ ފަހަރަކު ޗައިނާ ސަފީރު ރައްދު ވެސް ދެއްވައެވެ.