ގާސިމް އިބްރާހިމް

ނަޝީދުގެ ވާހަކަފުޅަށް، ގާސިމް ފާޑުވިދާޅުވެއްޖެ

ކޮންމެ ރަމަޟާންމަހަކާއި ދިމާކޮށް ބޭރު ގައުމުތަކުން ހާފިޒުން ރާއްޖެ ގެނައުމަށް ކުރާ ހަރަދަކީ ބޭކާރު ހަރަދުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމަށް ރައްދު ދެއްވައިފި އެވެ.

ގާސިމް ނިސްބަތްވެވަޑައިގަންނަވާ އދ. މާމިގިލީގައި އެ ރަށުގެ ގިނަ ބަޔަކާއެކު ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަޖިލީހުގެ ކުރީގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރެއްވެސް މަގާމާއި ހަވާލުވަނީ ބޮޑު ހުވައެއް ކޮށްގެން ކަމަށެވެ.

އެއީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ގާނޫނު އަސާސީއާއި ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމަށް ކުރެވޭ ހުވައެއް ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް އެ ހުވާ ކުރައްވައިގެން ތިއްބަވާ ބޭފުޅުންގެ ވާހަކަތައް މިއަދު ހުރީ އެއާއި އެއްގޮތަކަށްތޯ ގާސިމް ސުވާލު ކުރެއްވިއެވެ.

"ދެން ހުރުމަތްތެރިކޮށް ހިތުނީ ކަމަށް ބެލެވޭނެތޯ ވައުޒު ވިދާޅުވާން އަންނަ ބޭފުޅުން ނުވަތަ ރޭގަނޑު ތަރާވީހް ނަމާދު ކުރުމަށް އެ ގެނެވޭ ބޭފުޅުން، ރާއްޖޭގައި އެހާ ގިނަ ބޭފުޅުން ނެތީތީ އެފަދަ ބޭފުޅުން ރާއްޖެއިން ބޭރުން ގެނައުމަކީ އިސްރާފެކޭ ބުނުން ހެޔޮވާނެތޯ." ނަޝީދުގެ ވާހަކަތަކާއި ގުޅޭގޮތުން ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެފަދަ ބޭފުޅަކު އެ ހިލާފުވަނީ ކޮންކަމަކާކަން ނިންމާނީ ރައްޔިތުން ކަމަށެވެ.

ނަމަވެސް އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ކިހާ ބޮޑު ކުށެއްކަން އެފަދަ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާތޯ ގާސިމް ސުވާލުކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ގާސިމް ވަނީ ދާދިފަހުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސް، ކާކުކަން ނޭންގޭ ގޮތަކަށް ހެކިބަސްދެވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރީ ދީނާ ދެކޮޅަށް ދައްކާ ވާހަކަތަކަށް ރައްދުދޭ މީހުން ހިފެހެއްޓުމަށްތޯވެސް ސުވާލު ކުރައްވާފައެވެ.

"ދެން އަޅުގަނޑު ހިތަށް އަރަނީ އިސްލާމްދީނުގެ ވާހަކަ ދެއްކީތީ، އަޅުގަނޑުގެ މައްޗަށް ޕީޖީ އަޅުގަނޑު މިއީ ޓެރަރިސްޓެކޭ ކިޔައިގެން ޓެރަރިޒަމްގެ ގާނޫނާ ހިލާފްވެއްޖެޔޭ ކިޔާ ދައުވާ ނުކުރާނެ ބާވައޭ. އަޅުގަނޑު މިދައްކަނީ އިސްލާމްދީނުގެ ވާހަކަ. އަޅުގަނޑު މިތާކު ނުދައްކަން ނަސޯރާ ދީނުގެ ވާހަކައެއް. އަޅުގަނޑު މިތާކު ނުދައްކަން އެހެން ޔަހޫދީ ދީނުގެ ވާހަކައެއް، އަދި ކްރިސްޓިިއަން ދީނުގެ ވާހަކައެއްވެސް ނުދައްކަން."

ގާސިމް ވިދާޅުވީ މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން މެދުނުކެނޑި ދީނާ ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެއީ ގައުމުގައި ބައިބައިވުން އުފެދި، ހަމަނުޖެހުން އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށާ އެހެން ކަމުން އެފަދަ ކަންކަން ނުކުރުމަށް ގާސިމް ގޮވާލެއްވިއެވެ. އަދި އެފަދަ ވާހަކަތައް ދައްކަން ފުރުސަތު ދީގެން އަބަދު ނުތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ވިއަވަތި ރާއްޖެ" މަހާސިންތާގައި ދެއްކެވި ވާހަކަފުޅެއްގައި ރައީސް ނަޝީދު ވިދާޅުވަނީ ކައުންސިލުތަކުން ބަޖެޓުގައި ހިމަނައިގެން ބޭރުގެ ހާފިޒުން ގެނެސްގެން ކަން ކުރުމަށް ކަނޑައަޅާފައިވާ ކަމަށާ އެއީ ބޭކާރު ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ.