ރައީސް މައުމޫން އަބްދުލްގައްޔޫމް

ސީޕީ ދެއްވީ ބިރުވެރި މައުލޫމާތެއް، ސަމާލުވާންޖެހޭ: މައުމޫން

މީހުންގެ ފުރާނަ ދުއްވާލަން ތައްޔާރަށް ތިބޭ ހިސާބަށް ދީނީ ގޮތުން ހަރުކަށި ވެފައި ތިބި 1400 އަށްވުރެ ގިނަ ދިވެހިން އެބައުޅޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ވިދާޅުވުމާމެދު މުޅި ގައުމު ސަމާލު ވާން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްއާރުއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިސް މެންބަރުންނާ އެކު ކްރޮސްރޯޑްސްގައި ކުރިއަށްދާ މަހާސިންތާގައި މިއަދު ބޭއްވި ސެޝަންގައި ގިނަ އަދަދެއްގެ ކައުންސިލަރުންގެ ފަރާތުން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ހަރަކާތްތެރިވާ މިންވަރާއި އެ ކަމާ ގުޅޭ ތަފާސް ހިސާބުތައް އާންމު ކޮށްދިނުމަށް އެދިފަ އެވެ.

ކައުންސިލަރުންގެ އެދިފައިވާ ތަފާސް ހިސާބުތަކުގެ މައުލޫމާތަކީ މީގެ ކުރިން ގައުމީ ސަލާމަތާ ގުޅުން ހުރި ސިއްރެއްގެ ގޮތުގައި އާންމުކޮށްފައި ނުވާ މައުލޫމާތުތަކެކެވެ. ނަމަވެސް އޭގެ ނުރައްކާތެރިކަން އިންތިހާއަށް ގޮސްފައިވާތީވެ މިއަދުގެ ސެޝަންގެ ތެރެއިން ކަމާ ގުޅޭ މުއައްސަސާތަކުން ވަނީ އޭގެ ތަފާތު ހިސާބުތައް ދީފަ އެވެ.

ތަފާތު ހިސާބުތައް އިއުލާން ކުރަމުން ސީޕީ ހަމީދު ވިދާޅުވީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ އޮޕަރޭޝަނާއި އެ މީހުންގެ އަދަދު ވެސް ކަމާ ބެހޭ މުއައްސަސާތަކަށް ސާފު ކަމަށެވެ. އެ ގޮތުން މީހުންގެ ފުރާނަ ނަގާލަން މަސައްކަތް ކުރާ ހިސާބަށް ހަރުކަށިވެފައި ތިބި ގާތްގަނޑަކަށް 1400 އެއްހާ ދިވެހިން އެބަ ތިބި ކަމަށާއި އެ ކަން ހުއްޓުވަން ކަމާ ބެހޭ މުއައްސަސާތައް ތިބީ ތައްޔާރަށް ކަމަށެވެ.

އެކަމާ ގުޅިގެން މައުމޫން މިރޭ ކުރައްވާފައިވާ ޓްވީޓެއްގަައި ވިދާޅުވީ ރާއްޖޭގައި އައިއެސް ގެ ފަރާތުން ހިންގާ ޓެރަރިޒަމްގެ ހަރަކާތް ތަކާ ބެހޭގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ދެއްވީ ވަރަށް ބިރުވެރި މައުލޫމާތު ތަކެއް ކަމަށެވެ. އަދި އެއީ މުޅި ގައުމު ސަމާލު ވާން ޖެހޭ ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

މީގެ ކުރިން ސީރިއާގައި ހިނގާ ދާހިލީ ހަނގުރާތަކުގެ އިތުރުން ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގާފައިވާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވެ އަނބުރާ ރާއްޖެ އައިސް އުޅޭ ދިވެހިންތަކެއް ވެސް މިއަދު ރާއްޖޭގައި އެ ފިކުރު ފަތުރަން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ހަމީދު މިއަދު ވިދާޅުވި އެވެ.

އެފަދަ މީހުންގެ ހަރުކަށި އަމަލުތައް ހުއްޓުވުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ދިވެހި ފުލުހުންނާއި ކައުންސިލަރުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ހަމީދު މިއަދު ވިދާޅުވި އެވެ. އެ ގޮތުން މިހާރު ވެސް ރަށްރަށުގެ ކުށުގެ ވެށީގެ މައްސަލަތަކުގައި ކައުންސިލްތަކާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވޭ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ރަށްރަށުގައި މި ފިކުރުތައް ފެތުރި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅި، ނުރައްކާތެރި އަމަލުތައް ފެނިގެންދާ ދިއުން އެއީ ކަންބޮޑުވާން ޖެހޭ ކަމެއް، މިފަދަ އަމަލުތައް ހުއްޓުވަން ފުލުހުންނާއި ރަށްރަށުގެ ކައުންސިލްތަކުން މަސައްކަތް ކުރަން ޖެހޭ،" ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން ސީރިއާގެ ދާހިލީ ހަނގުރާމާގައި ބައިވެރިވާން އުޅޭ ދިވެހިންގެ ތަފާސް ހިސާބުތައް ވެސް ކޮމިޝަނަރު މިއަދު ދެއްވި އެވެ. އެ ގޮތުން އެ ހަނގުރާމަ ކުރަން ޝައުގުވެރިވެ އެ މަގަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދާން މަސައްކަތް ކުރި މީހުންގެ އަދަދަކީ 423 އެވެ. އެކަމަކު ސީރިއާއަށް އެއިން އެތެރުވުނު ކަމަށް އެނގެން އޮތީ 173 ދިވެހިންނެވެ.

ސީޕީ ހަމީދު ވިދާޅުވި ގޮތުގައި ސީރިއާގައި މިހާރު ތިބީ 59 ދިވެހިންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި ނަމަވެސް ރާއްޖެ ގެނެވޭ ހާލަތުގައި މިހާރު ތިބީ ހަމައެކަނި ހަތަރު ފިރިހެނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އެންމެން ވެސް ރާއްޖެ ގެނެސް ރެހިބިލިޓޭޝަން ދީގެން އަނބުރާ މުޖުތަމައަށް ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށް ހަމީދު ވިދާޅުވި އެވެ. އެ ގޮތުން ދާދި ފަހުން ފާސްކުރި ޓެރަރިޒަމްގެ އާ ގާނޫނުގެ ދަށުން އެ މަސައްކަތް ކުރުމުގެ ގޮތުން ކ. ހިންމަފުށީގައި ސެންޓަރެއް ވެސް އަޅަމުންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދީނީ ގޮތުން ހަރުކަށި ވެފައި ތިބި މީހުންނެކޭ އެއްފަދައިން ދީނަށް ފުރައްސާރަ ކުރާ އަދި ތައުހީނު ކުރާ ފަރާތްތަކާ މެދު ވެސް ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ވެސް ފިޔަވަޅު އަޅާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.