ލައިފްސްޓައިލް

ކެޓްރީނާ، މާ ހަގު ބަތަލުންނާއެކު

ކެޓްރީނާ ކައިފް އާއެކު ފިލްމު ކުޅޭ ކޮންމެ އެކްޓަރަކާ ވެސް އޭނާގެ ކެމިސްޓްރީ ވަރަށް ރަނގަޅެވެ. އެއީ އޭނާއަށް ވުރެ މާ ދޮށީ އެކްޓަރަކަށް ވިޔަސް އަދި މާ ހަގު އެކްޓަރަކަށް ވިޔަސް މައްސަލައެއް ނެތެވެ. ކެޓްރީނާގެ ކެރިއަރުގެ އެންމެ ކުރީކޮޅު އޭނާ ކުޅުނު ފިލްމުތަކުގައި ބަތަލުގެ ބައި ކުޅެފައި ހުރީ ސަލްމާން ޚާނާއި އަކްޝޭ ކުމާރު ކަހަލަ އޭނާ އަށް ވުރެ ވަރަށް ބޮޑުތަން ދޮށީ އެކްޓަރުންނެވެ. ނަމަވެސް އޭގެ ފަހުން ރަންބީރު ކަޕޫރާއި އަދިތުޔާ ރޯއި ކަޕޫރު ފަދަ ކެޓްރީނާ އަށް ވުރެ އަހަރެއް ދެ އަހަރެއް ހަގު އެކްޓަރުންނާއެކު އޭނާ ފިލްމުތައް ކުޅެފައި ވެއެވެ.

މިހާރު އަނެއްކާވެސް އެއް ޖެނެރޭޝަން ސޮއްސާލައި ކެޓްރީނާ އާ ވުރެ މާ ބޮޑުތަން ހަގު އެކްޓަރުންނާއެކު އޭނާ މަސައްކަތް ކުރަން ދަނީ ތައްޔާރު ވަމުންނެވެ. ފަރްހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ ފިލްމު ކުންފުނި އެކްސެލް އެންޓަޓައިންމަންޓް އިން އުފައްދާ ފިލްމެއްގައި ކެޓްރީނާ އާއެކު ބަތަލުގެ ބައިން ފެންނާނީ އިޝާން ޚައްތަރު އާއި ސިދާންތު ޗަތުރުވޭދީ ކަމަށް އިންޑީއާގެ ބައެއް ފިލްމީ ޚަބަރުތައް ބުނެ އެވެ.

ކެޓްރީނާގެ އުމުރުން 36 އަހަރު ފުރިފައިވާއިރު އިޝާން އަށް 24 އަހަރެވެ. އަދި ސިދާންތު އަށް 26 އަހަރެވެ. ވީމާ މިއީ ކެޓްރީނާ އާ ބަލާއިރު ވަރަށް ހަގު ދެ އެކްޓަރުންނެވެ.

އެހެންކަމުން މި ފިލްމުގައި ކެޓްރީނާގެ ކެރެކްޓާ އަކީ ތަންކޮޅެއް ދުވަސްވީ މީހެއްގެ ކެރެކްޓާއަށް ނޫންނަމަ އޭނާގެ ސިފަ ޅަ ކުރަން ކެޓްރީނާ ވަރަށް މަސައްކަތް ކުރަން ޖެހޭނެ އެވެ. ނޫންނަމަ ބެލުންތެރިން މި ފިލްމު ބަލައެއް ނުގަންނާނެ އެވެ.

ބޮލީވުޑްގައި ތަޖުރިބާހުރި ބަތަލާއިން އެމީހުންނަށް ވުރެ މާ ހަގު އެކްޓަރުންނާއެކު މަސައްކަތް ކުރުމަކީ އާ ކަމެއް ނޫނެވެ. މާލާ ސިންހާ އާއި ނަންދާ ފަދަ ބަތަލާއިން އެމީހުންނަށް ވުރެ މާ ހަގު ސަންޖޭ ޚާނާއި ޝަޝީ ކަޕޫރާއެކު މަސައްކަތް ކޮށްފައި ވެއެވެ.

އަމީތާބް ބައްޗަން އާއި ރާޖޭޝް ކަންނާ ވަނީ އެމީހުންނަށް ވުރެ ދޮށީ ވަހީދާ ރަހްމާން ބަތަލާގެ ބައި ކުޅެފައިވާ ފިލްމުތަކުގައި ބައިވެރިވެފަ އެވެ. އަދި ވަރަށް ފަހުން ކަރީނާ ކަޕޫރު ވެސް ވަނީ އޭނާއަށް ވުރެ މާ ހަގު އިމްރާން ޚާން އާއެކު ދެ ފިލްމެއް ކުޅެފަ އެވެ.