ލައިފްސްޓައިލް

ސިރީ ޒުވާނެއްގެ ފުރާނަ ސަލާމަތްކޮށްދީފި

ސްމާޓްފޯން ގެންގުޅޭ މީހުންނަށް މިހާރު ސިރީ އަކީ އާ އެއްޗެއް ނޫނެވެ. ސިރީ ކައިރީގައި ބޭނުން ސުވާލެއް ކުރަންވީ އެވެ. އަދި ކާރު ދުއްވާ ގަޑީގައި ލަވައެއް ޖަހާލަދޭން ބުންޏަސް ސިރީ ވަގުތުން އެ ލަވައެއް ޖަހާލަދޭނެ އެވެ. ސިރީ ކައިރީގައި މިވެނި މީހަކަށް ގުޅާލަދޭށޭ ބުންޏަސް ފޯނުގައި އެ ނަން ސޭވް ކޮށްފައި އިންނަމަ ވަގުތުން އެ މީހަކަށް ގުޅާލަދޭނެ އެވެ. ސިރީ އަކީ ފޯނުތަކުގައި ހުންނަ ވޮއިސް އެކްޓިވޭޓަޑް އެސިސްޓެންޓެކެވެ.

އައިފޯނެއްގައި އިން ހަމަ މި ފީޗާ މެދުވެރިވެގެން ދާދިފަހުން ވަނީ ޒުވާން ފިރިހެންކުއްޖެއްގެ ފުރާނަ ސަލާމަތް ވެފަ އެވެ.

އެމެރިކާގެ އަޔޯވާ ސްޓޭޓްގައި ދިރިއުޅޭ 18 އަހަރުގެ ގައެލް ސެލްސޭޑޯ ނަމަކަށް ކިޔާ ފިރިހެން ކުއްޖެއް ކާރު ދުއްވާފައި ދަނިކޮށް މަގުމަތީގައި ހެދިފައި ހުރި އައިސްގަނޑެއްގައި ޖެހި މަގުން ކައްސާލައިގެން ގޮސް ކޯރެއްގެ ތެރެއަށް ކާރު ވެއްޓުނީ އެވެ. އޭނާ ވަގުތުން ސިރީ ކައިރީގައި 911 އަށް ގުޅާދިނުމަށް އެދުނެވެ.

ވަގުތުން ސިރީ އިމަޖެންސީ ނަމްބަރަށް ގުޅާ ދިނުމުން އެ ސަރަހައްދުގެ ރެސްކިއު ޓީމެއް އައިސް މި ފިރިހެންކުއްޖާ ވަނީ ސަލާމަތް ކޮށްދީފަ އެވެ.

ގައެލް ބުނި ގޮތުގައި އޭނާ ކާރު ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ގަނޑުފެންގަނޑަކަށް އެރިގެން ކާރު ކައްސާލާގޮތް ވީއެވެ. ދެން ކަނާތްފަރާތަށް އަނބުރާލަން އުޅެނިކޮށް ވީ ނުވީއެއް ނޭނގި ކާރު ކައްސާލައިގެން ގޮސް ކޯރަށް ވެއްޓުނީ އެވެ.

"އަހަރެން ހީކުރީ އަހަރެން މަރުވަނީ ކަމަށް،" ގައެލް ބުންޏެވެ.

ކާރު ގޮސް ކޯރަށް ވެއްޓުމުން ފޯނު ކޮބައިތޯ ބެލިއިރު އޭނާއަށް ފޯނުވީ ތަނެއް ވެސް ނުފެނުނެވެ. އެހެންވެ "ހޭ ސިރީ 911 އަށް ގުޅާ" މިހެން ބުނީ ކަމަށާއި ވަގުތުން ސިރީން 911 އަށް ގުޅުނު ކަމަށް ފިރިހެންކުއްޖާ ބުންޏެވެ. އަދި ފޯނު އޮތް ތަން ވެސް އެވަގުތު އޭނާއަށް ފެނުނެވެ.

ސިރީގެ ވާހަކަ މިދިޔަ ހަފުތާގައި ވެސް ދުނިޔޭގެ މީޑިއާތަކަށް އެރި އެވެ. ބީބީސީގެ ބްރޯޑްކާސްޓެއްގައި މީޓިއޮރޮލޮޖިސްޓެއް ކަމަށްވާ ތޮމާޒް ސްޝަފާނޭކަރް މޫސުމާ ބެހޭ މައުލޫމާތު ކިޔައިދެމުން އެމެރިކާގެ މިނިއޭޕޮލިސް އާއި ޑެންވާ އަށް ސްނޯ ފައިބާނެކަމަށް ބުނުމާއެކު ސިރީ ވަގުތުން އެ ވާހަކަ ދޮގުކުރީ އެވެ.

ތޮމާޒް ސްނޯ ފައިބާނެކަމަށް ބުނުމުން އޭނާގެ އަތުގައި އޮތް އެޕަލްވޮޗުން ސިރީ އެކްޓިވް ވެސް ސްނޯ ފައިބާނެކަމަށް ފޯކާސްޓް ކޮށްފައި ނުވާކަމަށް ލައިވް ޓީވީގައި ބުންޏެވެ.

ސިރީގެ ބުނުން ދިފާއުކުރަމުން ތޮމާޒް ބުނީ ސިރީ އަށް ސީދާ ލޮކޭޝަން ނޭނގުނީ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ތޮމާޒް ބުނި ގޮތުގައި އޭނާގެ ގަޑީގައި ސިރީ އެކްޓިވް ވީ އޭނާއަށް ނޭނގި އެވެ.

ކޮންމެއަކަސް މިކަން ވީ މި ޕްރޮގްރާމް ބެލި މީހުންނަށާއި މި ތަންކޮޅެއް ރެކޯޑް ކޮށްގެން ސޯޝަލް މީޑިއާގައި ދައުރުކުރުމުން އެ މަންޒަރު ބެލި މީހުންނަށް ވަރަށް މަޖާ ކަމަކަށެވެ. އަދި ސިރީ އަށް ލިބުނު ވަރަށް ބޮޑު މަޝްހޫރުކަމަކަށެވެ.