ލައިފްސްޓައިލް

މާބަނޑު އަންހެނުން ބުރަކަށީގައި ބޭންދި މީހާއަށް ތައުރީފު

މީހަކު ގޮނޑިއެއް ގޮތަށް އިނދެ މާބަނޑު އަނބިމީހާ އޭނާގެ ބުރަކަށިމަތީގައި ބައިންދާ މަންޒަރެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. އަދި މި ފިރިހެންމީހާއަށް އެތައް ހާސް މީހުންނެއް ދަނީ ތައުރީފު ކުރަމުންނެވެ.

މި ވީޑިއޯ ރެކޯޑް ކުރެވިފައިވަނީ ހޮސްޕިޓަލެއްގެ ސީސީޓީވީ ކެމެރާ އިންނެވެ. މި ވީޑިއޯގައި ފެންނަނީ ހޮސްޕިޓަލުގެ ކޮރިޑޯގައި މާބަނޑު އަންހެނަކު ކޮޅަށް ނުހުރެވިގެން ހަދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރެވެ. ބަލާ ބެލުމަށް މި އަންހެންމީހާ އަކީ ދުވަސްފުރި ވިހަން ތައްޔާރުވެފައިވާ މީހެކެވެ.

ތަނެއްގަ އިށީންނަން ބޭނުންވެގެން އަންހެނުން އުޅޭ ތަން ފެނިފައި ފިރިހެންމީހާ ކުއްލިއަކަށް ތަޅުންގަނޑުމަތީގައި އިށީނދެ އަންހެންމީހާ އޭނާގެ ބުރަކަށި މަތީގައި ބޭންދި އެވެ.

ހިތަށް ވަރަށް އަސަރު ކުރުވާ މި މަންޒަރު އެންމެ ފުރަތަމަ ޝެއާކޮށްފައިވަނީ ހެގަންގްގެ ފުލުހުންނެވެ. ހެގަންގް އަކީ ޗައިނާގެ އިރު އުތުރު ހެއިލޮންގްޖިއަންގް ޕްރޮވިންސްގެ ރަށެކެވެ. މި ވީޑިއޯ ވައިރަލް ވުމާއެކު އިންޓަނެޓު ބޭނުންކުރާ ވަރަށް ގިނަ ބަޔަކު ވަނީ ފިރިހެންމީހާ އަށް ތައުރީފުކޮށް އެކި މެސެޖުތައް ލިޔެފަ އެވެ. އެ ކޮރިޑޯގެ ގޮނޑިތަކުގައި އިށީނދެ ތިބި މީހުންނަށް ބައެއް މީހުންގެ ރުޅިއާއި ފާޑުކިޔުން އަމާޒުވި އެވެ. އެ އަންހެންމީހާ އަށް އެހީތެރިވެ ނުދީގެންނާއި ގޮނޑީގައި ތިބި މީހުން ތެދުވެފައި އޭނާ އިށީނދެލަން ތަންކޮޅެއް ނުދިނުމުންނެވެ.

އަންހެންމީހާ އިށީންނަން ބޭނުންވެގެން ހަދާނެގޮތެއް ނޭނގިގެން އުޅުނުއިރު ގޮނޑިތަކުގައި ތިބި މީހުންނަށް އެ މަންޒަރު ފެނުނުހެންނެއް ވެސް ހިއެއް ނުވެ އެވެ. ސަބަބަކީ ކޮންމެ މީހަކު ވެސް އިނީ އެމީހެއްގެ އަތުގައި އޮތް ފޯނަށް ގެއްލިފަ އެވެ.