ކުޅިވަރު

އެވަޓަންއާ ހަވާލުވާން އެންޗެލޮޓީ އެއްބަސްވެއްޖެ

ހެޑް ކޯޗްގެ މަގާމު ހުސްވެފައިވާ އެވަޓަންގެ ޓީމުގެ ކޯޗް ކަމަށް ކާލޯ އެންޗެލޮޓީ ގެންނަން އެވަޓަން އާއި އޭނާ އާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ސްކައި ސްޕޯޓްސްއިން ބުނެފައި ވަނީ ދެ ފަރާތުގެ ދެމެދުގައި ވަކި މަރުހަލާއަކާ ހަމައަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި މުޅި އެއްބަސްވުން ފުރިހަމަވެގެން ދާނީ މިއަދު ކަމަށްވެސް އެ ނޫހުން ބުނެފައި ވެއެވެ.

އެންޗެލޮޓީ އެންމެ ފަހުން ހުރީ ނަޕޯލީގެ ކޯޗް ކަމުގަ އެވެ. އެ ޓީމު ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރަށް ކޮލިފައި ކޮށްދިނުމަށް ފަހު އޭނާ ކުލަބާ ވަކިވީ ދެފަރާތުގެ މެދުގައި އެއްބަސް ވެވިގެންނެވެ. ކުލަބުން އޭނާ ދޫކޮށްލީ އެ ޓީމުގެ ޑޮމެސްޓިކް ސީޒަންގެ ނަތީޖާތައް ރަނގަޅު ނުވުމުންނެވެ.

އެވަޓަންގެ ނަތީޖާތައް ރަނގަޅު ނުވުމުން އެ ކުލަބުގެ ކޯޗް ގެ މަގާމުގައި ހުރި މާކޯ ސިލްވާ ވަނީ މަގާމުން ވަކި ކޮށްފަ އެވެ. އޭގެ ފަހުން ކުލަބުގެ ވަގުތީ ކޯޗްގެ މަގާމު އަދާ ކުރަމުން ދަނީ އެވަޓަންގެ ކުރީގެ މިޑްފީލްޑާރު ޑަންކަން ފާގަސަން އެވެ.

އެވަޓަންގެ ކޯޗް ކަމަށް އެންޗެލޮޓީ އައުން ވެގެން ދާނީ އޭނާ އިނގިރޭސި ޕްރިމިއާ ލީގްގައި މަސައްކަތް ކުރާ ދެ ވަނަ ފަހަރެވެ. އޭނާ ވަނީ 2009 ވަނަ އަހަރުން 2011 ވަނަ އަހަރަށް ޗެލްސީގައި މަސައްކަތް ކޮށްފަ އެވެ.