ހަބަރު

ގުރުއާން މާއްދާ އިތުރުކޮށް އޯލެވެލް އަށް ބޮޑު ބަދަލެއް

ގައުމީ އާ މަންހަޖާއެކު އަންނަ އަހަރުން ފެށިގެން އޯލެވެލް އިމްތިހާނަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.

ޑީޕީއީގެ އިންފޮމޭޝަން އޮފިސަރު ޝާހިދު އަބްދުﷲ އަވަސް އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އަންނަ އަހަރުން ފެށިގެން އޯލެވެލް އިމްތިހާނުގައި ގުރުއާން ވަކި މާއްދާއެއްގެ ގޮތަށް ހިމެނޭނެ ކަމަށެވެ. އަދި ގުރުއާނުން ދެ އެސެސްމެންޓް ދެވޭނެ ކަމަށާއި މި އެސެސްމެންޓް ހިމެނޭނީ އެސްއެސްސީ އިމްތިހާނުގެ ތެރޭގައި ކަމަށެވެ.

ޝާހިދު ވިދާޅުވީ މި ދެ އެސެސްމެންޓް ހަދަން ދަރިވަރުންނާއި ހަވާލު ކުރެވޭނީ އެ އަހަރުތެރޭގައި ކަމަށާއި އެހެން ކަމުން ގުރުއާން މާއްދާއަށް ވަކިން ޓެސްޓް ހަދާކަށް ނުޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރު ގުރޭޑް ނުވައެއް ނިންމައި އަންނަ އަހަރު 10 އަކަށް ދާ ދަރިވަރުންނަށް މިހާރު ފުރަތަމަ އެސެސްމަންޓް ހަވާލުކޮށްފައިވާނޭ ކަމަށާއި މި އެސެސްމަންޓް ސްކޫލާ ހަވާލު ކުރަން ޖެހޭނީ އަންނަ ފެބްރުއަރީ މަސްތެރޭގައި ކަމަށެވެ. އަދި މި އެސެސްމެންޓް ހަވާލު ކުރުމުން ދެވަނަ އެސެސްމަންޓް ދަރިވަރުންނާ ހަވާލު ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެސެސްމަންޓް ގެ އިތުރުން އަޅުގަނޑުމެން އަނގަބަހުންވެސް ދަރިވަރުންނާ ސުވާލު ކުރާނަން. ދަރިވަރުން ޖެހޭނީ ބަލައިގެންނާއި ނުބަލައި ގުރުއާންގެ ސޫރަތްތައް ކިޔައިދޭން. ނުވަތަ އެ ހަވާލުކުރާ ގުރުއާނުން ބައެއް ބަލައިގެންވިޔަސް ނުބަލާ ވިޔަސް ކިޔައިދޭން. މިގޮތަށް ކިޔައިދޭއިރު ވީޑިއޯވެސް ކުރާނެ. މި އެސެސްމަންޓް ސްކޫލްތަކާ ހަވާލު ކުރުމުން ފުރަތަމަ އެ މާކް ކުރާނީ ޓީޗަރު. އެއަށްފަހު ސްކޫލް މެނޭޖްމަންޓުން ނިންމާ ސްކޫލުން ބޭރުން މީހަކު ގެނެސްގެން ބަލާނީ. ދެން އެ ބޭފުޅުން އެ މާކްކޮށް ނިމުނީމަ އަޅުގަނޑުމެންނާ ހަމަޔަށް އޭތި އަންނާނީ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ އާ މަންހަޖާއެކު އިސްލާމް އާއި ދިވެހި ކަރުދާހަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން ދިވެހި ކަރުދާހުގައި އޮންނަ އަދަބިއްޔާތާއި، ޅެމާއި ރައިވަރު މާނަ ކުރުން ނޯންނާނެ ކަމަށާއި ހަމައެކަނި އޮންނާނީ ދޭހަޔާއި ލިޔުންތެރިކަން ކަމަށެވެ. ނަމަވެސް އެ އަހަރުތެރޭގައި ދަރިވަރުންނަށް ދިވެހި މާއްދާއިން އެސެސްމެންޓެއް ހެދުމަށް ހަވާލު ކުރެވޭނެ ކަމަށާއި މި އެސެސްމަންޓުގައި ފޮތް ރިވިއު އާއި އަދަބިއްޔާތާއި ޅެމާއި ރައިވަރު މާނަ ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އިސްލާމް އިމްތިހާނުގެ، ފުރަތަމަ ކަރުދާހުގައި އަންނާނީ އިހްތިޔާރީ ޖަވާބުދޭ ސުވާލުތައް ކަމަށާއި ދެވަނަ ކަރުދާހުގައި އަންނާނީ ދިގު ޖަވާބާއި ކުރު ޖަވާބު ދޭން ޖެހޭ ސުވާލުތައް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މި ބަދަލުތަކަކީ އާ މަންހަޖު އެކުލަވާލި މަގުސަދު ހާސިލް ކުރުމަށް ގެނައި ބަދަލުތައް ކަމަށެވެ. އަދި މިއީ ދަރިވަރުންނަށް ފައިދާ ކުރާނެ ބަދަލުތަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.