ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(15 ޑިސެމްބަރ 2019 އާ ގުޅޭ)

"އައި އޭމް ޕްލޭނިން... ފަނިކޮށްނުލާތި، މާދަމާ ރޭ އެއިޓްގެ ފަހުން އެއްވެސް ކަމެއް ބާއްވައިގެން ނުވާނެ" ސާރާ ބުނެލިއެވެ.

"އައި ކާންޓް" ސާރާގެ ގަސްދަކީ ކޮބައިކަން އެނގި ހުރެ ދާރިއަން ނިކަން އަވަހަށް ބުނެލިއެވެ.

"ފެމެލީ ގެޓްޓުގެދާއެއް ވެސް އެބައޮތޭ... ރިއާން ވަރަށް ހެއްވާވާނެ، މިދިޔަ އަހަރު ވެސް ދިޔަނުދިޔަ ތަނެއް ނޭނގޭ، ޕްލީޒް... ފެމެލީއާއެއްކޮށް ނޫނަސް އަހަރެމެން ދެ މީހުން އެކަނި" ސާރާ ބުނެލިއެވެ.

"ސާ..ރާ..." ދާރިއަން އެއްބަސްވާން ބޭނުންނުވާ ފަދައިން ގޮވާލިއެވެ.

"ދެން އެއްބަސްވެބާ... އަހަންނަށްޓަކާ" ސާރާ އެދުނެވެ.

"އައި ހޭވް ވޯކް.. މާދަމާ ރޭ މިކޮޅަށް އަންނަން ޖެހޭ" ދާރިއަން އެއްބަހެއް ނުވިއެވެ.

ސާރާ ކުރުނުކޮށް އާދޭސް ކުރަން ފެށުމުން ދާރިއަން ތަންކޮޅެއް ހަރުކަށިކޮށް ހުއްޓާލުމަށް ބުނެލިއެވެ. އޭނާ ބޭނުންނުވާއިރު އެކަން ސާރާއަށް ނުވިސްނެނީ ކީއްވެތޯ އެއްސެވެ. ހުރިހާކަމެއްގައި ސާރާ ބޭނުންވާގޮތް ހަދަންޖެހޭތޯ ވެސް ދާރިއަން އެއްސެވެ. ދާރިއަން ރުޅި އައީހެން ހީވުމުން ސާރާ އަވަސް އަވަހަށް މަޢާފަށް އެދުނެވެ. ކޮންމެވެސް ކަމަކާ ދާރިއަންގެ ޠަބީޢަތް ގޯސްވެފައި އިން ވަގުތަކީއޭ ސާރާ ހީކުރިއެވެ. އަދި އޭނާއަށް އުނދަގުލެއް ނުކުރާނަމޭ ބުނެ ހަލުވިކޮށް ކެބިންއިން ނިކުމެއްޖެއެވެ. އެހެންނަމަވެސް އޭނާ ރާވަމުން އައި އެއްވެސް ކަމެއް ހުއްޓާލުމުގެ ވިސްނުމެއްނެތެވެ.

ދާރިއަންއާއެކު ކާރުން ފޭބި ޒުކަން ގޮވާލިއެވެ. އިސްޖަހާލައިގެން ހުރެ ގެއަށް ވަންނަން އައި ދާރިއަން މަޑުކޮށްލިއެވެ. އޭނާގެ ކޮނޑުގައި ކަނާއަތް ބާއްވާލައި ޒުކަން ވާހަކަދެއްކިއެވެ.

"އުފަން ދުވަސް ފާހަގަކުރުން މުހިންމުނޫންކަން އެނގޭ... އެހެންވިޔަސް ދަރިފުޅަށް ހަދިޔާއެއްދޭން ގަސްދުކޮށްގެން މިހުންނަނީ، ބުނެބަލަ!... ކޯއްޗެއް ދާރިއަން ބޭނުމީ" ދާރިއަން ގޮވައިގެން ގޭތެރެއަށް ވަންނަމުން ޒުކަން އެއްސެވެ.

"ބޭނުންވާ އެއްޗެއްނެތް، ބައްޕައަށް ފެންނަ އެއްޗެއް ދީ" ދާރިއަން ބުންޏެވެ.

"ދަރިފުޅުގެ އުފަން ދުވަހު ބައްޕަގެ ޖީބަށް އެންމެ ލުއިވާނީ... ދެން ހުރީ ދޮންބެ، އެއްމަސް ކުރީން ހިންޓު ދޭން ފަށާނެ، ކޮންމެ ފަހަރަކު ލިސްޓެއް އޮންނާނެ" ހިނިއައިސްފަ ހުރެ ޒުކަން ބުންޏެވެ.

"މަންމަ ގާތު ބައްޕަ ބުނެބަލަ އެހާވަރު އަރުވާނުލާށޭ، މިހާރު ބޮޑު ފިރިހެނަކަށްވެފައޭ މިހުރީ..." ދާރިއަންގެ އަޑުގައިވީ އާދޭހުގެ ރާގެވެ. އުފަންދުވަހެއް އަތުވެއްޖެނަމަ ކޮންމެ ފަހަރަކުވެސް އިބާ އަރުވާލާވަރު ޒުކަންއަށް އެނގެއެވެ. އޭނާ ހީނލަމުން ބޯޖަހާލިއެވެ.

ދެބަފައިން ވަދެގެން އަންނަނިކޮށް ކޮޓަރިން ނުކުތް އިބާއަށް އެމީހުން ފެނިއްޖެއެވެ. ނިކަން އަވަހަށް ދާރިއަންއަށް ގޮވާލިއެވެ. ސާރާ ވާހަކައެއް ބުނިތޯ އަހާލިއެވެ. އެނގުނު ކަމަކަށް ދާރިއަން ނުހެދިއެވެ. ހަމައެއާއެކު އިތުރު ވާހަކަތަކެއް ދައްކާނޭ ފުރުޞަތު އިބާއަށް ނުދީ ދާރިއަން ހަލުވިކޮށް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާގެ ހަރަކާތްތައް ބަލަން ޒުކަން އަދިވެސް ހުރީ ހެވިފައެވެ. ދާރިއަންގެ ފަހަތުން އިބާ ދާން އުޅެން ފެށުމުން އޭނާގެ މުލައްދަނޑީގައި ޒުކަން ހިފިއެވެ.

* * * * *

އަތުގައި މީހަކު އަތްލިހެން ހީވެ ހޭޒަލް ލޯ ހުޅުވާލިއެވެ. އޭނާގެ މަގަތުން އެނދުގައި ސާއިރާ އިށީންނަނީއެވެ. އެނދުގެ އަރަމަތީ ކަބަޑުގައި ސާއިރާ ގެނައި ތަބަށް ބެހެއްޓިއެވެ. އަދިވެސް އެއްފަހަރު ހޭޒަލްގެ ވައަތުގައި މަތިން ތިރިއަށް ސާއިރާ ފިރުމާލިއެވެ. އެއްޗެއް ކާލަން ތެދުވަން އޭނާ އެދުނީ ދެނެވެ. މަޑުމަޑުން ބޯޖަހާލުމާއެކު ހޭޒަލް ތެދުވިއެވެ. މަންމަގެ އަތުން ލަވާދޭތީ ކާން އިތުރު ހިތްވަރެއް ހޭޒަލްއަށް ލެވުނެވެ.

"އަދިވެސް ހާދަ ހޫނޭ..." ހޭޒަލްގެ ހަމުގައިވީ ހޫނުކަން އިޙްސާސް ކުރެވި ސާއިރާ ބުނެލިއެވެ. އެމޫނުގައިވަނީ ނުތަނަވަސްކަމެވެ.

ހޭޒަލްއަކީ މިހާރު މިނިވަނެކެވެ. ހުރިހާކަމަކަށް ނިމުން އައީ އިއްޔެގެ ވަގުތުގައެވެ. ހޭޒަލް ކޯޓަށް ދިޔައިރު ވެސް ހުރީ ހުމާއެވެ. ގެއަށް އައުމާއެކު އޭނާގެ ހާލު ހައްތަހާ ދިޔައީ ދަށަށްކަން ސާއިރާއަށް ފާހަގަވިއެވެ. އޭނާ އަދިވެސް އެންމެ ކަންބޮޑުވަނީ ހޭޒަލްއާއި ލިއަމްއާ ދެމެދު ހިނގާފައިވަނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭތީއެވެ. ދެ މީހުން ވަކިވާން އިސްނެގީ ހޭޒަލްއަށް ވިޔަސް އެ ނިންމުގެ ސަބަބުން އޭނާއަށް ފުންއަސަރުތަކެއް ކުރަމުންދާކަން ސާއިރާއަށް ވިސްނެއެވެ. ހޭޒަލް ވަރިވިއެއްކަމަކު އެއީ އޭނާ ބޭނުންވި ގޮތެއްނޫނޭ ސާއިރާގެ ޟަމީރު ވެސް ބުނެއެވެ. ޖެހުނީ ކޮންކަހަލަ ކުންޏެއްކަން އެނގެން ސާއިރާ ބޭނުންވަނީ އޭނާއަށް ވެދެވެން އޮތް އެހީއެއް ވެސް އެނގޭނީ އޭރުން ކަމަށްވީމައެވެ. ހޭޒަލް ގާތު ދެތިން ފަހަރަކު އޭނާ އަހަން ވެސް އަހައިފިއެވެ. އެކަމަކު ހޭޒަލް ވަކި ޖަވާބެއް ނުދެއެވެ. ކޯޓުން ގެއަށް އައުމާއެކު ބުނީ އެކަން ވެސް އެ ނިމުނީއެވެ. އެ ދެލޮލުގައިވީ ރިހުން ސާއިރާއަށް ސިއްރެއް ނުވެއެވެ. އޭގެ ފަހުން ހޭޒަލް ވާހަކައެއް ނުދައްކައެވެ. ނަމާދު ވަގުތު ނުޖެހުނަސް މުސައްލަ މަތީ އެތައްއިރެއްވާންދެން ހޭޒަލް އިންނަތަން ސާއިރާ ދުށްޓެވެ. ކާއެއްޗެހި ކާން މަސައްކަތް ކުރިޔަސް އޭނާ އެކަން އެކުރަނީ އަމިއްލަ ނަފްސަށް މަޖުބޫރުކޮށްގެންކަން ސާއިރާ ދެނަހުއްޓެވެ.

"ޒެއްލު..." ގެނައު ސޫޕްތަށީގެ ދެބައިކުޅަ އެއްބައި ވެސް ހޭޒަލްއަށް ނުކެވި ތަށި ދިއްކޮށްލި ހިނދު ސާއިރާ ގޮވާލިއެވެ. ހޭޒަލްގެ އަތުން ސޫޕު ތަށި ނަގައި ތަބަކުގައި ހުރި ފެންތަށި ސާއިރާ ދިއްކޮށްލިއެވެ.

"މަންމަ ކަންބޮޑުނުވޭ... އިރާދަކުރެއްވިއްޔާ މިދުވަސް ވެސް ހިނގައިދާނެ..." ރޯގާޖެހި ނޯށަށް އަރާފައިވާ އަޑަކުން ހޭޒަލް ބުނެލިއެވެ.

"ދެން ދުވަހަކުވެސް ލިއަމްއާ..." ސާއިރާގެ ވާހަކަ ކުރިއަށް ގެންދިޔަ ހޭޒަލް ނުދިނެވެ.

"އެ ނަން ނުކިޔާ... އަޅުގަނޑާ އެ ނަމާ އެއްވެސް ގުޅުމެއްނެތް... ސޮރީ މަންމާ... އަޅުގަނޑު އުޅޭ ގޮތުން މަންމަމެން ކަންބޮޑުވާކަން އެނގޭ، ކުޑަދުވަސްކޮޅަކު އަޅުގަނޑު އެކަނިވެލިޔަދީ... އޭގެ ފަހުގައި މަންމަމެން ބުނާ ބަސް އަހާނަން" ފެންތަށީގައި ދެއަތުން ހިފަހައްޓާލައިގެން އިސްޖެހިފައި އިނދެ ހޭޒަލް ބުންޏެވެ. ސާއިރާގެ ހިތުގައި ޖެހުނެވެ. އޯގާތެރިކަމާއެކު ހޭޒަލްގެ ބޮލުގައި ފިރުމާލިއެވެ.

"މަންމަ ކަންބޮޑުވަނީ ދަރިފުޅު ހިތާމަކުރާތީ، ދެކުދީން ވަކިވީ ކީއްވެކަން ނޭނގޭތީ... ތި ނިންމުގެ ސަބަބުން ޒެއްލުއަށް ހިތްހަމަޖެހުމެއްނުލިބޭކަން އެނގޭ" ސާއިރާ ބުންޏެވެ. ހޭޒަލް އެއްވެސް އެއްޗެއް ނުބުންޏެވެ. ފެންފޮދެއް ބޯލައި ތަށި އަމިއްލައަށް ބަހައްޓަން އުޅުނެވެ. އެއާއެކު ސާއިރާ ފެންތަށީގައި ހިފައިފިއެވެ. ފުންނޭވާއެއްލުމާއެކު އޭނާ ތެދުވިއެވެ. ތަބަށް ހިފައިގެން ސާއިރާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.

* * * * *

ގަޑިން ބާރަ ޖަހަނީއެވެ. ދާރިއަން އޮފީހުގައި އިނީ ގެއަށް ދާން ބޭނުންނުވެގެންނެވެ. މޭޒުމަތީގައި ހުރި ލެޕްޓޮޕް ހުޅުވާފައި ހުއްޓެއްކަމަކު އޭނާ މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ފޯނަށެވެ. "ގެލެރީ"ގައި ހުރި ހޭޒަލްގެ ފޮޓޯތަކަށް އޭނާ ބެލިއެވެ. އެ ފޮޓޯގައިވި ހޭޒަލްއާ ދާރިއަން ވާހަކަދެއްކިއެވެ. ފޯނަށް ޖަވާބު ނުދެނީ ކީއްވެތޯ އޭނާ އެއްސެވެ. ފޭސްބުކްއާއި އިންސްޓާގްރާމްއިން ވެސް ހޭޒަލްގެ ޚަބަރެއް ވޭތޯ އޭނާ މަސައްކަތްކުރީމޭ ބުނެލިއެވެ. އަންގާވެސް ނުލާ ރަށުން ބޭރަށް ދިޔައީތޯ އެ ފޮޓޯއަށް ބަލަން އިނދެ ދާރިއަން އެއްސެވެ. ލިއަމްއާއެކުތޯ ދިޔައީ އަހާލުމާއެކު ދާރިއަން މޫނު ހަދާލިއެވެ.

"ކާކާ ތި ވާހަކަދައްކަނީ؟" ކެބިންގެ ދޮރު ހުޅުވާލައިގެން ހުރި ސާރާ ބުންޏެވެ. ދާރިއަން ސިއްސައިގެން ދިޔަވަރުން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. އަވަސް އަވަހަށް ފޯނު ޖީބަށް ލައި އޭނާގެ ސަމާލުކަން ސާރާއަށް ހުއްޓާލިއެވެ. އެގަޑީގައި އޮފީހަށް ސާރާ އައީ ކީއްކުރަންތޯ ދާރިއަން އެއްސެވެ.

"ގެއަށް ނައިސްގެން ޔޯ މަމް ގުޅީ... ރިއާން ގޮވައިގެން އަންނައްޗޭ ބުނީ، އެހެންވެ ހިތަށް އެރީ މިކޮޅުގަ އިނދެދާނޭ... ބަލާލާފައޭ ދާނީ" ސާރާ އެތެރެއަށް ވަދެގެން އައިސް ދާރިއަންގެ މޭޒު ކުރިމަތީ ހުއްޓިލިއެވެ.

"އަހަރެން ނުދާނަން" ދާރިއަން ބުންޏެވެ.

"އަހަރެން ނުބުނަމެންނު ހިނގާށެކޭ... އެނީވޭސް... ހިއާ... މީ ރިއާންއަށް... ހެޕީ ބާތްޑޭ" ސާރާގެ އަތުގައި އޮތް ކަރުދާސް ކޮތަޅު ދާރިއަންއަށް ދިއްކޮށްލިއެވެ.

"މީގަ ހިފައިފިއްޔާ އަހަރެން އިންތަނެއް މަންމަ ގާތުނުބުނެ މިތަނުން ހިނގައިދާނަންތަ؟" ދާރިއަން ގޮނޑި ތެދުވެލިއެވެ. ސާރާ ހިނިތުންވެލުމާއެކު ބޯޖަހާލިއެވެ.

"އިހަށް މީގަ އޮތް އެއްޗެއް ބަލާބާ... ޕްލީޒް" ހިނިތުންވެލައިގެން ހުރެ ސާރާ ތިރީތުންފަތުގައި ދަތްއަޅާލިއެވެ. ކޮތަޅުގައި އޮތް އެއްޗެއް ދާރިއަންއަށް ކަމުދާނެކަމާމެދު ސާރާގެ ހިތް އަވަސްވެފައި ވެއެވެ.

ކަރުދާސް ކޮތަޅު ހުޅުވާލުމާއެކު އޭގައި އޮތް ފޮށި ދާރިއަންއަށް ފެނުނެވެ. އޭނާ މަޑުމަޑުން އެ ފޮށި ނެގިއެވެ. ކޮތަޅުގެ ތެރެއިން އެ ފޮށި ހާމަވަމުންދިޔަ ވަރަކަށް ދާރިއަންގެ މޫނުގައިވީ ހައިރާންކަން އިތުރުވިއެވެ.

"ރީތި ދޯ... އިޓްސް ސޯ ޔުނީކް... އަސްލު ހަދިޔާ ބޮކްސްގެ ތެރޭގަ އިނގޭ" ސާރާއަށް ހީކުރެވުނީ ފޮށީގެ ރީތިކަން ފެނި ދާރިއަން އަޖައިބުވެފައި ހުރީ ކަމުގައެވެ. އޭނާ ސާރާއަށް ބަލާލާފައި އަތުގައި އޮތް ފޮށްޓަށް ދެތިން ފަހަރަށް ބަލާލިއެވެ.

"ކޮންތާކުން މި ފޮށި ހޯދީ" ދާރިއަން ވަގުތުން ސުވާލުކުރިއެވެ.

"އަހަންނަށް އެނގުނު ދާރިއަންއަށް ކަމުދާނެކަން..." ސާރާގެ ހިނިތުންވުން ފުޅާވިއެވެ. ނަމަވެސް ދާރިއަންގެ މޫނުން ފެންނަނީ ސީރިއަސްކަމެވެ.

"ސާރާ!... މި ފޮށި ހޯދީ ކިހިނެއް؟" ދާރިއަން އަނެއްކާ ވެސް އެއްސެވެ.

"އިޓްސް މައިން... ނައު އިޓްސް ޔޯސް... ތި ހިފައިގެން ނުހުރެ އެތެރޭގަ އޮތް އެއްޗެއް ބަލާބަލަ" ކެތްތެރިކަން ކުޑަގޮތަކަށް ސާރާ ބުންޏެވެ.

"ނޯ... ނޯވޭ... ދިސް އިޒް ނޮޓް ޔޯސް..." ފޮށީގައި ކޮށްފައި ހުރި މަސައްކަތްތަކުގައި ކަނާތު އިނގިލިތައް ހިންގާލަމުން ދާރިއަން ބުންޏެވެ.

"އަހަރެންނު މިދިނީ" ސާރާ ބުންޏެވެ.

"މިބުނީނު މީ ސާރާގެ އެއްޗެއްނޫނޭ... ކިހިނެއް ކޮންތާކުން މި ހޯދައިގެން ތިއުޅެނީ" ދާރިއަންގެ އަޑުގައިވީ ހަރުކަށިކަން ސާރާ ޖެހިލުން ކުރުވިއެވެ.

"އަހަރެން ތި ނެގީ ބޭކާރުވެފައި ހުރި އެއްޗެހިތަކެއްގެ ތެރެއިން" ސާރާ ބުންޏެވެ.

"ނުވާނެ އެހެނެއް... މީ ބޭކާރު އެއްޗެއްނޫން، މީގެ އަގު ސާރާއަކަށް ނޭނގޭނެ" ދާރިއަން ބުންޏެވެ. ކުއްލިއަކަށް އޭނާގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން ސާރާއަށް ވެސް އެނގުނެވެ. ދާރިއަންގެ އަތުގައި އޮތް ފޮށްޓަށް އޭނާ ބަލާ ގޮތް ވެސް ތަފާތުކަން ސާރާއަށް އެނގުނެވެ. އެކަމަކު އެ ފޮށި ދާރިއަންއަށް އެހާ މުހިންމުވާންވީ ސަބަބެއް ސާރާއަކަށް ނުވިސްނުނެވެ.

"ޖަސްޓް ލީވް އިޓް" ސާރާއަށް ބުނެވުނެވެ.

"ނޯ... ނެވޭ..." ދާރިއަން ބުނެލީ އެ ފޮށްޓަށް ބަލަންހުރެއެވެ. ދެން އިސްއުފުލާލި ގޮތަށް އޭނާ ސާރާއާ ސުވާލުކުރީ އެ ފޮށި ނެގީ ކޮންތާކުންތޯއެވެ. ސާރާ ހިތްހަމަނުޖެހޭ ގޮތްވިއެވެ. ދާރިއަން ތަންކޮޅެއް ބާރަށް ބުނެލުމާއެކު ސާރާ އަވަސް އަވަހަށް އޭނާއަށް އެ ފޮށި ދިނީ ދާރިއަންގެ އެސިސްޓެންޓްކަން ބުނެލިއެވެ. އެހިނދު ދާރިއަން ދަތްކުނޑިވިކާލިއެވެ. އެވަގުތު ސާރާ ޝަކުވާކުރިއެވެ. ފޮށްޓަކާ ހެދި ދާރިއަންއަށް ހާދަވަރެކޭ ތިވަނީ ސާރާ ބުނެލިއެވެ. އެއާއެކު ދާރިއަން ހީވީ ހަމައިން ނެއްޓިހެންޏެވެ. ފޮށި ހުޅުވާލުމާއެކު އޭގަ ތެރޭގައި އޮތް އެއްޗެއް ބަލާލުމެއް ވެސް ނެތި ދާރިއަން އެއްލާލިއެވެ. އަދި ސާރާއަށް އަމުރުކުރީ އެތަނުން ނުކުތުމަށެވެ. ބުނާނޭ އެއްޗެއް ނޭނގިފައި ސާރާއަށް ހުރެވުނީއެވެ. ދެވަނަ ފަހަރަށް ދާރިއަން ހަޅޭލަވައިގަތެވެ.

"ރިއާން... އިޓްސް ޖަސްޓް އަ ބޮކްސް" ސާރާއަށް ބުނެވުނެވެ. އަދި އޭނާ އައިސް އެ ފޮށިން ދާރިއަން އެއްލާލި ގަމީސް ތަޅުންމަތިން ނެގިއެވެ. ދެއަތުން އޭގައި ހިފަހައްޓާލައިގެން ހުރެ ދާރިއަންއަށް އޭނާ ބަލާލިއެވެ. އަތުގައި އޮތް ފޮށި ފިޔަވާ އެހެން އެއްވެސް އެއްޗެއް ދާރިއަން މުހިންމުނޫން ކަހަލައެވެ.

"އިޓްސް މޯ ދެން އަ ބޮކްސް.... ޕްލީޒް ލީވް..." ދާރިއަން މޭޒުކައިރިން ދުރަށް ޖެހިލިއެވެ. އެތަނުން ސާރާ ގަދަކަމުން ނެރޭކަށް ވެސް ދާރިއަން ފަހަކަށް ނުޖެހޭނޭ ހީވެ ސާރާ އަވަސް އަވަހަށް ނުކުމެއްޖެއެވެ. އެއާއެކު ދާރިއަން އައިސް ކެބިންގެ ދޮރު ތަޅުލައިފިއެވެ.

ގޮނޑީގައި އިށީން ގޮތަށް މޭޒުމަތީ ހުޅުވާފައި ހުރި ލެޕްޓޮޕް ދާރިއަން ލައްޕާލިއެވެ. ދެން އޭނާ ނެގީ ސާރާ ގެނެއި ފޮށްޓެވެ. އޭނާއަށް އެ ފޮށި ޚާއްޞަވީ އެއީ ހޭޒަލްގެ މަސައްކަތަށްވީމައެވެ. އެކަމަކު އޭނާއަށް ހައިރާންކަން ލިބުނީ އެ ފޮށި އެ އޮފީހުގައި އޮތުމުންނެވެ. ހޭޒަލް އައިކަމެއް ވެސް އޭނާ ނުދެނަހުއްޓެވެ. ބަޔާންކުރަން ދަތި ހާސްކަމެއް ދާރިއަންގެ ނަފްސަށް ވެރިވަމުންދިޔައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު އޮފީހަށް އާދެވުމާއެކު ސާރާ އައީ ދާރިއަންގެ އެސިސްޓެންއާ ބައްދަލުކުރާށެވެ. އޭރު ދާރިއަންވީ ޒުކަންއާއެކު އޮފީސްކަމެއްގައި ހެނދުގެ ސަޔާއެކު އޮންނަ ބައްދަލުވުމަކަށް ގޮހެވެ. މޭޒުދޮށުގައި ތާރާ އިންތަން ފެނުމާއެކު ސާރާ ނިކަން އަވަހަށް ގޮވާލައިފިއެވެ. އަދި އޭނާއަށް ދިން ފޮށްޓާ ބެހޭ ގޮތުން ސާރާ ސުވާލުކުރިއެވެ. ތާރާ ބުނީ ކޮންމެވެސް އަންހެނަކު ގެނައި ފޮށްޓެއް ކަމަށެވެ. އެހެން އެއްޗެހި ހިފައިގެން އަންނާނީ ކޮންމެވެސް އޮފީހަކުންކަން ތާރާ ބުންޏެވެ. މީގެ ކުރީން އެ އަންހެންމީހާ ނުދެކޭކަމަށް ވެސް ތާރާ ބުންޏެވެ. ސާރާގެ މޫނު މިލައިގެން ދިޔަތަން ތާރާއަށް ވެސް ފެނުނެވެ.

"ކޮން އޮފީހަކުންކަން އެނގޭނެތަ؟... ކިހިނެއްހުރީ އެ އަންހެންމީހާ... ޔަންގްތަ، ނޫނީ އޯލްޑްތަ؟" ސާރާ އެއްސެވެ.

"ސޮރީ... ކޮންއޮފީހަކުންކަމެއް ނޭނގޭ... އޯލްޑެއްނޫން... ހޭއި... ކަމެއް ގޯސްވީތަ؟ ދާރިއަންއަށް ގިފްޓް ކަމުނުދިޔައީތަ؟" ތާރާ އަހާލިއެވެ.

"އޭނާއަށް މުހިންމުވީ ބޮކްސް، އޭގެ އެތެރޭގައި އޮތް އެއްޗެއްނޫން... އަޅެބުނެބަލަ... ކިހިނެއްހުރި އަންހެނެއްތަ އެއީ؟" ސާރާ އެއްސެވެ.

"އެހާ ރީތިމީހެއްނުނޭ... ދާރިއަން ހިތްކިޔާފާނެތީތަ ތިކަންބޮޑުވަނީ، ނުވާނެ އެކަމެއް... އެކަހަލަ އެއްވެސް ސިފައެއް އެމީހާގެ ނެތް" ތާރާ ހީނލިއެވެ. އެ ފޮށްޓަކީ އަންހެނަކު ގެނައި ފޮށްޓެއްކަން އެނގުމުން ސާރާގެ ހިތަށް އުނދަގޫވިއެވެ. އެއީ ކާކުކަން ތާރާއަށް ބުނެދޭން ނޭނގުމުން އިތުރަށް ވާހަކަދައްކާކަށް ސާރާ ނީނެވެ.

(ނުނިމޭ)