ދުނިޔެ

މުޝައްރަފްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި

Dec 17, 2019

ޕާކިސްތާނުގެ ކުރީސް ރައީސް ކަމަށްވާ ޕާވެޒް މުޝައްރަޕަށް އެގައުމުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ. މުޝައްރަފަށް މަރުގެ ހުކުމް އިއްވާފައިވަނީ އޭނާއަށް ދެކޮޅަށް ދައުލަތުން ކުރަމުން ދިޔަ ގައުމަށް ގައްދާރުވި ކަމުގެ ކުށް ސާބިތުވާމާ ގުޅިގެންނެވެ.

މުޝައްރަފް މިވަގުތު ހުންނެވީ ދުބާއީގަ އެވެ. އޭނާ ދުބައީގައި އުޅެމުންދަނީ ޔޫއޭއީއިން ހިމާޔަތް ހޯދައިގެންނެވެ. ޕާކިސްތާނުން އަމިއްލައަށް އަރުވާލެވިގެން ދުބާއީއަށް ދިޔުމަށްމަހު މުޝައްރަފް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަށް ދޮގު ކޮށްފަ އެވެ.

ޕާކިސްތާނުގެ ވެރިކަމުގެ މަގާމާ މުޝައްރަފް ހަވާލުވީ 1999 ވަނަ އަހަރު ކުރި އަސްކަރީ އިންގިލާބެއް ތެރެއިންނެވެ. އަސްކަރީ އިންގިލާބެއް ތެރެއިން ވެރިކަމާ ހަވާލުވެ މުޝައްރަފް ވަނީ ނުވަ އަހަރު ވަންދެން ރައީސްކަން ކޮށްފަ އެވެ. އޭނާ ރައީސް ކަމުގެ މަގާމުން އެކަހެރި ކޮށްފައިވަނީ އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ މަޖިލިސް އިންތިހާބުން ބަލިވުމާ ގުޅިގެންނެވެ.

މުޝައްރަފަށް މަރުގެ ހުކުމް އިއްވާފައިވަނީ ޕޭޝާވަރް ހައި ކޯޓުންނެވެ. އެއީ ތިން ގާޒީންގެ އިއްތިފާގުންނެވެ. މަރުގެ ހުކުމް އިއްވާފައިވަނީ 2007 ވަނަ އަހަރު ޕާކިސްތާނުގައި ކުއްލި ހާލަތު އިއުލާންކޮށް، އެތަކަށް ރައްޔިތުންނާ ދެކޮޅަށް ހަތިޔާރުގެ ބޭނުން ކުރުމުގެ ސަބަބުން ގިނަ ބަޔަކު މަރުވުމާ ގުޅިގެންނެވެ. ޕާކިސްތާނުގެ ގާނޫނުގައި ވާގޮތުން މުޝައްރަފްގެ އިސްވެހުރެ ކޮށްފައިވާ ކަންތައް ފެތެނީ ގައުމަށް ގައްދާރުވުން ކަމަށެވެ.

ގައްދާރުވި ކަމުގެ ދައުވާ މުޝައްރަފްގެ މައްޗަށް އުފުލާފައިވަނީ 2014 ވަނަ އަހަރު އެވެ. 2016 ވަނަ އަހަރު ބޭސްފަރުވާ ކުރުމަށް ކަމަށްބުނެ މުޝައްރަފް ދުބާއީއަށް ގޮސް ޔޫއޭއީގެ ހިމާޔަތް ވަނީ ހޯދާފަ އެވެ. އެފަހުން މުޝައްރަފް ޕާކިސްތާނަށް ވަޑައިގެންފައެއް ނުވެ އެވެ.