ގާސިމް އިބްރާހިމް

މާމިގިލި ދާއިރާއަށް އަޅާނުލާތީ ގާސިމްގެ ފާޑުކިޔުން ސަރުކާރުތަކަށް!

ކޮންމެ އިންތިހާބަކާއި ދިމާކޮށްވެސް ސަރުކާރުންތަކުން ދައްކަމުންދަނީ "ސަޅި" ވާހަކަ ކަމަށާ އައު ސަރުކާރަށް އަހަރު ދުވަސްވީއިރު މާމިގިލި ދާއިރާއަށް ކޮށްދެވުނު ކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ނިސްބަތްވެވަޑައިގަންނަވާ އދ. މާމިގިލީގައި އެ ރަށުގެ ގިނަ ބަޔަކާއެކު ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ސަރުކާރުތަކުން މާމިގިލީ ދާއިރާގެ ތަރައްގީއަށް މަސައްކަތް ކޮށްދެއްވާފައިނުވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް ތަފާތު ވާހަކަތައް ދައްކާއިރު، އެޖެންޑާ 19 ހިފައިގެން ނިކުތް މީހުން ވީ ވައުދުތައް އެގޮތަށް ފުއްދެމުންދޭތޯ ސުވާލުކޮށްލަންޖެހޭ ކަމަށެވެ. އަދި 2008 ގައި އުފެދުނު އެމްޑީޕީގެ ސަރުކާރުންވެސް މާމިގިލި ދާއިރާއަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. 2008 ގައި ރައީސް ނަޝީދާ ދެކޮޅަށް މާމިގިލިން ދިނީ އެންމެ 38 ވޯޓް ކަމަށާ އެހެން ހުރިހާ ވޯޓަކީ އެމަނިކުފާނު އިންތިހާބު ކުރުމަށް ރައްްޔިތުންދިން ވޯޓް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެކަމަކު އެމަނިކުފާނު ތިން އަހަރުގެ ވެރިކަމެއް ކޮށްފައިދިޔައިރު ކޮންމެ އަހަރެއްގެ ބަޖެޓްގައި މިރަށުގެ ނަރުދަމާއާއި ފެންހޮޅީގެ ވާހަކަ ޖަހަމުން ޖަހަމުންދިޔައިރު ކޮށްދިންތޯ. އަދި ވެރިކަމުން ފައިބައިވަޑައިގެންނެވި ފަހުންވެސް އެއްވެސް ކަމެއް މި ރަށައް [މާމިގިލި] ކޮށްދީފައިވޭތޯ ރައީސް ނަޝީދު، އަމިއްލަ ފަރުދަކަށްވިޔަސް، މިރަށައް ވިޔަސް. ބޮޑު ލާރިއެއްވެސް އިންވެސްޓްކޮށްދީފައި އެބައޮތްތޯ. އަނެއްކާ މިފަހަރު މި ސަރުކާރުވެސް އައިސް މި އޮތީ ގާސިމް ތާއީދު ކޮށްދީގެން. އަޅުގަނޑު ހަމަ ގައިމުވެސް ތާއީދު ނުކުރިނަމަ މި ސަރުކާރެއް އެކުލަވައެއް ނުލާނެ. އެމްޑީޕީގެ ކެންޑިޑޭޓެއް ހުރި ސަރުކާރެއް، އަޅުގަނޑުމެންގެ ނާއިބް ރައީސެއް ހުރީ އެހެން ނަމަވެސް، އަޅުގަނޑު ތާއީދު ނުކުރިނަމަ ނުވީސް ހަމަ ޔަގީނުންވެސް. އަޅުގަނޑަށް އެހެން ދަންނަވަން ކެރިދާނެ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މާމިގިލީގެ އިތުުރުން ދާއިރާގެ ރަށަކަށްވެސް އަދި އއ، އދ އަތޮޅުގެ ރަށްތަކަށްވެސް ސަރުކާރުން އެކަށީގެންވާ ތަރައްގީއެއް ގެނެސްދީފައިނުވާ ކަމަށެވެ. ނަމަވެސް މާލެ އަތޮޅު ފިޔަވައި، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާދޭ އަތޮޅަކީ އދ އަތޮޅު ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މާމިގިއްޔަށްވެސް އިހްމާލު ނުކުރެވޭނެ ކަމަށާ އެ ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަކީ ދައުލަތަށް މަޖުބޫރު ކަމެއް ކަމަށެވެ.

"މިރަށުގެ މަގު ހަދައިދިނުމާއި، މި ރަށުގެ ޕޮލިސް ސްޓޭޝަން ހަދައިދިނުމާއި، މި ރަށުގެ ސުކޫލަށް ބޭނުންވާ އެންމެހާ އިމާރާތްތައް ކޮށްދިނުމާއި، މި ރަށުގައި ހޮސްޕިޓަލެއް އަޅައިދިނުމަކީ ދައުލަތަށް މަޖުބޫރު ކަމެއް. މަޖުބޫރު ވެގެންވާ ކަމެއް. އެހެންވީމަ އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއެކު ދަންނަވަން ކޮންމެ ތާކުން ބަޖެޓް ހޯއްދަވައިގެންވެސް މިކަންކަން ކޮށްދީ މިރަށް ތަރައްގީކޮށްދޭށޭ، މިރަށުގެ ކުނި ކޮށިވެސް ހަދައިދޭށޭ، މި ރަށަކީ މުސްތަގްބަލުވެސް އޮތް ރަށެކޭ."

ގާސިމަށް އަމާޒު ކުރަމުންދާ ބައެއް ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ގާސިމް ރޭ ވިދާޅުވީ ސިޔާސީ ބައެއް ބޭފުޅުންނަށް ސަނާ ކިޔަމުން، އަތްޖަހަމުންދާއިރު އެ ބޭފުޅުން މާމިގިއްޔަށް ނުވަތަ އެ ދާއިރާއަށް ކޮށްދިން ކަމެއް ނެތް ކަމަށެވެ.

"މިރަށައް ބޮޑު ބަދަރު ހަދައިދީ، މިރަށައް އިންޓަނޭޝަނަލް އެއާޕޯޓް ހަދައިދީ މިރަށުގެ ގޭގޭގެ މަގުފާރު ރާނުމަށްވެސް އަދި އެހެން ކަމަކަށްވެސް، އަމިއްލަ ފަރުދަކަށްވިޔަސް، ދައުލަތުގެ މުއައްސަސާއަކަށްވިޔަސް އެހެރަ ސުކޫލަށް ކަމަށްވިޔަސް، އެހެން ކަމަކަށްވިޔަސް އެއްވެސް ކަމެއް ކޮށްދިނީ ކާކުތޯއޭ.." ގާސިމް ސުވާލުކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮށްދީފައިވާ ކަންކަމުގެ ވާހަކަ އަމިއްލަފުޅަށް ދައްކަވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާ މަޖިލީހުގައި ދާއިރާގެ ހައްގުގައި އުފުލަންޖެހޭ އަޑު ނުއުފުލާ ނުއިންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުގައި ދެން އެމަނިކުފާނު ފެނިވަޑައިގަންނަވާނީ ތަފާތު މެންބަރެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުންވެސް ޖޭޕީއަށް ވަޑައިގަންނަވާށޭ. މާތްﷲގެ ވާގިފުޅާއެކީގައި ސަރުކާރުން ކަންކަން ކޮށްދިނުމުގައި އަޅުގަނޑަށް ލައިދެވުނުހާ ބާރެއް މި ދާއިރާއާއި މި އަތޮޅުގެ ހުރިހާ ރަށަކަށްވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ބުނަންވީ ހުރިހާ ބަހެއްވެސް ބުނާނަން. ދައްކަންވީ ހުރިހާ ވާހަކައެއްވެސް ދައްކާނަން. އަދި ނުވިތާކަށް އަޅުގަނޑު ކޮށްދޭންޖެހޭ ކަމެއްގައި އަޅުގަނޑަށް މަދަދުވެރިކަން ދެވެން އޮތް މިންވަރަކުން ސަރުކާރަށް ވެދޭނަން." ގާސިމް ވިދާޅުވިއެވެ. "މީގެ ކުރިއަރާ ވަރަށް ތަފާތުކޮށް، އަނގައިގެން ނުބުނެ ދެން އަޅުގަނޑު ނުހުންނާނަން."