ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އައްޔަން ކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހދ. ވައިކަރަދޫ، ވައިޖެހިގޭ ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ ގުޅޭ ގޮތުން ޖޭއެސްސީގެ މަޝްވަރާއަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. ގާނޫނުއަސާސީގައިވާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރެވޭނީ ޖޭއެސްސީގެ ލަފަޔާއެކު ރައީސް މަޖިލީހަށް ފޮނުވާ ނަމަކަށް މަޖިލީހުން ރުހުން ދިނުމުންނެވެ.
އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އުފެއްދިއިރު އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވީ ފާއިޒް އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދު ކުރާ ގޮތަށް މަޖިލީހުން ގާނޫނަށް ގެނައި ބަދަލަކާއެކު ފާއިޒްގެ މަގާމް ގެއްލުނެވެ. ފާއިޒްއާއެކު މިހާރު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކޮށްފައިވާ މުއުތަސިމް އަދުނާންގެ މަގާމް ވެސް ގެއްލުނެވެ.
ނަމަވެސް މި ސަރުކާރުން މުއުތަސިމްއަށް އުއްތަމަ ފަނޑިޔާރުކަމުގެ މަގާމް ދީފައިވާ އިރު އެމަނިކުފާނުގެ އިތުރުން މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވާނީ ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރް އަދި ހުސްނުއްސުއޫދު އެވެ.
މި ސަރުކާރު ފެށުނުއިރު، ސުޕްރީމް ކޯޓުގައި ތިއްބެވި އެއްވެސް ފަނޑިޔާރަކު މިހާރު އެ ކޯޓުގެ ބެންޗަކު ނެތެވެ. ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ އަމާޒެކެވެ. އެގޮތުން މިހާރު ފަސް ފަނޑިޔާރުން އައްޔަން ކުރައްވާފައިވާ އިރު އިތުރު ދެ ޖާގައެއް އަދި އިނީ ހުސްކޮށެވެ.