ހަބަރު

އައިއެލްއޯ އަށް ގަރުނެއް

އިންޓަރނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް ސަތޭކަ އަހަރު ފުރުން ރާއްޖޭގައި ފާހަގަކޮށްފި އެވެ.

މިއަދު މެންދުރު ފަހު ނެޝަނަލް އާޓް ގެލަރީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައިއެލްއޯގެ ސެންޓީނެރީ ފާހަގަކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ހަނދާނީ ފައިސާފޮއްޗެއް އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރު ސިމްރިން ސިންގ އާއި ހަވާލުކޮށްދެއްވާފައެވެ.

މިރަސްމިއްޔާތުގައި "ޔުނިވާސަލް އެންޑް ލާސްޓިންގް ޕީސް – އައިއެލްއޯ ސެންޓިނަރީ" ގެ ނަމުގައި ޕްރެޒެންޓޭޝަނެއް ދައްކާލުމުގެ އިތުރުން އައިއެލްއޯ ގެ ސަތޭކަ އަހަރުވީ ދިގު މާޒީގެ މައްޗަށް އެ ޖަމިއްޔާގެ ކަންޓްރީ ޑިރެކްޓަރު ސިމްރިން ސިންގ ވާހަކަދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި އައިއެލްއޯ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވެއެވެ.

މި އެމްއޯޔޫގައި އައިއެލްއޯގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ ޑިރެކްޓަރު ސިމްރިން ސިންގ އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. މި ރަސްމިއްޔާތު ފެށުމުގެ ކުރިން، ދިވެހިރާއްޖެއާއި އައިއެލްއޯގެ ދިދަނެގުމުގެ ހަރަކާތެއް ނެޝަނަލް އާޓް ގެލަރީގެ ގޯތިތެރޭގައި ބާއްވާފައިވެއެވެ.