އެކްސިޑެންޓް

ވައިކަރަދޫ އެކްސިޑެންޓްގައި އަނިޔާވި މީހުން މާލެ ގެނެސްފި

ހދ. ވައިކަރަދޫގައި އިއްޔެ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންވެސް މާލެ ގެނެސްފި އެވެ. އެކްސިޑެންޓާއި ގުޅިގެން ލިބުނު އަނިޔާތަކާއި ގުޅިގެން ދެ މީހުންގެ ހާލުވެސް ވަނީ ސީރިއަސްވެފައެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު އަދިވެސް ހޭ ނާރާފައިނުވާ ކަމަށެވެ. އަދި އަނެއް މީހާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓާއި ގުޅިގެން އަނިޔާވި ދެ މީހުންވެސް މާލެ ގެނެސްފައިވަނީ އެމަޖެންސީގައި ޗާޓަރު ފްލައިޓެއްގަ އެވެ.

އިއްޔެ ހިނގި އެ އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާގެ ބޯ ފަޅައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެއީ 45 އަހަރުގެ މީހެކެވެ. ދެން އަނިޔާވީ 20 އަހަރުގެ ޒުވާނަކަށެވެ. ފުލުހުން ބުނީ ދެ މީހުންގެ އަތުގައިވެސް ވެހިކަލް ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ.