ޔޫއެން

ލާއިންސާނީ އަމަލުތަކާއި ދެކޮޅު މާއްދާއެއްގައި ރާއްޖެ ބައިވެރިވެއްޖެ

އދ ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗާގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާ، އެކަން މިއަދު އިއުލާނު ކުރައްވައިފި އެވެ.

މި މާއްދާގެ ހ ގައި ބުނާގޮތުން އދ ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗާގެ ދަށުން ހުށައެޅޭ ޝަކުވާ ބަލައިގަނެވޭނީ އެ މައްސަލަ ރައްދުވާ ގައުމަކީ ކޮންވެންޝަންގެ 22 ވަނަ މާއްދާ ބަލައިގަނެ އެކަން އިއުލާނު ކޮށްފައިވާ ގައުމަކަށްވެފައި، އެ މައްސަލަ ހުށަހަޅާ ފަރާތަކީ މައްސަލަ ރައްދުވާ ގައުމެއްގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހުރި ފަރާތަކަށް ވާނަމަ އެވެ.

އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވި ޑެކްލެރޭޝަންގެ ދަށުން، ރާއްޖޭގެ އިހްތިސާސް ހިނގާ ސަރަހައްދުގައި އުޅޭ ފަރާތްތަކުން، އެފަރާތްތަކަށް ލިބޭ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަދަބުތަކާ ގުޅޭ ގޮތުން ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ބާރު ކޮމިޓީއަށް ލިބިގެންދާނެއެވެ.

މި ޑެކްލެރޭޝަން ހުށަހެޅުމަކީ، ކޮމިޓީ އެގެއިންސްޓް ޓޯޗާއިން ރާއްޖެއިން ހުށަހެޅި އިނީޝަލް ރިޕޯޓު 2018 ނޮވެންބަރު މަހުގައި މުރާޖައާ ކުރުމަށްފަހު ހުށަހެޅުއްވި ކޮންކްލޫޑިން އޮބްޒަރވޭޝަންސްގައި ހިމެނޭ ރެކޮމެންޑޭޝަންއެކެވެ.