ލައިފްސްޓައިލް

އިންޑިޔާގެ އަވަށެއްގައި އުފަންވާ ކޮންމެ އަންހެންކުއްޖަކަށް 111 ގަސް

ޝިޔާމް ސުންދަރް ބަލިވާލް އަކީ އިންޑިޔާގެ ރާޖަސްތާނުގެ ކުޑަ އަވަށެއް ކަމަށްވާ ޕިޕްލަންޓްރީގެ ކުރީގެ ލީޑަރެވެ. އެ ހިސާބުގަނޑުގައި ދިރިއުޅޭ މީހުންނަށް ޚާއްސަކޮށް އިންޑިޔާގެ ގިނަ މީހުން އަންހެން ދަރިންނާ މެދު ދެކެނީ ބޮޑު ބުރައެއްގެ ގޮތުގަ އެވެ. އެހެންވެ އަންހެންދަރިއަކު ލިބުނަސް ފިރިހެން ދަރިންނަށް ވުރެ ދަށް ފެންވަރެއްގައި އެ ކުދިން ގެންގުޅުމަކީ ވަރަށް ގިނަ ބައެއްގެ އާދަ އެކެވެ. މިގޮތަށް ވިސްނާ ވިސްނުން ބަދަލުކޮށް އަންހެންދަރިންނަށް ހައްގުވާ މަގާމު ހޯދާ ދިނުމުގެ މަސައްކަތް ޝިޔާމް ސުންދަރްގެ ލީޑަރުކަމުގެ ދައުރުގައި އޭނާ އިސްނަގައިގެން ފެށި އެވެ.

އެގޮތުން އޭނާގެ ބެލުމުގެ ދަށުން ވަރަށް ވަރުގަދަ ޕްރޮގްރާމެއް ފެށި އެވެ. އެ އަވަށުގައި އުފަންވާ ކޮންމެ ކުއްޖަކަށް އަވަށުގެ އެންމެން ބޭނުންކުރަން އޮންނަ ހުސް ތަނުގައި 111 ގަސް އިންދުމެވެ.

ޝިޔާމް ސުންދަރް އަށް މިކަން ކުރުމުގެ ހިތްވަރު ލިބުނީ އޭނާއަށް ލިބުނު ހަމައެކަނި އަންހެންދަރިފުޅު ކިރަން ވަރަށް ޅަ އުމުރުގައި މި ދުނިޔެ ދޫކުރުމާ ގުޅިގެންނެވެ. އަންހެން ދަރިން އަގު ވަޒަން ނުކުރާ މިންވަރު އޭނާއަށް އިހްސާސް ކުރެވުނީ ދަރިފުޅު މަރުވުމުންނެވެ. އެހެންވެ އަންހެންދަރިންނަށް ޚާއްސަ މަގާމެއް ހޯދާދިނުމުގެ ބޭނުމުގައި އޭނާ ގަސް އިންދުމުގެ ޕްރޮގްރާމް ފެއްޓި އެވެ. އުފަންވާ ކޮންމެ ކުއްޖަކަށް 111 ގަހެވެ.

މި ޕްރޮގްރާމް ފެށީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ އަވަށުގައި އުފަންވާ ހަމަ ކޮންމެ އަންހެންކުއްޖަކަށް މިވަރަށް ގަސް އިންދަ އެވެ. އަވަށުގައި ދިރިއުޅޭ މީހުންނާއި އުފަންވާ ކުއްޖާގެ މައިންބަފައިންނަށް އެ ކުއްޖާއަށް ޓަކައި 31،000 ރުޕީސް (500 ޑޮލަރު)ގެ ފަންޑެއް ވެސް ހުޅުވަން ޖެހެ އެވެ. ވިހި އަހަރަށް ދަމަހައްޓާ މި ފަންޑަކީ މި ކުއްޖާގެ މުސްތަގްބަލަށް ވަރަށް މުހިއްމު އެއްޗަކަށް ވެއެވެ.

ގަސް އިންދުމާއި ފަންޑް ޖަމާކުރުމުގެ އިތުރުން އެ އަވަށުގެ މީހަކަށް އަންހެންދަރިއަކު ލިބިއްޖެނަމަ އެ ކުއްޖާގެ މައިންބަފައިން ޚާއްސަ އަހުދުނާމާއެއްގައި ސޮއިކުރަން ވެސް ޖެހެ އެވެ. ކުއްޖާއަށް އެކަށީގެންވާ ތައުލީމު ދިނުމަށާއި 18 އަހަރު ނުފުރެނީސް ކައިވެނި ނުކުރުވާނެކަމަށް މި އަހުދުނާމާގައި ލިޔެފައި އޮވެ އެވެ.

ޕަލީވާލް ބުނި ގޮތުގައި އެ އަވަށުގައި އަހަރަކު 60 އަންހެންކުދިން އެވްރެޖްކޮށް އުފަންވެ އެވެ. އެހެންވެ އޭނާ މި މަސައްކަތް ފެށިފަހުން މި ފާއިތުވީ ދުވަސްތަކުގައި އަހަރަކު 6000 އަށް ވުރެ ގިނަ ގަސް ވަނީ އިންދާފަ އެވެ. އެ އަވަށަށް އުފަންވާ ހަމަ ކޮންމެ އަންހެންކުއްޖެއްގެ ހަނދާންތައް މި ގަސްތަކާ ގުޅިފައި ވެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ފައިދާކުރަނީ ހަމައެކަނި މި އަންހެންކުދިންނަށް އެކަންޏެއް ނޫނެވެ. މިކަން ވެފައިވަނީ މި އަވަށުގެ މީހުންނަށް ފައިސާ ލިބޭނެ ވަސީލަތަކަށް ވެސް މެއެވެ. އަވަށުގެ ވަށައިގެން ހައްދާފައިވާ ގަސްތަކުގެ ފައިދާ އެ އަވަށުގެ މީހުންނަށް ލިބެމުން ދާތީ އެވެ.

އަނބާއި ގޫޒްބެރީޒް ފަދަ މޭވާ އަޅާ ގަސްތަކުން ލިބޭ މޭވާ ކައިރި ހިސާބުތަކުގައި އޮންނަ އަވަށްތަކަށް ވިއްކައިގެން މި އަވަށުގެ މީހުންނަށް ވަރަށް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. އަދި މިހާރު މި ވިޔަފާރިވެފައިވަނީ 8،000 އެއްހާ މީހުން ދިރިއުޅޭ މި އަވަށުގެ މީހުންގެ ދިރިއުޅުން ތިޔާގިވާން މެދުވެރިވީ ކަމަކަށެވެ.

އަލޯވެރާ ކަހަލަ ގަސްތައް ވެސް ވަރަށް ގިނައިން މި އަވަށުގައި ހައްދާފައި ވެއެވެ. އަދި ބޭސް ފަރުވާގެ ބޭނުންތަކަށް މި ތަކެތީގެ ބޭނުން ވަރަށް ރަނގަޅަށް ހިފަމުން ދެއެވެ.

ޕަލީވާލް ރިޓަޔާ ވިޔަސް އޭނާ ފެށި މި ޕްރޮގްރާމް މިހާރު އެ އަވަށުގައި ހުރި އާ ލީޑަރު ވެސް ހުއްޓާނުލާ ކުރިޔަށް ގެންދެ އެވެ. އެގޮތުން އަށް އަހަރު ތެރޭގައި އެ އަވަށުގައި 280،000 ގަސް އިންދާފައި ވެއެވެ.

މިހާރު އެ އަވަށުގެ މީހުންނަކަށް އަންހެން ދަރިންނަކީ ބުރަ އެއް ނޫނެވެ. އާމްދަނީ ލިބޭނެ އިތުރު ވަސީލަތެކެވެ. ކޮންމެ ކުއްޖަކާއެކު އިތުރު ގަސްތަކެއް އިންދައި އޭގެ ފައިދާ ވެސް އިތުރަށް ލިބޭނެކަމުގެ ޔަގީންކަން އޮތީމަ އެވެ.