އަހަރެމެން ފެންވަރާ ގައިން ތާހިރު ވާއިރުވެސް ވަރަށް ގިނަ ފަހަރަށް ސާފު ނުކުރެވި އަޅާ ނުލެވި ދޫކޮށްލެވޭ ބައިތައް ހަށިގަނޑުގައި ހުރެ އެވެ. މާ މުހިއްމު ނޫން ބައިތަކެއް ކަމަށް ހީވިޔަސް އިންސާނާގެ ހަށިގަނޑުގެ ހަމަ ކޮންމެ ގުނަވަނަކީ ވެސް އަދި ކޮންމެ ހިސާބަކީ ވެސް ވަރަށް މުހިއްމު ބައިތަކެކެވެ. ހަށިގަނޑުގައި ފަސޭހައިން އަތްޖެހޭ ހިސާބުގައި ހުންނަ ބައިތައް ފަދައިން އެނޫން ބައިތަކަކީ ވެސް ދޮވެ ސާފުކޮށް ބަލަހައްޓަންޖެހޭ ބައި ތަކެކެވެ.
ޖަރާސީމާއި އެނޫންވެސް ހަށިގަނޑަށް ގެއްލުންދޭ ފަނިތައް އާއްމުކޮށް ހަރުލަނީ ވެސް ފެންވަރާ ހަދާއިރު ރަނގަޅަށް ދޮވެ ސާފު ނުކުރެވޭ ހިސާބު ތަކުގަ އެވެ.
ގައިން ތާހިރުވާއިރު ސާފުކުރުމުގައި ފަރުވާ ކުޑަ ކުރެވޭ އެއް ތަނަކީ ބޮލުގެ ނާށިގަނޑެވެ. ކޮންމެ މީހަކުވެސް ބަލަނީ އިސްތަށިގަނޑު ސާފުކޮށް ރީތިކުރާށެވެ. އެހެންވީމާ ނާށިގަނޑާ އަޅާ ނުލެވޭ ގޮތް ވެއެވެ. ބޮލުގެ ނާށިގަނޑު ކޮންމެ ދުވަހަކު ސާފުކުރުމަކީ ކުރަން ޖެހޭ ކަމަކަށް ނުވިޔަސް ހަފުތާއަކު އެއްފަހަރު ނަމަވެސް ނާށިގަނޑު ރަނގަޅަށް ދޮންނަން ޖެހެ އެވެ. އަދި ރަނގަޅަށް މަސާޖު ވެސް ކުރަން ޖެހެ އެވެ. މަރުވެފައި ހުންނަ ސެލްތައް ނާށިގަނޑުގައި ތަތްލާ އެއްތަނަކަށް ޖަމާވުމާއި ޖަރާސީމާއި މައިޓްސްގެ ހާއްޔަކަށް ނާށިގަނޑު ނުވާނީ ގަވާއިދުން ސާފުކުރާ ނަމަ އެވެ.
ކަންފަތުގެ ދަށް ފަރާތަކީ ވެސް ބައެއް މީހުން ފެންވަރާއިރު މާ ބޮޑަށް އުނގުޅާ ސާފުކުރަން ސަމާލުކަން ދޭ ތަނެއް ނޫނެވެ. ގިނަ ބައެއްގެ ނަޒަރުގައި މިއީ ސާފުކުރުން އެހާ މުހިއްމު ތަނެއް ނޫނެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ މިއީ ވަރަށް ފަސޭހައިން ޖަރާސީމު އަށަގަންނަ ތަނެއް ކަމަށެވެ. ގަވާއިދުން ކަންފަތުގެ ދަށް ފަރާތް ދޮވެ ސާފުކޮށް ނަހަދާނަމަ ނުބައި ވަހެއް އެތަނުގައި ދުވާނެ އެވެ. މިއީ ޖަރާސީމު އަށަގަންނަކަމުގެ ހެއްކެކެވެ.
ބުރަކައްޓަކީ ވެސް ވަރަށް ގިނަ ބަޔަކަށް ސާފުކުރަން އުނދަގޫކަމުން އެހާ ބޮޑަށް ސާފުނުކުރާ ތަނެކެވެ. ޚާއްސަކޮށް އަތް ނުފޯރާ ހިސާބެވެ. ކަރުން ތިރި އާއި ބޮނބިފަޅިމައްޗެވެ. މިތަންތަން ސާފުކުރަން ބެކް ސްކްރަބާ އެއް ބޭނުންކުރާށެވެ. އެހާ ބާރުގަދަނޫން ބޮޑީ ވޮޝްއެއް ލޫފާއެއްގައި ހާކާލާފައި ލޫފާއިން ވަރަށް ފަސޭހައިން މިތަންތަން ސާފު ކުރެވޭނެ އެވެ. އޭރުން ހަމުގެ އިންފެކްޝަންތައް ޖެހުމުގެ ނުރައްކާ ކުޑަ ވާނެ އެވެ.
ދުލަކީ ވެސް ސާފުކުރުމުގައި ގިނަ ބަޔަކު އިހުމާލުވާ ގުނަވަނެކެވެ. އަދި ދުލަކީ މީހާގެ ސިއްހަތު ބަޔާންކޮށްދިނުމަށް ބަލާލަން އެންމެ ރަނގަޅު ގުނަވަން ވެސް މެއެވެ. ނަމަވެސް ދޫ ސާފުކުރަން ސަމާލުކަން ދެވޭލެއް ކުޑަ އެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ދަތްތަކާއި ހިރުގަނޑުގެ އިތުރުން ދޫ ވެސް ސާފުކުރުމަކީ ދަތްތައް ސާފުތާހިރުކަމަށް ވަރަށް މުހިއްމު ކަމެކެވެ. ސާފު ފޮތިކޮޅެއް ފަދަ އެއްޗަކުން ނުވަތަ ޓަންގް ކްލީނާއަކުން ކޮންމެ ދުވަހަކުވެސް ދޫ ސާފުކުރަން އާދަ ކުރާށެވެ.
ކަރުގެ ފަހަތަކީ ވެސް ސާފުކުރުމުގައި އެހާ ސަމާލުކަން ދެވޭ ތަނެއް ނޫނެވެ. ޚާއްސަކޮށް ދިގު އިސްތަށިގަނޑު އޮންނަ މީހުންނަށެވެ. ނަމަވެސް މި ހިސާބަކީ ބޮޑީ މައިޓްސް އާއި ބެކްޓީރިއާ ވަރަށް ފަސޭހައިން ހާލި ހަދާނެ ހިސާބެކެވެ. ގައި ދޮންނައިރު ލޫފާ އަކުން މި ހިސާބު ދޮންނަން ހަނދާން ބަހައްޓާށެވެ.
އުޅަބޮށި ސާފު ކުރަނީ ކިތައް މީހުން ހެއްޔެވެ؟ އުޅަބޮއްޓަކީ ކޮންމެހެން ސާފުކުރަން ޖެހޭ ތަނެއްހޭ ވަރަށް ގިނަ މީހުން ހިތަށް އަރާނެ އެވެ. އާނއެކެވެ. އުޅަބޮށި ކޮންމެހެން ވެސް ސާފުކުރަން ޖެހެ އެވެ. ކޮންމެ ދުވަހަކު އެތަން މިތަނުގައި ހޭކޭ އެއް ހިސާބަކީ އުޅަބޮއްޓެވެ. އަތް ދިގުކޮށް ހުންނަ ހެދުން ނާޅާ މީހުން ޚާއްސަކޮށް އުޅަބޮށި ރަނގަޅަށް ދޮންނަން ޖެހޭނެ އެވެ.
ފައިގެ ދަށްފުށަކީ ވެސް ފެން ވަރާއިރު ގިނަ މީހުން ސާފުކުރަން އެހާ ސަމާލުކަން ދޭ ތަނެއް ނޫނެވެ. ބައެއް މީހުން ފެންވަރާ ނިމިގެން ނުކުންނައިރު ވެސް ފައިގެ ދަށްފުށުގައި ހުންނަ ކިލާތައް ނުގޮސް ހުރެ އެވެ. ފެންވަރާއިރު އޮހޮރޭ ފެންތައް ފައިތިލައިން ލާފާ ދާތީ ފައިތިލަ ފެންވަރާ ނިމޭއިރު ފައިތިލަ ހުންނާނީ ސާފު ވެފައި ކަމަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް އެކަން އޮތީ އެހެނެއް ނޫނެވެ. ފައިތިލައިގެ ދަށްފުށުގައި މަރުވެފައި ހުންނަ ވަރަށް ގިނަ ސެލްތައް ހަރުލާފައި ހުންނާނެ އެވެ. މި އެއްޗިއްސާއި ހިރަފުހާއި އެކުވެގެން ފައިގެ ނުސާފުކަން އިތުރުވެ އެވެ. ވީމާ ހިލަކޮޅެއް ފަދަ އެއްޗަކުން ފައިގެ ދަށްފުށް ރަނގަޅަށް ސާފުކުރަން ޖެހޭނެ އެވެ. ޚާއްސަކޮށް ގަދަޔަށް ދާ ހިއްލާ މީހުންނެވެ.