ހަބަރު

ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލަން އެދި ހައިކޯޓަށް ހުށަހަޅައިފި

Dec 18, 2019
9

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން ދޫކޮށްލަން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ ވަކީލެއް ކަމަށްވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން އެމަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ އެފަދަ ހައްގުތައް ރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާތީ، ރައީސް ޔާމީނަށް ވެސް ލަސްނުވެ އެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ރައޫސް ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކުމް ކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގަ އެވެ. އެ ހުކުމުގައި ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ފެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހިމަނާފައި ވެއެވެ.