ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ކުޅޭ އެލްކްލެސިކޯ މެޗުގެ ކުރިން ވީއޭއޭރް ޓެކްނޮލަޖީގެ އިންސާފުވެރިން ވުން މުހިންމު ކަމަށް އިޝާރާތްކޮށް ބާސެލޯނާގެ ކޯޗް އެރުނަސްޓޭ ވަލްވަރުޑޭގެ ވާހަކަތައް ކުރިއަށް ގެންގޮސްފި އެވެ.
ރެއާލް ސޮސިއެދާދު އާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި، ސޮސިއެދާދުގެ ޕެނަލްޓީ އޭރިއާ ތެރެއިން ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަށް ފައުލު ކުރުމުން ރެފްރީ އެކަމާ އިލްތިމާސް ނުކުރުމުން ބާސާއިން ވަނީ ވީއޭއާރް މެދުވެރިކޮށް އެކަން ރިވިއު ކުރުމަށް އެޕީލް ކޮށްފަ އެވެ. އެހެންނަވެސް ރެފްރީ ނިންމީ ރިވިއު ކުރަން ޖެހޭނެ ހާލަތެއް ނެތް ކަމަށެވެ.
މިރޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ވަލްވެރުޑޭ ބުނީ، ފުޓްބޯޅައިގައި އުފެދޭ ސުވާލުތައް ވީއޭއާރް އައުމަކުން މުޅިން ފިލައިގެން ނުދާނެ ކަމަށެވެ.
"ސަބަބަކީ ފުޓްބޯޅައަކީވެސް އޭގެ ޒާތުގައިވެސް މެޗުތައް ފެށުމުގެ ކުރިންވެސް ސުވާލުތަކެއް އުފައްދައިގެން ކުޅޭ ކުޅިވަރެއް،" ވަލްވެރުޑޭ ބުންޏެވެ. "ކޮންމެ މީހަކަށްވެސް ކަންކަން ފެންނާނީ އެކި ގޮތްގޮތަށް، އަހަރެމެން ހީކުރީ ކުރީ މެޗުގައި ހިނގާދިޔަ ފައުލުން އެކަން ރިވިއު ކުރާނެ ކަމަށް، މިއަށްވުރެ ބޮޑަށް މިވާހަކަ ދައްކާކަށް އަހަރެން ނެތިން."
މި ސީޒަންގެ އެލްކުލެސިކޯގެ ފުރަތަމަ މެޗު ކުޅެން އެންމެ ފުރަތަމަ ރޭވީ އޮކްޓޯބަރު މަހު އެވެ. އެހެންނަމަވެސް ބާސާ ހިމެނޭ ސަރަހައްދު ކެޓަލޯނިއާ، ސްޕެއިން އާއި ވަކިވެ ވަކި ދައުލަތް އުފައްދަން ކުރާ މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގައި އުފެދުނު ހަމަނުޖެހުން ތަކާއެކު އެލްކްލެސިކޯގެ ތާރީހް ބަދަލު ކުރީ އެވެ.
ވަލްވެރުޑޭ ބުނީ، ފުޓްބޯޅަ ވާން ޖެހޭނީ އެއްބަޔަކު އަނެއް ބަޔަކު އެކުވެރިކުރުވާ ކުޅިވަރަކަށް ކަމަށެވެ. އޭނާ ބުނީ މެޗު ފަސް ނުކުރިނަމަ އެއްގޮތަކުން ރަނގަޅުވިސް ކަމަށެވެ. އެހެންނަމަވެސް މިހާރު ކުޅެން ޖެހުނަސް އޭނާގެ ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.
ރެއާލްގެ އެޑެން ހަޒާޑަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ އެވެ. އެހެންނަމަވެސް ރެއާލްގައި މި ސީޒަންގައި އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ ކަރީމް ބެންޒެމާ އެވެ. ވަލްވެރުޑޭ ވެސް ވަނީ ބެންޒެމާގެ ލަނޑު ޖެހުމުގެ ރޭޓަށް ތައުރީފް ކޮށްފަ އެވެ.
އޭނާ ބުނީ، ޒިދާން މެޗަށް ކޮންމެ ކުޅުންތެރިންތަކެއް ނެރުނަސް ބާސާއިން އެ ކުޅުންތެރިން ހުއްޓުވާނެ ގޮތް ރާވާނެ ކަމަށެވެ. މެޗަށް ބާސާ ނުކުންނަނީ ރެއާލްއަށް ވުރެ އިތުރަށް އެއްދުވަސް ރެސްޓް ކުރަން ލިބިގެންނެވެ. ވަލްވެރުޑޭ ބުނީ އެއީ ކުޑަ އެޑްވާންޓޭޖެއް ކަމަށެވެ.
"އެއްދުވަސް ރެސްޓް ކުރަން ލިބުނަސް އަދި ނުލިބުނަސް މި ދެޓީމަށްވެސް އެނގޭނެ އެ ހާލަތުގައިވެސް ރަނގަޅަށް މެޗަށް ތައްޔާރުވާން."