ހަބަރު

ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މާލީ ބަޔާން އާންމުކުރަނީ

ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މާލީ ބަޔާން އަންނަ އަހަރުގެ ކުރީކޮޅު އާންމު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރްޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ހޫދު މިހެން ވިދާޅުވީ ވަޒީރުންގެ މާލީ ބަޔާން އަހަރަކު އެއް ފަހަރު އާންމު ކުރައްވާނެ ކަމަށް ސަރުކާރުން ވައުދުވެފައިވާކަން ހަނދާންކޮށްދީ އާންމުންގެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ހޫދު ވިދާޅުވީ ވަޒީރުންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މާލީ ބަޔާން އަންނަ އަހަރުގެ ކުރީކޮޅު އާންމު ކުރާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އިތުރުން ކެބިނެޓްގެ ވަޒީރުންގެ މާލީ ބަޔާން މިއަހަރުގެ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު ވަނީ އާންމު ކުރައްވާފައެވެ.

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް އަދި ވަޒީރުންގެ މާލީ ބަޔާންތައް ރައީސް އޮފީހުގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފަ އެވެ. މިއީ މިފަދަ ގޮތަކަށް ސަރުކާރުގެ އެންމެ އިސް ބޭފުޅުން މާލީ ބަޔާން އާންމު ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސް ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީހުގައި ސަރުކާރުން އިސްނަގައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ އިސް މަގާމުތަކަށް ރައީސް އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދާނެ ކަމަށް ރައީސް އޮފީހުން އޭރު ވަނީ ބުނެފައެވެ. އަދި ހުރިހާ މާލީ ބަޔާންތައް ރައީސް އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިއުކުރެވި، އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރެވެމުން ދާނެ ކަމަށެވެ.

ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މި މުހިންމު މަސައްކަތުގައި ކަމާ ބެހޭ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެއެވެ. އަދި މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމުގައި އެ އިދާރާތަކުގެ ލަފާ ސަރުކާރުން ހޯދަ އެވެ.