އާދަމް ޝަރީފު އުމަރު

"ސަރުކާރުން ދަނީ އިންތިހާބަށް ނުފޫޒު ފޯރުވަމުން"

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށާ ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކޮށްގެން އެމްޑީޕީއަށް ވޯޓް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދާދި ފަހުން "ވިއަވަތި ރާއްޖެ" ނަމުގައި ކައުންސިލަރުން ބައިވެރިކޮށްގެން ބޭއްވި ކޮންފަރެސްއަކީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ބާއްވާފައިވާ ކޮންފަރެންސްއެއް ކަމަށެވެ.

ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ބޭއްވި މި ކޮންފަރެސްގައި ރައީސް ސޯލިހާއި، އެމްޑީޕީގެ އިސްވެރިން ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް އެކަނި ވޯޓް ދިނުމަށް ގޮވާލުމަކީ ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށާ އަދި އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށްވެސް ޝަރީފް ިވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކައުންސިލަރުންގެ މަހާސިންތާއެއް ކަމަށް ބުނެ ހުރިހާ ކައުންސިލަރުން އެއްތާކަށް އެއްކުރީ އޮޅުވާލުމެއްގެ ތެރެއިން ކަމަށާ ބޭނުމަކީ އެމްޑީޕީއަށް ވޯޓް ހޯދުން ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބެވި ކައުންސިލަރުން، މާލޭ ކައިރީގައި ރައީސް ޔާމީން އުފެއްދެވި 'މުތީ' އެއް ފަދަ ރަށައް ގެންގޮސްފައި، އެ ރަށުގައި ދައުލަތުން ބޮޑު ހަރަދުކޮށްގެން އެ ބޭއްވި ބައްދަލްވުމެއް ބާއްވާ ގޮވާލަމުން އެ ދިޔައީ އެމްޑީޕީއަށް ވޯޓް ދިނުމަށް. މިއިން އެނގޭ އެއްޗަކީ ދައުލަތުން ހަރަދުކޮށްގެން އެމްޑީޕީއަށް ވޯޓް ހޯދާދިނުމަށް ސަރުކާރުން މިއަދު މަސައްކަތް ކުރަން ފަށައިފިކަން. މިއީ ސީދާ ސަރުކާރުން، ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމާ، ދައުލަތުގެ މުދަލާ ފައިސާ ބޭނުންކޮށްގެން ކަރަޕްޝަން ހިންގުމާއި އަދި އެއާ އެކީގައި ރައްޔިތުންނަށް އޮޅުވާލުމާއި ނުހައްގު އަނިޔާ ކުރުމުގައި ނިޔަތުގައި ހިންގާ ޖަރީމާއެއް ކަމަށް ގަބޫލުރަނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ އެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް އޭސީސީއަށް ގޮވާލައްވާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުން ވޯޓު ދޭންވީ ލާމަރުކަޒީ ނިޒާމެއް ތަންފީޒު ކުރަން ޖެހޭނެ ބަޔަކަށް ކަމަށާއި އެކަން ކުރާނެ ބަޔަކީ އެ ބޭފުޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރަން ރައްޔިތުން ބޭނުންވާނަމަ ކުރިއަށް އޮތް އިންތިހާބުގައި ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކުރަން ވާނީ އެ ގާނޫނު ތަންފީޒު ކުރަން ބޭނުންވާ އަދި އެ ނިޒާމު ގަބޫލު ކޮށްގެން ތިބި ބަޔަކު ކަމަށެވެ. އެ ކަން ގަބޫލު ކުރާ ކައުންސިލަރުންނަށް ވޯޓު ދިނުމަށް އިލްތިމާސް ކުރެއްވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑުމެން މި ތިބީ މިކަން ގަބޫލު ކޮށްގެން، ހަމަ ގައިމު ވެސް ވޯޓު ދޭންވީ ބަޔަކު ތި ބޭފުޅުންނަށް އޮޅިވަޑައެއް ނުގަންނަވާނެ، އިރާދަކުރެއްވިއްޔާ މި ގާނޫނު އަޅިގަނޑުމެން ތަންފީޒު ކުރާނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ވެރިކަން ކުރަނީ ހަތަރު ސިޔާސީ ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމަށްވީއިރު ވަކި ޕާޓީއެއް އެމަނިކުފާނު ފާހަގައެއް ނުކުރައްވަ އެވެ. ނަމަވެސް މަޖިލީހުގެ އިންތިހާބުގައި ކޯލިޝަންގެ ޕާޓީތަކުން ވަކިވަކިން ވާދަކުރުމުން، އަންނަ ކައުންސިލް އިންތިހާބުގައި ވެސް ޕާާޓީތައް ވަކިވަކިން ވާދަކުރާނެ ކަމަށް ބެލެވެ އެވެ.