ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(17 ޑިސެމްބަރ 2019 އާ ގުޅޭ)

"އެހާ ރީތިމީހެއްނުނޭ... ދާރިއަން ހިތްކިޔާފާނެތީތަ ތިކަންބޮޑުވަނީ، ނުވާނެ އެކަމެއް... އެކަހަލަ އެއްވެސް ސިފައެއް އެމީހާގެ ނެތް" ތާރާ ހީނލިއެވެ. އެ ފޮށްޓަކީ އަންހެނަކު ގެނައި ފޮށްޓެއްކަން އެނގުމުން ސާރާގެ ހިތަށް އުނދަގޫވިއެވެ. އެއީ ކާކުކަން ތާރާއަށް ބުނެދޭން ނޭނގުމުން އިތުރަށް ވާހަކަދައްކާކަށް ސާރާ މަޑެއްނުކުރިއެވެ.

އެހެންނަމަވެސް އައިކޮޅަށް އެނބުރި ސާރާ އެ ދިޔައީ އެތައް ސުވާލުތަކެއް ހިތުގައި އުފެދިފައިވާ ހާލުގައެވެ. އާދައިގެ ފޮށްޓަކާ ހެދި ދާރިއަންގެ ފުށުން ފެނުނީ ސާރާ ދުވަހަކުވެސް ދުށްފަދަ މަންޒަރެއްނޫނެވެ. ނުރުހުންވުމާއި އަމުރުކުރުމާއި ބާރަށް ވާހަކަދެއްކުމަކީ ދާރިއަންގެ ހުރި ސިފަތަކެއްކަން ސާރާއަށް އެނގުނީ ރޭގައެވެ. މަޑުމަޑުން އައިސް ސާރާ އިންނަ މޭޒު ދޮށުގައި އޭނާ އިށީނދެއްޖެއެވެ.

ކެބިންއާ ދިމާއަށް ދާރިއަން އަންނަތަން ފެނި ގޮނޑި އަނބުރާލަ އަނބުރާލައި، ފޯއްޕެކެއްޓެއް އަތަށް ލައިގެން އިން ތާރާގެ ހަރަކާތްތައް ބަދަލުވިއެވެ. ފޯއްޕެކެޓު އެއްފަރާތްކޮށްލައި ގޮނޑީގައި ހަށިގަނޑު ސީދާކޮށްލަމުން މޭޒާ ކައިރިކޮށްލިއެވެ. އެ އޮފީހުގަ މުވައްޒަފެއްގެ ގޮތުގައި ތާރާ މަސައްކަތް ކުރާތާ ތިން އަހަރު ވެއްޖެއެވެ. ދާރިންގެ އެންމެ އިސް އެހީތެރިޔާގެ މަޤާމަށް އޭނާ ގެނައީ ދާރިއަންއަށް ފެނިގެންނެއްނޫނެވެ. އެކަން ހަމަޖެއްސީ ސާރާގެ ބައްޕައެވެ. މުވައްޒަފުންގެ ކަންކަން ބަލަހައްޓާ މީހަކީ އެއީއެވެ. ދާރިއަންގެ ގާތުގައި މަސައްކަތްކުރާތާ އަދިވީ އަހަރެއްހާ ދުވަހެވެ. ދާރިއަންގެ މޫނުން ސީރިއަސްކަންނޫން އިތުރު އަސަރެއް ދުވަހަކުވެސް ތާރާ ނުދެކެއެވެ.

"ގުޑްމ..." ތާރާގެ ވާހަކަ ހުއްޓުމަކަށް ގެނުވީ ދާރިއަން ވާހަކަދެއްކީމައެވެ. އޭނާ އަމުރުކުރީ ވަގުތުން އޭނާގެ ކެބިންއަށް ތާރާ އައުމަށެވެ. އަދި މަޑުކޮށްލުމެއްނެތި ދާރިއަން ގޮސް ކެބިންއަށް ވަދެއްޖެއެވެ. ދެން ވެސް ތާރާއަށް ދާރިއަންގެ މޫނުގައިވި ނުރުހުން ނަގައިނުގަނެވުނެވެ. އޭނާ ހީކުރީ ހެނދުނުގެ ނާސްތާއާއެކު އޮތް ބައްދަލުވުމުގަ ކަމެއް ގޯސްކޮށް ހިނގީކަމެވެ. އަވަސްއަވަހަށް މޭޒުގެ ވައަތް ފަރާތުން މަތީ ވަތްގަނޑު ހުޅުވާލައި ނޯޓުފޮތް ނެގުމާއެކު މޭޒުމަތީ ހުރި ގަލަން ޖަހާ އެތިން ގަލަމެއް ނަގައިގެން ތާރާ ތެދުވިއެވެ.

"ވަދޭ..." ދޮރުގައި ޓަކި ޖަހާލުމާއެކު ދާރިއަން ބުނެލިއެވެ.

އެތެރެއަށް ވަދެގެން އައިސް މޭޒުދޮށުގައި އިން ދާރިއަންއާ ކުރިމަތިވާނޭހެން ތާރާ ހުއްޓުނެވެ. އޭނާގެ އަތުގައި އޮތް ނޯޓުފޮތް ދާރިއަންގެ ލޮލުގައި އަޅައިގަތެވެ. ދާރިއަން މޭޒުދޮށުން ތެދުވެގެން އައިސް އެ ކެބިންގައި ހުރި ބޮޑެތި ފައިލްތައް ލާފައި ހުންނަ ލޮކަރު ހުޅުވާލިއެވެ. އަދި އޭގެ ތެރެއިން އޭނާ ނެގީ ހޭޒަލް ހަދާފައިވާ ފޮށްޓެވެ. އޭނާ އެ ހިފައިގެން އައިސް މޭޒު ކައިރީ މަޑުކޮށްލިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން ތާރާއަށް ހީވީ ދެނެވެ. ދާރިއަން އެ ފޮށި ދައްކާލަމުން ކޮންއިރަކުތޯ އޭތި އެ އޮފީހަށް އައީ އެއްސެވެ. ކުއްލި ހާސްކަމެއް ތާރާއަށް ލިބިގެން ދިޔައެވެ. އަތުގައި އޮތް ގަލަމާއެކު ދެއަތުން ނޯޓުފޮތުގައި ތާރާ ހިފަހައްޓާލިއެވެ. ދާރިއަންއަށް ދޭންވީ ޖަވާބަކާމެދު ތާރާއަށް ވިސްނާލެވުނެވެ. އޭނާއަށް ހެދުނީ ކޮންގޯހެއްކަން ނޭނގުނަސް ގޯހެއް ހެދިއްޖެއޭ ތާރާގެ ޟަމީރު ވެސް ބުނަމުންދިޔައެވެ. އެހެންވެ ބުނެވޭ އެއްޗަކުން އިތުރަށް އޭނާގެ މައްޗަށް އޮންނަ އިތުބާރު ގެއްލި ވަޒީފާއަށް ވާނެގޮތަކާމެދު ވިސްނަންޖެހިދާނެތީ ތާރާ މަޑުކޮށްލީއެވެ. ނަމަވެސް ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކުރަންވީއިރު ދާރިއަންގެ އަޑު ބާރުވެފައި ހަރުކަށިވެއްޖެއެވެ. ޖެހިލުންވެފައި ހުރެ ތާރާ ބުނީ އެ ފޮށި ލިބުނާ ދުވަސްކޮޅެއް ވެއްޖެކަމަށެވެ.

"މި ގެނައީ ކާކު؟... އޮފީހުން ކާކު މިއާ ހަވާލުވީ... ރިސެޕްޝަނުންތަ ތާރާއާ ހަވާލުކުރީ..." ދާރިއަން އެއްފަހަރާ އެތައް ސުވާލެއްކުރިއެވެ.

"ކާކުކަމެއްނޭނގޭ..." ތާރާއަށް ބުނެވުނެވެ.

"އަންހެނެއްތަ؟" ދާރިއަން ހީވަނީ ކަމަކާ ކެތްތެރިކަން ކުޑަވެފައި ހުރި ހެންނެވެ. ތާރާ ބޯޖަހާލީ ދާރިއަން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

"އަހަންނާ ހަމައަށް ނައީ ކީއްވެ؟" ދާރިއަން ސުވާލުކުރިއެވެ.

"ސަރއާ ބައްދަލުކުރަންށޭ އާއީ އޭނާ ނުބުނޭ، އަޅުގަނޑު ހީކުރީ ތަނަކުން ފޮނުވައިގެން އައި މީހެއްކަމަށް، އެހެން އަންނަ މީހުން އަޅުގަނޑާ ބައްދަލުކުރަން އެދޭ... އެކަހަލަ ކިތަންމެ ހަދިޔާއެއް މިއޮފީހަށް އާދޭ... ސާރއާ ހަމައަށް އެހެން އަންނަ އެއްޗެހި ނުގެންދިއުމަށް އޮތީ ބުނެފައެއްނު... އެހެންވެ... އޭނާ އޭތި ބަލާ އައިސްފަ ވެސް މާގިނަ ވާހަކައެއް ނުދައްކާ... އެދުވަހު ހުރީ ވަރަށް އަވަސްއަރުވާލާފަ... އޭނާ ގެނައި ކޮތަޅު ހިފައިގެން ގޮސްފައި ނިކަން އަވަހަށް އަތުވެއްޖެ... ރިސެޕްޝަންގަ އިން ކުއްޖާ ފަހުން އަހަންނަށް އެ ކޮތަޅު ގެނެސްދިނީ... ބުނީ އެ އަންހެންމީހާ ބުންޏޯ ދާރިއަންއާ ހަވާލުކޮށްލާށޭ... އައި އޭމް ސޮރީ ސަރ... މުހިންމު އެއްޗެއްކަން ނޭނގުނީ... އަޅުގަނޑަށް ކުރިން އެއީ ކާކުކަން އެނގިފައި ވެސް ނެތީމަ، އޭނާ ގެންނަ އެއްޗެއް ސާރއާ ހަމައަށް ފޯރުކޮށްދޭން ވެސް ނޭނގުނީ... ރިއަލީ ސޮރީ... ދެން ނުވާނެ އެހެނެއް" އިސްޖަހާލައިގެން ހުރެ ތާރާ ވާހަކަދެއްކިއެވެ.

"ތާރާތަ މި ފޮށި ސާރާއަށް ދިނީ" ދާރިއަން އަތުގައި އޮތް ފޮށްޓަށް ބަލަން އިރުކޮޅަކު ހުރެފައި އެއްސެވެ.

"ލައްބަ... ސަރގެ ބާތްޑޭއަށް ރީތި ގޮތަކަށް ޕްރެޒެންޓް ރެޕްކުރާނޭ އައިޑިއާ ހޯދަން އައީމަ އަޅުގަނޑު ހަނދާންވީ ތި ފޮށިމަތިން، ސްޓޯރޫމުގައި އޮވެ ހަލާކުވުމަށްވުރެ ހިތަށް އެރީ ސާރާއަށް ޔޫސްފުލްވާނޭ... އައި ރިއަލީ ޑިޑިންޓް ނޯ..." ތާރާ ބުންޏެވެ.

"މީގެ ފަހުން އެހެން އަންނަ ހުރިހާ އެއްޗެއްގެ ތަފްސީލު އަހަންނަށް ލިބެންވާނެ" ދާރިއަން ހަރުކަށިކަމާއެކު ބުންޏެވެ. ތާރާ ނިކަން އަވަސްއަވަހަށް ބޯޖަހާލަމުން އެއްބަސްވިއެވެ. އެއާއެކު ދާރިއަން އޭނާއަށް އެންގީ މަސައްކަތަށް އެނބުރި ދިއުމަށެވެ.

ފިނިނޭވާއެއް ހަށިފުރާ ދޫކޮށްލުމާއެކު ގޮނޑިއަށް ދާރިއަން ވެއްޓިގަތެވެ. އަތުގައި އޮތް ފޮށީގައި ދެއަތުން ހިފާލުމާއެކު ފަރުވާތެރިކަމާއެކު އެއަށް ނަޒަރު ހުއްޓާލައިގެން އޭނާ އިނެވެ. ހިތާހިތުން ހޭޒަލްގެ ނަން އޭނާ ކިޔާލިއެވެ. އަދި ދެއަތުން ފޮށި ގެނެސް މޭގައި މަޑުމަޑުން ޖައްސާލިއެވެ. އެއާއެކު ގޮނޑި އެނބުރާލައި މޭޒަށް ފުރަގަސް ދީގެން އޭނާ އިނީ ދެ ލޯ މަރާލައިގެންނެވެ. ހިތާއި ސިކުނޑީގައިވީ ހޭޒަލްގެ ޚިޔާލުތަކެވެ. ކުރެވެނީ އެންމެ ސުވާލެކެވެ. ހޭޒަލްވީ ކޮންތާކުބާއެވެ. އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނާންނަނީ ކީއްވެބާއެވެ.

* * * * *

އެކަނިމާ އެކަނި ކޮފީއަކަށް އަރާ އިން ލިއަމް ފެނިގެން ރަމީޒު އައިސް އޭނާގެ ގާތުގައި އިށީނދެއްޖެއެވެ. ރަމީޒުގެ އިތުރުން ލިއަމްއާއެކު މަސައްކަތްކުރާ އިތުރު ދެ މީހަކު ވެސް ތިއްބެވެ. އެކަނިމާއެކަނި ކޮފީއަށް އެރުމަކީ ލިއަމްގެ އާދައެއްނޫނެވެ. އޭނާގެ ފުށުން ފެނުނު މަންޒަރެއްނޫންވީމަ ރަމީޒު ސީދާ ސުވާލެއްކުރުމުގެ ބަދަލުގައި ސަމާސާކަން އެކުލެވޭހެން ދިމާކޮށްލިއެވެ. މީހަކު ކޮފީއެއް ދޭން ބުނެފާނެތީ އަންގާ ވެސް ނުލާ އެކަނިމާއެކަނި ކޮފީއަކަށް ކަނޑާލީ ދޯ އޭ ރަމީޒު ބުންޏެވެ. ލިއަމް އެއްޗެކޭ ނުބުނެ ހިނިތުންވެލީއެވެ.

"ކޮބާ ދެން ކޮންއިރަކުން ތިގޭގަ ކެއުމެއް ބާއްވާނީ" ރަމީޒު އަހާލިއެވެ.

"ރަމީޒު ދޭންވީނު އަހަރެމެންނަށް ކެއުމަށް" ލިއަމްގެ ނަޒަރު ދެން ތިބި މީހުންނަށް ހިންގާލަމުން ހިނިއައިސްފަ އިނދެ ބުނެލިއެވެ.

"ކެއުމެއް ދޯ... މުސާރަ ލިބުނީމަ ވިސްނާލާނަން" ރަމީޒު ހިނިގަނޑެއް ޖަހާލިއެވެ. ދެން ވެސް އޭނާ ވާހަކަދެއްކިއެވެ. ހޭޒަލް ކިހިނެއްތޯ އަހާލިއެވެ. މިއަދު ގެއަށްޖައްސާނުލަންތޯ ވެސް ރަމީޒު އެއްސެވެ. ޢާންމުކޮށް ލިއަމް އޮފީހުގައި އުޅެފައި ވަގުތެއް ހޯދައިގެން ނުކުންނަކަން ރަމީޒު ނޫނަސް އެހެން މުވައްޒަފުންނަށް ވެސް އެނގެއެވެ. ހެނދުނު އޮފީހަށް އަންނަ ގޮތަށް ސައިމޭޒު ދޮށުން ލިއަމްއާއި އޭނާގެ ރައްޓެހިންނަށް ސަލާމަތްވެވޭއިރު ހުންނާނީ ގިނަ ދުވަސްދުވަހު ދިހައެއް ޖަހަން ކައިރިވެފައެވެ. އެހެންމީހުންނާއެކު އޮފީހަށް އައިސް ވަނަސް ދިހައެއްގެ ފަހުން ލިއަމް އަނެއްކާ ވެސް އޮފީސް ތެރެއިން ގެއްލޭނެއެވެ. ބައެއް ދުވަސް ދުވަހު މެންދުރުގެ ވަގުތުއެވެ. ގިނަބަޔަކަށް ފާހަގަވެފައި އޮންނަ ކަމަކަށްވަނީ ލިއަމް އަނބިމީހާދެކެވާ އާދަޔާ ޚިލާފު ލޯތްބެވެ. އެ ނިކުންނަ ނިކުތުމަކީ ގެއަށްދާން ނުކުންނަ ނިކުތުމެއްނޫންކަން އެނގޭ މީހަކު ނެތެވެ. މަޤާމުގެ ސީނިއާރ ކަމުން ދާންޖެހޭ ބައްދަލުވުންތައް ގިނަވާ ދުވަހެއްނަމަ އޮފީސް ނިންމާލުމަށްފަހު ގެއަށް ދިއުމާ މެދުގައި ލިއަމްގެ "ސްޓްރެސް" ފިލުވާލުމަށް އިތުރު ހަރަކާތްތަކަށް މަޑުކޮށްލާނެއެވެ. މިއިން އެއްވެސް ކަމެއް ގޭގައި އިން އަނބިމީހާއަށް ނޭނގެނޭ ކަމުގެ ޔަގީންކަމެއް އަމިއްލަ ނަފްސަށް ލިއަށް އޮވެއެވެ.

"އޭތް!... ކަލޭ ރަނގަޅުހެނެއްހިޔެއްނުވޭ، ކޮބާތަ ކަލޭ ދަމަންގެންގުޅޭ އެތިގަނޑު... ދީބަލަ މަ ވެސް ދަމާލަން" ރަމީޒުގެ ކައިރީ އިން ނައުޝާދު ބުނެލިއެވެ. އެއާއެކު ލިއަމްގެ ކަނާއަތުގެ މުށުތެރެއިން އޭނާގެ ވޭޕްދައްކާލިއެވެ.

"ދާން ޖެހިއްޖެ... މަށަށް އޮފީހުން ހަވާލުކޮށްލާ" ލިއަމް ފޯނަށް ބަލާލައި ބުންޏެވެ. އޭނާ އެތަނުގައި އިންނަން ބޭނުންނުވީއެވެ. ބަހަނާއެއް ދައްކާފައި ތެދުވެގެން ލިއަމް ހިނގައިގަތީ ފައިސާ ކަނޑާ ކައުންޓަރާ ދިމާއަށެވެ.

ހަވީރުގެ ވަގުތެވެ. ހަތަރެއް ޖެހިއިރު ލިއަމް ހުރީ ގޭގައެވެ. އޭނާ ބޭނުންވާނަމަ އެހާއިރު ގެއަށް އާދެވޭނެކަން އެނގެއެވެ. އެޕާޓްމެންޓުގެ ދޮރުފަތުގައި ލެނގިލައިގެން ގޭތެރެއަށް ބަލަހައްޓައިގެން ލިއަމް ހުއްޓެވެ. އެތަނަށް ވަނުމުން ވަކިން ބޮޑަށް ހޭޒަލްގެ ހަނދާންތައް އޭނާއަށް އުނދަގޫކުރިއެވެ. އޭނާގެ ޢަމަލުތައް ގޯސްކަން ލިއަމްއަށް އެނގެއެވެ. އޭނާގެ އެ ދިރިއުޅުމަށް ދެވިހިފާފައިވީވަރުން އެކަންކަން އަނބިމީހާއަށް އެނގިދާނޭ ލިއަމްއަށް އެއްފަހަރުވެސް ހީނުކުރެވުނީއެވެ. ބުއްދިވެރިއެއްކަމަށް ހީކުރިޔަސް އޭނާގެ ވިސްނުން ކޮށްޓެވެ. ނިކަމެތިވާކަށް އޭނާ ނޭދެއެވެ. މީހެއްގެ ކުރިމަތީ އަގުވެއްޓޭކަށް ވެސް ބޭނުމެއްނޫނެވެ. ބޭވަފާތެރިވިކަން ޔަގީންވާއިރު ވެސް ލިއަމް ކުށް ޤަބޫލުނުކުރީ އެ ލަޤަބު ބޮލުގައި އެޅެން ބޭނުންނުވާތީއެވެ. ހަޤީޤަތް ވެސް އޭނާއަށް ޤަބޫލުކުރަން ދަތިވީ ކަހަލައެވެ. ބޮލުގައި އަތްފުނާ އަޅާލައިފަ ގެނެސް ތުނިކޮށް ހުރި ތުނބުޅީގައި ލިއަމް އަތްހާކާލިއެވެ. އޭނާއާއިއެކު ހޭޒަލް ހޭދަކުރި ދިރިއުޅުމުން އެކައްޗެއް ހޭޒަލް ގެންގޮސްފައެއް ނެތެވެ. އޭނާ ދިޔައީ އޭނާގެ އަމިއްލަ ނަފްސާއެކުއެވެ. ލިއަމްގެ އަތުން އެއްވެސް އެއްޗެއް އޭނާ ބޭނުމެއްނުވިއެވެ. އެކި ފަހަރު މަތިން ލިއަމް ހޯދާ ދީފައި ހުރި އަގުބޮޑެތި ހަދިޔާތައް ވެސް ހުރި ގޮތަށް ހުރީއެވެ.

މަޑު ހިނގުމުގައި އައިސް ލިއަމް ކޮޓަރިއަށް ވަނެވެ. އެނދުގައި އަދިވެސް އޮތީ ހޭޒަލް އެޅި ތަތްމަތި އޮތްގޮތަށެވެ. ފާޚާނާ ކައިރީ ހަރުގައި ހޭޒަލް ގައި ހިއްކި ތުވާލި އޭނާގެ އަތުން އެޅުވި ގޮތަށް ހުއްޓެވެ. ރީތިވާ މޭޒުމަތި ހޭޒަލްގެ ސެންޓުފުޅިތަކާއި މޭކަޕް ސާމާނުތައް ވެސް ހުއްޓެވެ. ހޭޒަލްގެ އެއްވެސް އެއްޗެއް އެ އެޕާޓްމެންޓުން މަދެއްނުވެއެވެ. ދެރަވިޔަސް ލިއަމް ދެރަވާކަށް ބޭނުމެއްނޫނެވެ. ކުށް ޤަބޫލުކުރަން ބޭނުންނުވެ ހުރެ ފިކުރުތަކުގެ މައްޗަށް އޭނާ އިސްކުރީ ރުޅިއެވެ. އަމިއްލަ ޟަމީރުގެ ގޮވާލުމަށް އަޑުލައި ގަތީ އޭނާއާ ދުރުގައި ހޭޒަލްއަކަށް ނޫޅެވޭނޭ ކަމެވެ. ދުވަސްކޮޅަކުން އަލުން އެނބުރި އެ ހަޔާތަށް އަންނަން ހޭޒަލް ބޭނުންވެދާނޭ ކަމެވެ. އޭނާ ނޫނަސް ކިތަންމެ ބަޔަކު ވަރިވެއެވެ. ވަރިވެފައި އަލުން ގުޅޭ މީހުން ވެސް މަދެއްނޫނެވެ. ދަތްކުނޑިވިކާލައިގެން ލިއަމް ހުރެ އޮފީސް ހެދުން ބަދަލުކުރިއެވެ. ހިތް ހަރުކޮށްލައި އޭނާ ބޭނުންވީ ހޭޒަލް އެ ނިންމި ނިމުމަކީ އޭނާ ހެދި ގޯހެއްކަން އަންގާލާށެވެ. އޭނާއަށް ލިއަމްވަރުގެ މީހަކު ނުލިބޭނޭކަން ބުނެދޭށެވެ. އެހެންވީމަ ރަނގަޅުވާނީ އަލުން އެނބުރި ލިއަމްގެ ގާތަށް އައުންކަން ވިސްނައިދޭށެވެ. މިފަދަ ހަރުކަށި ތާކުންތާކު ނުޖެހޭ ޚިޔާލުތަކުގައި ހުރެ ލިއަމް ގަސްދުކުރީ އެޕާޓްމެންޓުގައި ނުހުރެ ބޯހަމަޖައްސާލަން ދިމާއަކަށް ދާށެވެ. އެއާއެކު ކުއްލިއަކަށް ބޮލަށް ވަން ޚިޔާލެއް ލިއަމްއަށް ވަރަށް ކަމުގޮސްފިއެވެ. އިއްދައިގައި އިން ހޭޒަލްއާ ގާތްވެވިއްޖެނަމަ އަލުން އޭނާގެ ގާތަށް އަންނަން މަޖުބޫރުވާނޭ ލިއަމްއަށް ވިސްނުނެވެ.

* * * * *

ޒައިދަންގެ ސައިކަލު ފަހަތުގައި އެއްއަރިއަކަށް އިން މުހުސިނާގެ ލޮލުގައި ހޮސްޕިޓަލުން ނިކުތް ބަޔަކު އަޅައިގަތެވެ. އެއާއެކު ނިކަން އަވަހަށް ދަރިފުޅުގެ ކޮނޑުގައި މުހުސިނާ މަޑުމަޑުން ޖަހާލައިފިއެވެ. ސައިކަލު މަޑުކޮށްލަންވީއޭ ހީވެ ޒައިޒަން މަގުގެ އެއްފަރާތަށް ޖެހިލިއެވެ. މުހުސިނާގެ ލޮލަށް ފެނުނު މަންޒަރު ޒައިދަންއަށް ވެސް އޭނާ ދައްކައިފިއެވެ.

"ހޭޒަލް ދޯ އެއީ..." މުހުސިނާއަށް އަހާލެވުނެވެ.

"ޒެއްލުމަންމަ ދެން ހުރީ... މިގަޑީގަ ހޮސްޕިޓަލުން..." ޒައިދަން ސުވާލު އުފެދުނެވެ. މުހުސިނާ ވެސް އިނީ ސުވާލު އުފެދިއެވެ.

"ލިއަމް ކޮބާބާ؟ އޭނާއަށް ހޭޒަލް ޑަކްޓަރަދައްކާލާނޭ ވަގުތު ވެސް ނުވީތަ؟" މުހުސިނާއަށް ބުނެލެވުނެވެ.

"މަންމާ... ޒެއްލު ބަލިވެއުޅެނިކޮށް ލިއަމް ނުހުންނާނެ ނުގޮހެއް... އެވާނީ އޭނައަށް އަސްލު ވެސް އާދެވެން ނެތީކަމަށް" ޒައިދަން ބުންޏެވެ.

"ދެން އަޅެ އަހަރެމެން ގާތު ވެސް ބުނެލިނަމައެއްނު، ހޭޒަލް ވެސް ގުޅާނުލާނެ... ހިނގާބަލަ އެމީހުން ގާތަށް" މުހުސިނާ ބުންޏެވެ.

ޒައިދަން ސައިކަލު ދުއްވާލިއެވެ. އެހެންނަމަވެސް އެމީހުން އައިސް ހަމަކުރެވެންވީއިރު ހޭޒަލްމެން ކާރަށް އަރައިފިއެވެ. މުހުސިނާ ދެން އެދުނީ ގެއާ ދިމާއަށް ދިއުމަށެވެ.

ގެއަށް ވަދެވުނު ގޮތަށް އަތުގައި ހުރި ކޮތަޅުތައް މުހުސިނާ ދިއްކޮށްލީ ސިޓިންރޫމުގައި އިން ރަފާގެ އަތަށެވެ. އެތަކެތި ބަދިގެއަށް ލާދިނުމަށް މުހުސިނާ ބުންޏެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ޒައިދަން މަޑުކޮށްލައިގެން ހުއްޓެވެ. ޓީވީ ބަލަން ސޯފާގައި އިން ޝަމާޢިލް ލޮލުން ޒައިދަންއަށް އިޝާރާތެއްކޮށްލީ މުހުސިނާއަށް ވެފައި ހުރި ގޮތެއް އޮޅުން ފިލުވާށެވެ. އެވަގުތު މުހުސިނާ ގެންގުޅޭ ކުޑަ އަތްދަބަހުގެ ތެރެއިން ފޯނު ނަގައި ލިއަމްއަށް ގުޅައިފިއެވެ.

"ނުނެގިއެއްނު... ނުނަގާނެ... ގުޅާގުޅާ މީހަކު ހަލާކުވާއިރު ވެސް ނަގަން ހިތަށް ވެސް ނާރާނެ.... އަޅެ އަހަރެމެން މިގުޅަނީ އޭނާ އަތުން އެއްޗެހިތަކެއް ބޭނުންވެގެންތަ؟... އަހަރެމެންމީ އޭނާއަށް ދުރުހިލޭ ބައެއްތަ؟" ރުޅި ގަދަވެފައި ހުރެ މުހުސިނާއަށް ބުނެވުނެވެ.

"ކާކުތަ؟" ޝަމާޢިލްއަށް ޖަވާބު އަންނާނޭ ގޮތް އެނގި ހުރެ އަހާލިއެވެ.

"އަހަރެމެންގެ ދެވަނަ ފިރިހެން ދަރި... ދެން އެހެން ކާކު؟ އޭނާ ނޫނީ އަހަރެމެންނާ ވަކިވެގަނެގެން އުޅޭ މީހަކު ނޫޅެއެއްނު، މައިންބަފައިންގެ ހާލު ވެސް އޭނާއަށް ބަލާނުލެވޭ... އޭނާއަށް އެކަން ނުވާއިރު އެންމެ ރަނގަޅެއްނު އަހަރެމެން ގުޅީމަ އެ ފޯނުގަނޑު ނަގާނަމަ... ފޯނުކޯލަކަށް ޖަވާބު ނުދެވިއެއް ނުހުންނާނެ ދޯ" މުހުސިނާ ނުރުހުންތެރިކަން ފާޅުކޮށްލިއެވެ. އަދި އައިސް ޝަމާޢިލް އިން ސޯފާގައި އޭނާ އިށީނދެއްޖެއެވެ.

"ކިހިނެއްތަވީ..." ޝަމާޢިލް އަނެއްކާ ވެސް ކުރީ ސުވާލެކެވެ.

"ހޭޒަލް ބަލިވެގެން އުޅެނީ... ހޮސްޕިޓަލުން އޭނާގެ މަންމަމެންނާއެކު ނިކުތްތަން އަހަރެންގެ ދެ ލޮލިން ދުށީ، އެކުއްޖާ ގެންދިޔަ ގޮތުން އެނގޭ ވަރަށް ބޮޑަށް ބަލިވެގެންކަން އެ އުޅެނީ... ހެޔޮވާނީ ކިހިނެއް؟ އަހަރެމެން ވެސް ނުބައިމީސްކުރަން އުޅޭހެން ލިއަމް ހީވަނީ... އެކުއްޖާ ބަލިވެކަން އުޅެނީ އެނގޭނަމަ ލިއަމްއަށް ނުދެވޭތޯ އަހަރެން ވެސް ދިޔައީމުސް، އެކަމަކު ކީއްކުރާނީ، އަހަރެމެންނަށް އަންގާލަނީއެއްނޫންވިއްޔަ... އޭނާގެ މަންމަމެން ވެސް ފާޑުފާޑުގެ އެއްޗެހި ހިތަށް އަރާނެ ދޯ... ހޭޒަލް އެހާ ބަލިއިރު އަހަރެމެންގެ ފަރާތުން އެކުއްޖާއަށް އެހީތެރިކަމެއް ވެސް ނުލިބެޔޭ ދޯ ބުނާނީ... ހަޤީޤަތެއް ނޭނގޭނެއެއްނު މީހަކަށް... ހޭޒަލްއަށް ވެސް އަހަރެން ވަރަށް ގުޅަން... ދެމީހުންކުރެ އެކަކުވެސް ފޯނަށް ޖަވާބެއްނުދޭ" މުހުސިނާ ބުންޏެވެ.

"ދެން ރުޅިމަޑުކުރޭ... ހޭޒަލް ބަލިވެ އުޅެންޏާ ލިއަމް ވެސް ހުންނާނީ ވަރަށް ހާސްވެފަ، ޒައިދަން!... ލިއަމްއަށް ގުޅޭތޯ ބަލާލަބަލަ، މަންމަ ހަޅޭލަވާނޭ ހީކޮށްފައި ވެސް ހުރެދާނެ ފޯނު ނުނަގަން، ދަރިފުޅު ގުޅީމަ ފަހަރެއްގަ ވާހަކަދައްކަފާނެ، ދިމާވެއްޖެއްޔާ ބުނެބަލަ މިގެއަށް އައިސް ބަލާށޭ... ބުނާތި ބައްޕަ ބުންޏޭ" ޝަމާޢިލް ވާހަކަދެއްކިއެވެ.

"އަހަންނަށް ފެންނަނީ އެގެއަށް ދާން... ދުވާލު ގަޑީގަ ހޭޒަލް ވެސް އިންނާނީ ގޭގައެއްނު" މުހުސިނާ ބުންޏެވެ.

(ނުނިމޭ)