ވަހީދާ ރަހްމަނަކީ އެއް އިރެއްގައި ހިންދީ ފިލްމު ބަލަން ލޯބިކުރާ މީހުންގެ ހިތްތަކުގެ ރާނީ އެކެވެ. ނަމަވެސް މިހާރު އުމުރުން 81 އަހަރު ވެފައިވާ ވަހީދާ ފިލްމު ކުޅުމުގެ ބަދަލުގައި ބޮޑަށް އިސްކަން ދެނީ ހެލިފެލިވެ އުޅޭ އެހެނިހެން ހޮބީތަކަށެވެ. އެގޮތުން ވަހީދާގެ ބަކެޓް ލިސްޓްގައި ނުވަތަ މަރުވުމުގެ ކުރިން ކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓުގައި ވަރަށް ކޫލް އެހާމެ ގަބޫލުކުރަން ފަސޭހައަށް ކަންތައްތަކެއް ކުރަން ވަނީ ހިމަނާފަ އެވެ.
ވަހީދާގެ ވަރަށް ފަހުގެ އިންޓަވިއު އެއްގައި ފޮޓޯނެގުމަށް އޭނާގެ ހުރި ޝައުގުވެރިކަން ކިޔައިދީފައި ވެއެވެ. އަދި ފިލްމު ކުޅުނު ދުވަސްވަރު އަބަދުވެސް ކުޑަ ކެމެރާއެއް ސެޓަށް ގެންގޮސްގެން ފޮޓޯނަގާ ކަމަށް އޭނާ ބުންޏެވެ. މިހާރު އޭނާއަކީ ތަމްރީނު ހޯދާފައިވާ ވައިލްޑްލައިފް ފޮޓޮގްރާފަރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް އެ ދަތުރުތަކުގައި ނަގާފައިވާ ފޮޓޯތަކުގެ މައުރަޒެއް ދާދިފަހުން ވަހީދާ ވަނީ ބާއްވާފަ އެވެ.
އިންޑިޔާގެ އިތުރުން ޓެންޒޭނިޔާ، ނެމީބިއާ އަދި ކެންޔާ ފަދަ ގައުމުތަކަށް ދަތުރުތައްކޮށް ވަރަށް ގިނަ ފޮޓޯތައް ވަހީދާ ނަގާފައި ވެއެވެ. އޭނާ އަކީ މަޝްހޫރު ފޮޓޮގްރާފަރެއް ކަމަށްވާ ހިމަންޝޫ ޝޭތުގެ އިރުޝާދުގެ ދަށުން އޭނާގެ ކައިރިން ދަރިވަރުވާ 24 ފޮޓޮގްރާފަރުންގެ ތެރެއިން އެކަކެވެ.
ވަހީދާ ބުނި ގޮތުގައި ބޭނުންވާ ކަންތައްތައް ކޮށްލުމަށް އުމުރުން ދުވަސްވުމަކީ ހުރަހެއްކަމަކަށް އޭނާ ނުދެކެ އެވެ. އެންމެ ޒުވާން ދުވަސްވަރު ވެސް ފޮޓޯ ނަގާޙިތް އޮންނަލެއް ބޮޑުކަމުން އަބަދުވެސް ކުޑަކުޑަ ކެމެރާއެއް އޭނާ ގެންގުޅޭކަމަށާއި މިހާރު އޭނާ އަކީ ވައިލްޑްލައިފް ފޮޓޯގްރާފަރެއް ކަމަށެވެ.
"ވައިލްޑްލައިފް ފޮޓޮގްރަފީ އަކީ ކެތްތެރިކަމާއި ނަސީބާ ގުޅިފައިވާ މަސައްކަތެއް" ވަހީދާ ބުންޏެވެ.
ވަހީދާގެ ބަކެޓް ލިސްޓުގައި އޮތީ ހަމައެކަނި މިކަމެއް ނޫނެވެ. އެ ލިސްޓުގައި ދެން އޮތީ ސްކޫބާ ޑައިވިން ދަސްކުރުމެވެ.
ވަހީދާ ފިލްމީ ދުނިޔޭގައި އެންމެ ބޮޑަށް ވިދާލީ "ރޭޝްމާ އައުރް ޝޭރާ"، "ޕިޔާސާ"، "ކާޣަޒް ކޭ ޕޫލް"، "ޗައުދަވީން ކަ ޗާންދު" އަދި "ސާހިބް ބީބީ އައުރް ގުލާމް" ފަދަ ފިލްމުތަކުންނެވެ.
ނެޝަނަލް އެވޯޑާއި ޕަދްމާ ބޫޝަން ލިބިފައި ވަހީދާގެ ވަރަށް މަޝްހޫރު ލަވަޔަކާ އޭނާގެ މިހާރުގެ ދިރިއުޅުމާ ވަރަށް ގުޅެ އެވެ. "އާޖް ޕިރް ޖީނޭ ކީ ތަމަންނާ ހޭ" މި ލަވަ އެވެ. ލަވައިގައި ބުނާ ފަދައިން ވަހީދާ އަށް ވެސް މިހާރު އަނެއްކާވެސް ދިރިއުޅުމުގެ އުންމީދު އާވެއްޖެ އެވެ.