ލައިފްސްޓައިލް

ބެންޑޭޖް ބޫޓަކަށް އަރައިގެން ތިން ރަން މެޑަލް ހޯދި ކުއްޖާއަށް ތައުރީފު

ކިތަންމެ ދަތި ހާލެއްގައި ވެސް ކުރަން ޝައުގުވެރިވާ ކަމެއް ކުރުމުގައި ބައެއް މީހުން އެމީހުންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރެ އެވެ. ފިލިޕީންސްގެ 11 އަހަރުގެ މި އަންހެންކުއްޖާއަކީ މީގެ ނަމޫނާ އެކެވެ. އޭނާގެ އަޒުމާއި ހިތްވަރު އޭނާ ވަނީ މުޅި ދުނިޔެއަށް ވެސް ދައްކާފަ އެވެ.

ރިއާ ބުލޯސް، 11، އަކީ ފިލިޕީންސްގެ އެތުލީޓެކެވެ. މި ކުއްޖާ މިހާރު ވަނީ އިންޓަނެޓުގައި ތޫފާނެއް އުފައްދާފަ އެވެ. ފަގީރު ކަމުން އަރާނެ ބޫޓެއް ނުލިބިގެން ބެންޑޭޖުން ހަދާފައިވާ ބޫޓަކަށް އަރައިގެން ދުވެ ތިން ގޯލްޑް މެޑަލް ހާސިލު ކޮށްގެންނެވެ.

ފިލިޕީންސްގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރިއާ ވަނީ 400 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ރޭހުން އެއްވަނަ ހޯދާ ގޯލްޑް މެޑަލް ހާސިލުކޮށްފަ އެވެ. މިއީ ފިލިޕީންސްގެ ސްކޫލްތަކުގެ މެދުގައި ބޭއްވި ކުޅިވަރު މުބާރާތަކުން އޭނާ ހޯދި މެޑަލް ތަކެކެވެ.

އެންމެ ކުރިން ރިއާ ދުވީ ބެންޑޭޖުން ހަދާފައިވާ ބޫޓެއްގައި ކަމެއް އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވުނެވެ. މިކަން ފާހަގަ ކުރެވުނީ އޭނާ ހުރިހާ ދުވުމެއް ކާމިޔާބުކޮށްފައި ގޮސް އެހެން ކުޅިވަރުތަކުގައި ވާދަކުރާ ކުދިންގެ ހަރަކާތްތައް ބަލަން އިށީނދެގެން އިންދަ އެވެ. އެހެން ކުދިންތަކުގެ މެދުގައި ރިއާ އިންދާ އެތަނުގައި އިން އެހެން މީހެއްގެ ލޮލުގައި ރިއާގެ ފައި އަޅައިގަތީ އެވެ.

މި ހުރިހާ ކާމިޔާބެއް ހޯދަން ރިއާ ދުވުނު ބޫޓަކީ ބެންޑޭޖް ބޫޓެކެވެ. އަދި އެންމެ މަޖާ ކަމަކީ އޭގައި މަޝްހޫރު ކުޅިވަރުކުޅޭ އެއްޗެތި އުފައްދާ ބްރޭންޑެއް ކަމަށްވާ ނައިކީ ލޯގޯ ޖަހާފައި އިނީމަ އެވެ.

ސީއެންއެން ފިލިޕީންސް އަށް ދިން އިންޓަވިއު އެއްގައި ރިއާގެ ޓްރެއިނާ ވަނީ މި ހިތްވަރުގަދަ އެތުލީޓަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އަދި އެ ކުއްޖާއަށްޓަކައި ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

"އޭނައަށް ކާމިޔާބު ލިބުނީމަ ވަރަށް އުފާވެއްޖެ. އޭނާއަކީ ތަމްރީނުތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ކުއްޖެއް. އެކުދިން ތަމްރީނު ހަދާއިރު އެންމެ ބޮޑަށް ވަރުބަލިވަނީ އެ ކުދިން އަރާނެ ބޫޓު ނުހުންނާތީ،" ރިއާގެ ޓްރޭނަރު ބުންޏެވެ.

މި ކުއްޖާގެ ވާހަކަ އޮންލައިންގައި ވައިރަލްވުމުން ވަރަށް ގިނަ ބަޔަކު އޭނާ ސްޕޮންސާ ކޮށްދޭން މިހާރު ވަނީ ހުށަހަޅާފަ އެވެ. އަނެއް ބަޔަކު ކުއްޖާއަށް އެހީތެރިވެ ދިނުމަށް ނައިކީ ކިބައިން އެދިފައި ވެއެވެ.

ދުނިޔޭގެ މަޝްހޫރު ބައެއް ކުޅިވަރު ކުޅޭ މީހުން ވެސް މި ކުއްޖާ އަށް އެހީތެރިވުމަށް ކުއްޖާއަށް ގުޅޭނެ ގޮތެއް ހަދައިދިނުމަށް އެދިފައި ވެއެވެ. އަދި ފަހުން މީގެ ތެރެއިން ބައެއް މީހުން ވަނީ ކުއްޖާ އަށް ގުޅިއްޖެކަމަށް ބުނެ ޓުވީޓްކޮށްފަ އެވެ.

އޭގެ އަނެއް ދުވަހު ފިލިޕީންސްގެ 'ދަ ޑެއިލީ ގާޑިއަން'ގައި ވަނީ މި ކުއްޖާ ބޫޓު ވިއްކާ މަޝްހޫރު ބްރޭންޑެއްގެ ފިހާރައެއްގައި ބޫޓު ހެޔޮވަރުކުރަން އިންދާ ނަގާފައިވާ ފޮޓޯތަކެއް ޖަހާފަ އެވެ. މިއީ ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދިން ކޮންމެވެސް މީހަކު ކޮށްފައިވާ ޓުވީޓަކާ އެކު ހުރި ފޮޓޯތަކެއް ކަމަށް އެ ނޫހުގައި ލިޔެފައި ވެއެވެ.

ރިއާ ކަހަލަ ހުނަރުވެރި އެތުލީޓެއްގެ ކެރިއަރު ބިނާ ކުރުމަށް މި ފަހަރު އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިމިވަނީ ސޯޝަލް މީޑިއާ އިންނެވެ.