އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅުނު އެލްކުލެސިކޯގެ މެޗު 18 އަހަރަށް ފަހު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.
މީގެ ކުރިން އެލްކުލެސިކޯ ލަނޑެއް ނުޖެހި އެއްވަރުވީ، ސްޕެނިޝް ލީގްގައި ނޮވެމްބަރު 2002 ގައި ކުޅުނު އެލްކުލެސިކޯ އެވެ. ރޭގެ އެލްކްލެސިކޯ މެޗުގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ވަނީ ތާރީހީ ރެކޯޑެއް ގާއިމު ކުރެވިފަ އެވެ. އެއީ މިހާތަނަށް އެންމެ ގިނަ އެލްކުލެސިކޯ މެޗުގައި ކުޅުނު ރެކޯޑެވެ. ރޭ ގެ މެޗާއެކު އޭނާ ކުޅުނު އެލްކުލެސިކޯ މެޗުގެ އަދަދު ވަނީ 43 އަށް އަރާފަ އެވެ.
ރެއާލްގެ ލެޖެންޑް ޕަކޯ ޖެންޓޯ އާއި އެ ޓީމުގެ ކުރީގެ ޑިފެންޑަރު މެނައުލް ސަންޗިސް އާއި ބާސާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ވަނީ 42 އެލްކްލެސިކޯގައި ކުޅެފަ އެވެ. ރޭ ކުޅުނު މެޗާއެކު ބާސާގެ މިހާރުގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ވަނީ އެލްކްލެސިކޯގެ 42 މެޗުގައި ކުޅެފަ އެވެ.
ފަހުގެ ތާރީހަށް ބާލައިރު، އެލްކުލެސިކޯގައި ފެންނަ މަންޒަރަކީ ބާސާއިން ގިނައިރު ބޯޅަ ގެންގުޅެ ބޯލް ޕޮޒެޝަން ޑޮމިނޭޓްކޮށްގެން ކުޅޭ މަންޒަރެވެ. އެއާ ހިލާފަށް ރޭ ގެ މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ބޯލް ޕޮޒެޝަންގައި ކުރީގައި އޮތީ ރެއާލް އެވެ. ރޭގެ މެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެސީ އަށެވެ. ފުރަތަމަ ހާފުގައި ބާސާއިން ނެގި ހުރަސް ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ ދިފާއު ކުރުމުން ރީބައުންސަށް ނުކުތް ބޯޅަ މެސީ ހުހަށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލަން ޖެހުމުން، އެ ބޯޅަ ރާމޯސް ދިފާއު ކުރީ ގޯލް ލައިން މަތިންނެވެ.
އޭގެ ކުރިން ރެއާލުން ނެގި ކޯނަރެއްގައި އެ ޓީމުގެ ކާލޯސް ކަސަމީރޯ ބޮލުން ފޮނުވާލި ބޯޅަ ބާސާގެ ޑިފަންޑަރު ޖެރާޑް ޕީކޭވެސް ދިފާއު ކުރީ ގޯލް ލައިން މަތިންނެވެ. ފުރަތަމަ ހާފުގައި، ރެއާލްގެ ޒުވާން މިޑްފީލްޑާ ފެޑްރީކޯ ވަލްވާޑޭ މޮޅު ކުޅުމެއް ދެއްކި އެވެ. އޭރިއާގެ ބޭރުން އޭނާ ވަނީ ނުރައްކާތެރި ދެ ބޯޅައެއް ބާސާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. އޭގެ ތެރެއިން އެއްބޯޅަ ބާސާގެ ކީޕަރު އަންޑްރޭ ޓާ ސްޓެގަން ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލި އެވެ. އަނެއް ބޯޅަ ދިޔައީ ދަނޑިއާ އިންޗިއެއްހައި ބޭރުންނެވެ.
ފުރަތަމަ ހާފުގައި، މެސީ ތަނަވަސް ކޮށްދިން ބޯޅަ ޖޯޑީ އަލްބާ އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ދެ ވަނަ ހާފުގައި، ފާލެންޑް މެންޑީ ދިން ބޯޅައަކުން ގެރެތު ބޭލް ގޯލެއް ކާމިޔާބު ކުރި އެވެ. އެ ބޯޅަ ބޭލް ގޯލަށް ފޮނުވާލިއިރުވެސް އެސިސްޓެންޓް ރެފްރީ ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ. ރެއާލްގެ ކުޅުންތެރިން އެޕީލް ކުރުމުން ވީއޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ބަލަން ރެފްރީ ނިންމި އެވެ. ވީއޭއާރުން ދެއްކީ މެންޑީ އޮފްސައިޑްގައި ހުރި ކަމަށެވެ.
ދެ ޓީމަށްވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައި ވާއިރު ބާސާ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.