އެމެރިކާ

އިންޑިއާއިން އިންސާނީ ހައްގުތަކަށް އިހްތިރާމްކުރަން ޖެހޭ: އެމެރިކާ

Dec 19, 2019

އިންޑިއާގެ ސިޓިޒެންޝިޕް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެގައުމުގައި ދިރިއުޅެމުންދާ މުސްލިމުންގެ އިންސާނީ ހައްގުތައް ގެއްލޭތީ، އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމަށް އެމެރިކާއިން އިންޑިއާށް ގޮވާލައިފި އެވެ.

އެމެރިކާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މޯގަން އޮޓޭގަސް ވިދާޅުވީ، އިންޑިއާގެ އާބާދީގައި ހިމެނޭ ބައި މަދު ދީންތަކުގެ މީހުންގެ ހައްގުތައް އިންޑިއާ ސަރުކާރުން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އެ ގޮތުން އިންޑިއާގެ ގާނޫނު އަސާސީއާއި އިންޑިއާ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކުގެ ތެރެއިން އެ ގައުމުގެ ބައިމަދު ދީންތަކުގެ މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، ޑިމޮކްރަސީގެ އަސާސްތަކަށް އިހުތިރާމް ކުރުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް އޮޓޭގަސް ވިދާޅުވި އެވެ.

ސިޓިޒެންޝިޕްގެ ބިލަށް ގެނައި އިސްލާހާއެކު މުސްލިމުން ވަނީ މުޒާހަރާކުރަން ފަށައިފަ އެވެ. މުޒާހަރާގައި ބައިވެރިވި ފަސް މުސްލިމެއްގެ ގަޔަށް އިންޑިއާ ފުލުހުން ބަޑި ޖެހުމުގެ ސަބަބުން ވަނީ މަރުވެފަ އެވެ. މިމައްސަލައިގެ ތަހުގީގު ކުރަމުންދާއިރު އެ ފުލުހުން ގެންދަނީ އަދިވެސް ހަތިޔާރާއެކު މުޒާހަރާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސިޓިޒަންޝިޕް އިސްލާހަކީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް ސިފަކުރި ގޮތުގައި، ތަފާތުކުރުމުގެ މައްޗަށް ބިނާކޮށްފައިވާ ގާނޫނެކެވެ. އެ ގާނޫނާ ދެކޮޅު އިންޑިއާ މީހުންނާއި އިންޑިއާގެ މުސްލިމުން ގަބޫލުކުރަނީ ހުރިހާ ވެސް މަގުސަދަކީ މުސްލިމުން ތަފާތުކުރުން ކަމަށެވެ.