ހަބަރު

މަޖިލިސް ހުޅުވުމުން ބްރޯޑްކޮމް ރައީސްގެ މައްސަލަ ބަލަނީ

Dec 19, 2019
3

ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މަރިޔަމް ވަހީދާ ސަރުކާރުގެ ރަސްމިއްޔާތެއް ހުށަހަޅައިދިން މައްސަލަ ބަލާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން އެއް އަހަރު ތެރޭގައި މި ސަރުކާރަށް ހާސިލް ކުރެވުނު ކަންކަން ފާހަގަ ކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ސަރުކާރުން ބޭއްވި ހަފްލާއެއް ހުށަހަޅާ ދެއްވީ މަރީ އެވެ.

އެކަމާ ގުޅިގެން، ބްރޯޑްކޮމްގެ މިނިވަންކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ ރޮޒޭނާ ވިދާޅުވީ މަޖިލީސް ހުޅުވުމާއެކު އެ މައްސަލަ ބައްލަވާނެ ކަމަށެވެ.

"މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަސް ޖެހުމެއްނެތި ކުރަމުން ގެންދާނެ،" ރޮޒޭނާ ޔަގީންކަން ދެއްވި އެވެ.

ކުރީ ސަރުކާރުން ބޭއްވި އިސް ރަށްވެހިންގެ ހަފްލާއެއް އިންތިޒާމް ކުރެއްވުމަށް އޭރު ބްރޯޑްކާސްޓިން ކޮމިޝަންގެ މެެންބަރެއް ކަމަށްވާ، ފާތުމަތު ޒޭނާ ބައިވެރިވުމުން އެކަމާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ކުރި އެވެ. އަދި މި ފަހުން އޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް އެ މައްސަލާގައި ސުވާލު ކުރި އެވެ. އަދި ޒޭނާ ބްރޯޑްކޮމްގެ މެންބަރު ކަމުން ވަކި ކުރީ ވެސް އޭރުގެ ސަރުކާރަށް ތާއީދު ކުރުން ފަދަ މައްސަލަތަކާ ހެދި އެވެ.