މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޓްވީޓަކާއި ގުޅިގެން ސީޕީ މުނާޒް ކޯޓަށް ހާޒިރުކުރަނީ

ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒަށް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.

ކޯޓުން މުނާޒަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ އޭނާ ކޯޓަށް ހާޒިރުކުރަނީ ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ކަމަށެވެ. އެ ޓްވީޓްގެ ސަބަބުން ކްރިމިނަލް ކޯޓާ މެދު ނުބައި ތަސައްވުރެއް އުފެދިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. މުނާޒު ކޯޓަށް ހާޒިރުކުރަނީ އެކަމުގެ ހަގީގަތް ބެލުމަށެވެ.

މުނާޒް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މެންދުރު 1:00 އަށެވެ.

ކޯޓަށް ހާޒިރުކުރާ މައްސަލައާއި ގުޅިގެން ސީޕީ އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.

މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެންބަރެއްގެ މަގާމުވެސް ކުރިން ފުރުއްވި މުނާޒަކީ ސިފައިންގެ ހިދުމަތުގައި ވަރަށް ގިނަ ދުވަސް ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފަހުން ބައެއް އެހެން މަގާމުތައްވެސް ވަނީ ފުރުއްވާފައެވެ.