ހަބަރު

ބޮޑު ޗުއްޓީ ނައިޓް މާކެޓް އަންނަ މަހު ރަސްފަންނުގައި

ސްކައިލައިޓް އެޑްވަޓީސްމަންޓުން މާލޭގައި "ބޮޑު ޗުއްޓީ ނައިޓް މާކެޓް" ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވާ މި ނައިޓް މާކެޓު އޮންނާނީ ރަސްފަންނު ސަރަހައްދުގައި ކަމަށް ސްކައިލައިޓުން ބުނެ އެވެ. އަދި މި ނައިޓް މާކެޓްގައި 230 ސްޓޯލް ހުންނާނެ ކަމަށާއި މީގެ އިތުރުން ތަފާތު ކުޅިވަރު ސްޓޯލްތަކާއި ކާއެއްޗެހި ވިއްކާ ސްޓޯލްތައް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ނައިޓް މާކެޓް ނިމޭނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

މި ނައިޓް މާކެޓަށް ސްޓޯލް ދޫކުރާނީ އެކަމަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ސޭލްސް އޮފީހުންނެވެ. ނައިޓް މާކެޓުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސްކައިލައިޓްގެ ހޮޓްލައިން ނަންބަރު 7262251 އަށް ގުޅުމުން މައުލޫމާތު ލިބޭނެ އެވެ.

ރަސްފަންނު ސަރައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބޮޑު ޗުއްޓީ ނައިޓް މާކެޓް" ވެގެންދާނީ ވަރަށް ފޯރިގަދަ، ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެންދާނެ، އަދި އާންމުންނަށް ވިޔަފާރި ކޮށްލުމާއެކު މުނި ފޫހި ފިލުވާލެވޭނެ ފަދަ ކުލަގަދަ ފެސްޓިވަލަކަށް ކަމަށް ސްކައިލައިޓުން ބުނެ އެވެ. އަދި މިއީ މިހާތަނަށް މާލޭގައި ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓް ކަމަށް ވެސް ސްކައިލައިޓުން ބުނެފައިވެ އެވެ.

ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ބާއްވާ މި ނައިޓް މާކެޓަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

އަންނަ މަހު މާލޭގައި ބޮޑު ނައިޓް މާކެޓެއް ބާއްވަން ތައްޔާރު ވަމުންދާއިރު ލިކަމެކް އިން އިންތިޒާމްކޮށްގެން މިހާރު ހުޅުމާލޭގައި ދަނީ ބޮޑު ނައިޓް މާކެޓެއް ބާއްވަމުންނެވެ.