ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ ބޮޑުން ހޯދުމަށް އެ ރަށުގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ސިފައިންނާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ވަރުގަދަ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ތިން މީހަކު އެ ރަށުން ވަނީ ހައްޔަރުކޮށްފައެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ރޭ ދިހައެއް ޖަހަން އުޅެނިކޮށް 29 އަހަރުގެ ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މަޑުއްވަރީން އިއްޔެ ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.
އެގޮތުން ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން އެ ރަށުގައި ކުރިއަށްދާ އޮޕަރޭޝަންގައި ފުލުހުން ގެންދަނީ އެ ކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތަކަށް ވަދެ އެ ތަންތަން ބަލައި ފާސްކުރަމުންނެވެ. އިއްޔެ ހެނދުނު ފެށި އެ އޮޕަރޭޝަން މިހާތަނަށް އައިއިރު ވެސް ފުލުހުން ހުއްޓާލި ކަމަކަށް އަދި ނުބުނެއެވެ.
ދާދި ފަހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި، މީހުންގެ ފުރާނަ ދުއްވާލަން ތައްޔާރަށް ތިބޭ ހިސާބަށް ދީނީ ގޮތުން ހަރުކަށިވެފައި ތިބި ގާތްގަނޑަކަށް 1400 ދިވެހިން ރާއްޖޭގައި އުޅެމުންދެއެވެ.