ހަބަރު

މަޑުއްވަރީން ހަރުކަށި ފިކުރުގެ ތިން މީހަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ ބޮޑުން ހޯދުމަށް އެ ރަށުގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު އެ ރަށުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ގެންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ތިން މީހުނަކީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުނެވެ.

މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ ބޮޑުންތަކެއް ހޯދަން ފުލުހުން ފެށި އޮޕަރޭޝަނުގައި މީގެ ކުރިން ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭރު ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް ޖެހީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގަ އެވެ. އޭރު ހައްޔަރު ކުރީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ، އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.

ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މީހުން މަރާލަން ތައްޔާރަށް ތިބޭ ހިސާބަށް ފިކުރު ހަރުކަށިވެފައި ތިބި ގާތްގަނޑަކަށް 1400 ދިވެހިން އެބަ ތިބި ކަމަށެވެ. ސަރުކާރުން ގެންދަނީ މި ކަމާ ދެކޮޅަށް ބޮޑެތި ފިޔަޅުތަކެއް އަޅަމުންނެވެ.