ހަބަރު

ރ. އަތޮޅު އޮޕަރޭޝަނުގައި ފަސް މީހަކު ހައްޔަރުކޮށްފި

Jun 23, 2020
5

ރަށްރަށަށާއި ރިސޯޓްތަކަށް އަރައި ވައްކަން ކުރަމުންދާ ބަޔަކު އަތުލައިގަތުމަށް ފުލުހުން ރ. އަތޮޅުގައި ފެށި އޮޕަރޭޝަނުގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައިވަނިކޮށް ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅެމުންދާ ކަމަށެވެ.

އެމީހުން ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައް ކޮށް މުދަލަށް ގެއްލުންދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ، ރ. އަތޮޅުގައި ފުލުހުން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށާއި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެކުރިން ވެސް ރ. އަތޮޅުގައި މިފަދަ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ހިންގި އެވެ. އެއީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ބަޔަކު އަތުލައިގަތުމަށް ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނެކެވެ.

އޭރު ވެސް ވަނީ ބޮޑެތި ވައްކަންތަކާއި ފޭރުންތައް ކުރާ ބަޔަކު އެ ރަށުން އަތުލައިގެންފަ އެވެ. ރ. އަތޮޅަކީ ހަރުކަށި ވިސްނުމުގެ މީހުން ގިނަ އަތޮޅެއް ކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ. ރިސޯޓްތަކުން މުދާ ފޭރުމަކީ އެމީހުން ހުއްދަ ކަމެއްގެ ގޮތުގައި ކުރަމުންދާ ކަމެކެވެ. މިފަދަ ބަޔަކު ޑިންގީއެއްގައި ހަމަނުޖެހުމެއް ވެސް ހިންގައި، އެކަމަކު މަރާލުމަށް ނިންމައި ކަނޑަށް އެއްލާލާފައިވެސްވެ އެވެ.