ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ ބޮޑުން ހޯދުމަށް އެ ރަށުގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ ބަންދާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު އެ މީހުން ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. ފުލުހުން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި މަޑުއްވަރީން ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އޭރު ހައްޔަރު ކުރީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހުންގެ ބަންދަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ 10 ދުވަސް ޖަހައިފަ އެވެ.
މަޑުއްވަރީ އޮޕަރޭޝަނާ ބެހޭ ގޮތުން ފުލުހުން ބުނީ އެ ރަށުގައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.
ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މީހުން މަރާލަން ތައްޔާރަށް ތިބޭ ހިސާބަށް ފިކުރު ހަރުކަށިވެފައި ތިބި ގާތްގަނޑަކަށް 1400 ދިވެހިން އެބަ ތިބެވެ. ސަރުކާރުން ގެންދަނީ މި ކަމާ ދެކޮޅަށް ބޮޑެތި ފިޔަޅުތަކެއް އަޅަމުންނެވެ.