ސައިންސް

އެންމެ ދެ ގަޑިއިރުން ޖައްވަށް

Dec 20, 2019

ޖައްވީ ހޯދުންތައް ހޯދަން ބޭނުންކުރާ ޓެކްނޮލޮޖީތަކުގެ ބަދަލުގައި މުޅިން އާ ޓެކްނޮޖީއެއް ބޭނުން ކޮށްގެން ޖައްވީ އުޅަނދުތައް އުފެއްދުމުގެ މަސައްކަތް އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ސައިންސްޓިސްޓުން މިއަހަރު ފެށި އެވެ. ކުރިން އެއްވެސް އުނިކަމެއް ނެތް ކަމަށް ބުނަމުން ދިޔަ ޓެކްނެލޮޖީތައް ބީރައްޓެހިކޮށްލާ އާ ޓެކްނޮލޮޖީއެއް އުފައްދަން ނާސާއިން ނިންމީ ޖައްވީ އުޅަނދުތައް މަންޒިލަށް ފޮނުވާލުމަށް ހޭދަވާ މުއްދަތު ކުރުމުގެ ބޭނުމުގަ އެވެ. މިއާއެކު ވާދެވެރި ގައުމުތަކުން ވަނީ މިކަން ކުރަން ވެސް ފައި ވިއްދާ އެމެރިކާއަށް ވުރެ ކުރިން އެކަން ކުރުމަށް އަތުކުރި އޮޅާލައިފަ އެވެ،

ޖައްވީ ހޯދުންތައް ދެނެ ގަތުމަށް ފޮނުވާ އުޅަނދުތައް މަންޒިލަށް ދާން ގިނަ މަސް ދުވަސްތައް ނަގާ ކަމުގެ ޝަކުވާ އަކީ އާންމު ޝަކުވާ އެކެވެ. މިކަމަށް ހައްލު ހޯދަން އެންމެ ފުރަތަމަ އަތުކުރި އޮޅާލީ ނާސާ އެވެ. އެގޮތުން ނާސާގެ އިންޖީނިއަރުން މިހާރު މަސައްކަތް ކުރަމުންދަނީ ނިއުކުލިއާ ހަކަތަ ބޭނުން ކޮށްގެން އުޅަނދުތައް އުފައްދާށެވެ. އަދިވެސް އެ މަސައްކަތަށް ނިމުމެއް ނާދެ އެެވެ.

އާންމު ގޮތެއްގައި ދުނިޔެއިން ޖައްވަށް ފޮނުވާ ޖައްވީ އުޅަނދުތަކަށް މާސްއަށް ދެވެނީ 150 ދުވަހާއި 300 އާއި ދެމެދުގެ ދުވަހައެއްގަ އެވެ. އެއީ 54.6 މިލިއަން ކިލޯ މީޓަރެވެ. އުޅަނދު ފޮނުވަން ޖެހެނީ ވެސް އަހަރުގެ ވަކި ދުވަސްތަކެއްގަ އެވެ.

ޖައްވީ އުޅަނދުގައި އެސްޓްރޮނޯޓުން ގިނަ ދުވަސް ވަންދެން ތިބެން ޖެހުމުގެ ސަބަބުން ފިޓްނެސް އަށް ބަދަލުތަކެއް އައިސް ޖައްވުގައި ހަރަކާތްތެރިވުމަށް ބަދަލުތަކެއް އާދެ އެވެ. އޭގެ ސަބަބުން ދިރާސާތަކަށް އަސަރުކުރެ އެވެ. މީގެ އިތުރުން ޖައްވީ އުޅަނދުގައި އެސްޓްރޮނޯޓުން ތިބި ނަމަވެސް ޖައްވުގައި ހުންނަ ރޭޑިއޭޝަންތަކުން ސަލާމަތެއް ނުވެ އެވެ. މިއީ އެސްޓްރޮނޯޓުންގެ ފުރާނައަށް އޮންނަ ނުރައްކަލަކެވެ.

އެކަމަކު މިހާރު ނާސާއަށް ހުރިހާ ގޮތަކުން ވެސް އެންމެ ވާދަވެރި ރަޝިއާގެ ޖައްވީ އިދާރާއިން މިވަނީ ދެ ގަޑިއިރުން ޖައްވަށް ދެވޭ އުޅަނދެެއް ބަނދެ ނިންމާފަ އެވެ. އެ އިދާރާއިން ބުނީ އަލަށް ތައްޔާރުކުރި ޖައްވީ އުޅަނދަކީ އެ އިދާރާއިން ތައްޔާރުކުރާ ސޯޔޫޒް ސީރީސްގެ ޖައްވީ އުޅަނދުގެ ވައްތަރެއް ކަމަށެވެ. މީގެ ކުރިން ވެސް ރަޝިއާއިން ވަނީ ސޯޔޫޒް ސީރިސްގެ ތަފާތު ޖައްވީ އުޅަނދުތައް އުފައްދާފަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ އެކައްޗަކީ ސަކައި ބޮޓެވެ. މިއީ މުޅިން އާ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ތައްޔާރުކުރި ޖައްވީ ޖާސޫސެކެވެ. ނަމަވެސް ގައުމުތަކުން ދިން ސައިބާ ހަމަލާތަކުގެ ސަބަބުން މި ރޮބަޓް މިހާރު ވަނީ ބައިނަލްއަގްވާމީ ސްޕޭސް ސްޓޭޝަންގައި ބާއްވާފަ އެވެ.

ރަޝިއާގެ ޖައްވީ އިދާރާއިން ބުނި ގޮތުގައި އަލަށް އުފެއްދި ޖައްވީ އުޅަނދުގެ އޭގެ އެންމެ ލަސް ސްޕީޑުގައި ޖައްވަށް ދަތުރު ކުރި ނަމަވެސް އެންމެ ހަ ގަޑިއިރުން އެ އުޅަނދަށް ބައިނަލްއަގްވާމީ ސްޕޭސް ސްޓޭޝަނަށް ދެވޭނެެ އެވެ. މިއީ ކޮން ޓެކްނޮލޮޖީއެއް ބޭނުން ކޮށްގެން އުފެއްދި އުޅަނދެއްކަމެއް ނުބެނެ އެެވެ. އެކަން ވަނީ ސިއްރު ކޮށްފަ އެވެ.

އެ އިދާރާއިން ބުނި ގޮތުގައި ޖައްވީ ރާޑަރުތަކަށާއި ސެޓްލައިޓުތަކަށް ސިއްރުން އަލަށް އުފެއްދި އުޅަނދު ވަނީ ދުނިޔެވަށާ އެެތަކެއް ފަހަރު ބުރު ޖަހާފަ އެވެ. އެއީ ޓެސްޓު މަރުހަލާ އެވެ. އުޅަނދު އުފައްދަން ނެގި މުއްދަތާއި ބެހޭ ގޮތުން ވެސް މައުލޫމާތުދޭން ޖައްވީ އިދާރާއިން ވަނީ ދެކޮޅު ހަދާފަ އެވެ. ނަމަވެސް އުޅަނދު ވަނީ އާންމުނަށް ހުޅުވާލައިގެން ދައްކާފަ އެވެ.

މި އުޅަނދަށް އެހެން އުޅަނދުތަކަށް ބޭނުންވާ ވަރަށް ތެޔޮ ވެސް ބޭނުންނުވެ އެވެ. އަދި އެއް ޓޭންކުން ތެލުން ހަފްތާއެއް ވަންދެން ވާނެ ކަމަށް ރަޝިއާގެ ޖައްވީ އިދާރާއިން ވަނީ ބުނެފަ އެވެ. އެހެން ޖައްވީ އިދާރާތަކުގެ އުޅަނދުތަކަށް ކޮންމެ ދުވަހަކު މަދުވެގެން އަށް ޓޭންކުގެ ތެޔޮ ބޭނުންވެ އެވެ. މި އުޅަނދު މިވަގުތު ބަހައްޓާފައިވަނީ ކަޒަކަސްތާނުގައި ހުންނަ ރަޝިއާގެ ސްޕޭސް ޝަޓާގަ އެވެ.

ސޯޔޫޒްގެ މި ޖައްވީ އުޅަނދަކީ ރަޝިއާއިން އަންނަ އަހަރު ފެށިގެން ހަނދުގައި ކުރުމަށް ހަމަޖެހިފައިވާ ދިރާސަތައް ކުރުމަށް ތައްޔާރުކުރި އުޅަނދެކެވެ. ގިނަ ޖައްވީ އިދާރާތަކުންނާއި އަލަށް ޖައްވީ ރޭހަށް ނުކުތް ގައުމުތަކުން 2020 އަދި 2021 ވަނަ އަހަރު ޖައްވީ ގިނަ މިޝަންތަކެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން މިއީ އެގައުމުތަކަށް ވުރެ ކުރީ ސަފަށް ހާއްސަކޮށް ޗައިނާއާ އެމެރިކާއަށް ވުރެ ކުރިއަށް އެރުމުގެ ގޮތުން ރަޝިއާއިން އުފެއްދި އުޅަނދެއް ކަމަށް ބެލެވެ އެވެ.