ފުލުހުން މިރޭ ކުރިއަށް ގެންދިޔަ ޑްރަގް ރެއިޑް އޮޕަރޭޝަންގަައި މާފަންނު ލޮނުމިދިލިގެއިން ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށް ބުނެފި އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ފުލުހުން ބުނީ ލޮނުމިދިލިގެއިން 38،715 ދިވެހި ރުފިޔާއާއި ބޭރުގެ ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށެވެ. އަދި އެ ފައިސާތައް ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ.
މި ފައިސާތައް ފެނިފައިވަނީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ދިރިއުޅެމުންދިޔަ ކޮޓަރިއެއްގެ ތެރެއިން އެ ކުއްޖާގެ ވޮލެޓުން ކަމަށްވެސް ފުލުހުން ބުނެއެވެ.
ފައިސާގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ 20 ރަބަރު ޕެކެޓްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ލޮނުމިދިލިގެއިން ފެނުނު ފައިސާގެ ތަފްސީލް
- 38،715 ދިވެހި ރުފިޔާ
- 142 އެމެރިކާ ޑޮލަރު
- 15 ޗައިނީސް ޔުއާން
- 10 ސިންގަޕޫރު ޑޮލަރު
- 40 ތައި ބާތް
- 1 ސައުދީ ރިޔާލް
- 1 ކުވައިތު ދީނާރު
- 5 ދިވެހި ކުރީގެ ފައިސާ
ފުލުހުން މިރޭ ކުރިއަށް ގެންދިޔަ ޑްރަގް ރެއިޑް އޮޕަރޭޝަންގަައި މާފަންނު ލޮނުމިދިލިގެއިން ހަތަރު މީހަކާ، ހަތަރު ކުދިން ވަނީ ހައްޔަރުކޮށްފައެވެ.
މީޑިއާއަށް ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ފުރުސަތު ދީގެން ކުރިއަށް ގެންދިޔަ މިރޭގެ އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަމުން ފުލުހުން ބުނެފައިވަނީ މާފަންނު ލޮނުމިދިލިގެއިން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ 4 ކުދިން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އުމުރުން އުމުރުން 18 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި، އަންހެނެއްގެ އިތުރުން ބިދޭސީ ފިރިހެނެކެވެ.
މާފަންނު ލޮނުމިދިލިގެއިން ހައްޔަރުކުރި މީހުން
- 18 އަހަރުން ދަށުގެ ހަތަރު ކުދިން
- 18 އަހަރުން މަތީގެ ދިވެހި ދެ ފިރިހެނުން
- 18 އަހަރުން މަތީގެ ދިވެހި އަންހެނެއް
- ބިދޭސީ ފިރިހެނެއް
ލޮނުމިދިލިގޭގެ އިތުރުން ޑްރަގް ރެއިޑްގައި މިހާތަނަށް ބަލާފައިވަނީ މ. ފެޝަންމީޑް، މ. ނަދީއިރުމަތީބައި، ހ. ވެލިރަންގެ، ގ. މެމޮރީވިލާ އެވެ.
މ. ފެޝަންމީޑްގެ ބަލާ ފާސްކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެގެއިން 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މ. ނަދީއިރުމަތީބައި، ފާސްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެގެއިން ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ހ. ވެލިރަން، ފާސްކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެގެއިން 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ގ. މެމޮރީވެލީ ބަލާފާސްކޮށްފައިވަނީ މިމަހުުގެ 18 ވަނަ ދުވަހުއެވެ. އެގެއިން ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މިހާރު ކުރިއަށް ގެންދާ ޑްރަގް ރެއިޑް އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއްގެ ގޭގައި ހިންގާ މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް އެ ގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ (ކެފޭ އުސޫލުން) ހިދުމަތް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒު ކުރެވިގެން ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ.
"އަދި މިކަމަކީ ގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއްކަން ފާހަގަކުރަން. މި އޮޕަރޭޝަންތަކަކީ ގެ ތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގޭ އޮޕަރޭޝަން ތަކެއްކަން ފާހަގަކުރަން. މި ގޮތުން މިހާތަނަށް ފަސް ގެއެއް ވަނީ ބަލާފާސް ކުރެވިފައި." ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި ގެ ތަކަކީ ތަކުރާރުކޮށް މިފަދަ މައްސަލަތަކުގައި ބަލާ ފާސްކުރެވިފައިވާ ގެތަކެއް ކަމަށެވެ.