މަސްތުވާތަކެތި ބޭނުން ކުރުމުގެ (ކެފޭ އުސޫލުން) ހިދުމަތް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒުކޮށްގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ އަދަދު 37 ކަށް އަރައިފި އެވެ.
ފުލުހުން ބުނީ ޑްރަގް އޮޕަރޭޝަންގައި މިމަހު ތެރޭގައި ހަތަރު ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި މިރޭވެސް ގެއެއް ބަލާފާސް ކޮށްފައިވާ ކަމަށެވެ. މިރޭ ފުލުހުން ބަލާފައިވަނީ މާފަންނު ލޮނުމިދިލިގެއެވެ.
ލޮނުމިދިލިގެއިން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ 4 ކުދިން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ދެން ހައްޔަރު ކޮށްފައިވަނީ އުމުރުން އުމުރުން 18 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި، އަންހެނެއްގެ އިތުރުން ބިދޭސީ ފިރިހެނެކެވެ.
ޑްރަގް ރެއިޑްގައި މީގެ ކުރިން ބަލާފައިވަނީ މ. ފެޝަންމީޑް، މ. ނަދީއިރުމަތީބައި، ހ. ވެލިރަންގެ، ގ. މެމޮރީވިލާ އެވެ.
މ. ފެޝަންމީޑްގެ ބަލާ ފާސްކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެގެއިން 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މ. ނަދީއިރުމަތީބައި، ފާސްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެގެއިން ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ހ. ވެލިރަން، ފާސްކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެގެއިން 10 މީހަކު ހައްޔަރުކޮށްފައިވެއެވެ. ގ. މެމޮރީވެލީ ބަލާފާސްކޮށްފައިވަނީ މިމަހުުގެ 18 ވަނަ ދުވަހުއެވެ. އެގެއިން ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ޑްރަގް އޮޕަރޭޝަންގައި މިހާތަނަށް ހައްޔަކުރި މީހުންގެ އަދަދުތައް
- ލޮނުމިދިލިގެ އިން 8 މީހުން (18 އަހަރު ނުފުރޭ 4 ކުދިން، 18 އަހަރުން މަތީގެ 4 މީހުން)
- ފެޝަންމީޑްގެ އިން 11 މީހުން
- ނަދީއިރުމަތީބައި އިން 04 މީހުން
- ވެލިރަން އިން 10 މީހުން
- މެމޮރީވެލީ އިން 04 މީހުން
ފުލުހުން ބުނީ މިހާރު ކުރިއަށް ގެންދާ ޑްރަގް ރެއިޑް އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއްގެ ގޭގައި ހިންގާ މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް އެ ގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ (ކެފޭ އުސޫލުން) ހިދުމަތް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒު ކުރެވިގެން ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ.
"އަދި މިކަމަކީ ގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއްކަން ފާހަގަކުރަން. މި އޮޕަރޭޝަންތަކަކީ ގެ ތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގޭ އޮޕަރޭޝަން ތަކެއްކަން ފާހަގަކުރަން. މި ގޮތުން މިހާތަނަށް ފަސް ގެއެއް ވަނީ ބަލާފާސް ކުރެވިފައި." ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި ގެ ތަކަކީ ތަކުރާރުކޮށް މިފަދަ މައްސަލަތަކުގައި ބަލާ ފާސްކުރެވިފައިވާ ގެތަކެއް ކަމަށެވެ.