ލައިފްސްޓައިލް

ނިދުމުގެ ކުރިން ކުރާ ބައެއް ކަންތައްތަކުން ހަންގަނޑަށް ގެއްލުންވޭ

ހަންގަނޑު ރީތިކޮށް ބަހައްޓަން ވަރަށް ގިނަ ބަޔަކު ބޭނުންވެ އެވެ. ޚާއްސަކޮށް އަންހެންކުދިން އެކުދިންގެ ހަންގަނޑު ރީތިކޮށް ބަހައްޓަން ވަރަށް ސަމާލުކަން ދެ އެވެ. ހަންގަނޑަށް ފަރުވާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ އިރުޝާދު ވަރަށް ގިނަ މީހުން ދެއެވެ. ނަމަވެސް ހަންގަނޑާ ދޭތެރޭ އަމަލު ނުކުރަންވީ ގޮތުގެ މައުލޫމާތު ދެނީ މަދު ބައެކެވެ. އެހެންވެ ނޭނގި ނަމަވެސް ހަންގަނޑަށް ގެއްލުން ލިބޭ ވަރަށް ގިނަ ކަންތައްތައް އާއްމުކޮށް މީހުންނަށް ކުރެވެ އެވެ. ޚާއްސަކޮށް ނިދުމުގެ ކުރިން ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.

ސަމާލުކަން ދޭން ޖެހޭ ފުރަތަމަ ކަމަކީ ނިދަން އޮށޯތުމުގެ ކުރިން އެހާ ބާރުގަދަ ނޫން ފޭސް ވޮޝް އަކުން މޫނު ރީއްޗަށް ދޮވެލުމެވެ. ބައެއް މީހުން ވަރުބަލިވެފައި ތިބޭ ވަރުން ގެއަށް އައިސް އޮށޯންނަނީ މޫނު ދޮވެ ނުލަ އެވެ. ބޭރު ތެރޭގައި އުޅުމުން ހިރަފުހާއި ކިލާ މޫނުގައި ހޭކިފައި ހުރެ އެވެ. ޚާއްސަކޮށް މޭކަޕްކުރާ މީހުން ކޮންމެހެން ވެސް މޫނު ސާފުކޮށް ދޮންނަން ޖެހެ އެވެ. އެހެންނޫންނަމަ މޫނުގައި ހުރި ކިލާތައް ހަންގަނޑުތެރެއަށް ވަދެ އިސްތަށިތަކުގެ ބުޑުތަކަށް ކިލާ ވަދެ މޫނުގައި ބިހި ނަގާ ހަލާކުވާނެ އެވެ.

ނިދި މަދުވުމަކީ ވެސް ހަންގަނޑަށް ގެއްލުން ލިބޭ އަވަހަށް މުސްކުޅި ސިފަ ޖަހާނެ ކަމެކެވެ. "ބިއުޓީ ސްލީޕް" އަކީ ހަގީގަތުގައި ވެސް އޮންނަން ޖެހޭ އެއްޗެކެވެ. ރޭގަނޑު މަދުވެގެން ހަތް ގަޑިއިރު ނުނިދާނަމަ ސްޓްރެސްގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތައް މަރާމާތު ކުރާނެ ވަގުތެއް ނުލިބޭނެ އެވެ. އެހެން ގުނަވަންތަކެކޭ އެއްފަދައިން ހަންގަނޑަށް ވެސް ފަސޭހަވާން ވަގުތު ބޭނުންވާނެ އެވެ.

އެނދުގައި އަޅާ ބެޑްޝީޓާއި ބާލީސްއުރަ ފަދަ ތަކެތި ހަފުތާއަކު އެއްފަހަރު ބަދަލުކުރުމަކީ ވެސް ހަންގަނޑުގެ ރައްކާތެރިކަމަށާއި ރީތިކޮށް ބެހެއްޓުމަށް ވަރަށް މުހިއްމު ކަމެކެވެ. ޚާއްސަކޮށް ސެންސިޓިވް ހަން ހުންނަ މީހުން މިގޮތަށް އެނދުތަންމަތި ބަދަލު ނުކުރާނަމަ އޮށާޅަ އާއި ބިހި ނެގުމުގެ މައްސަލަ ބޮޑުވާނެ އެވެ. ސިއްހަތު ރަނގަޅު ހަންގަނޑަކަށް ސިއްހަތު ރަނގަޅަށް މާހައުލެއް ބޭނުންވާނެ އެވެ. އެއީ ބެކްޓީރިއާ އާއި ޖާމްސް އެއްގޮތަކަށް ވެސް ނޫޅޭ މާހައުލަކަށް ވުން މުހިއްމެވެ.

ނިދުމުގެ ކުރިން މޫނު ދޮވެ ކްރީމް/މޮއިސްޗަރައިޒާ އުނގުޅުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެކެވެ. ހަންގަނޑަށް އަބަދުވެސް ލޯބި ދޭން ޖެހެ އެވެ. ޒުވާންކޮށް ގިނަ ދުވަހު ބެހެއްޓުމަށެވެ. ނައިޓް ކްރީމް ނޫނީ މޮއިސްޗަރައިޒާ އެއް އުނގުޅާލައިގެން ނިދަން އާދަކުރާށެވެ. އޭރުން ހަންގަނޑު ވާންކޮށް، އުޖާލާކޮށް އަދި ސިއްހަތު ރަނގަޅުކޮށް ހުންނާނެ އެވެ. ތެޔޮ ހަންގަނޑެއް ހުއްޓަސް ހާސް ނުވާށެވެ. ސަބަބަކީ ހަންގަނޑުގެ ބާވަތަށާއި އެކި މޫސުން ތަކަށް ޚާއްސަ ކްރީމްތައް މިހާރު ލިބެން ހުންނާތީ އެވެ.

ހަންގަނޑު ސާފުކުރަން ޖެހޭތީ އޭ ކިޔާފައި މާ ގިނަގިނައިން މިކަން ކުރުމަކީ ވެސް ހަންގަނޑަށް އަނިޔާ ވާނެ ކަމެކެވެ. މާ ގިނައިން ދޮވެ ސާފުކޮށް އެއްޗެހި އުނގުޅާނަމަ ހަންގަނޑު ހަލާކުވެ ގުދުރަތީ އުޖާލާކަން ގެއްލޭނެ އެވެ. މާ ގިނަގިނައިން ސާފުކުރުމުން ގުދުރަތީ ތެތްކަން ވެސް ކެނޑި ހަންގަނޑު ކުރަކިވާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ. މޫނު ދޮންނައިރު ނުވަތަ ކްރީމް އުނގުޅާއިރު މާ ބާރު ބާރަށް އުނގުޅާ ނުހަދާށެވެ. މަޑުމަޑުން ލަސް ލަހުން މޫނު ސާފުކުރާށެވެ.