ލައިފްސްޓައިލް

ކްރީތީ ބޭނުންވަނީ ވީހާވެސް އުނދަގޫ ރޯލުތައް

ކްރީތީ ސެނޯންގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ޕާނީޕަތު"ގައި އޭނާ ކުޅެފައިވާ ރޯލަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. އޭނާ ބުނި ގޮތުގައި އޭނާ އަކީ ޕަންޖާބަށް އުފަން އެކްޓަރަކަށް ވާއިރު "ޕާނީޕަތު"ގައި ކުޅުނު މަހާރަޝްތުރާ އަންހެނެއްގެ ރޯލަކީ ވަރަށް އުނދަގޫ އެހާމެ ގޮންޖެހުންތައް ހުރި ރޯލެކެވެ. އެހެންވެ އެ ރޯލަށް ބެލުންތެރިން ދިން ތަރުހީބާ މެދު އޭނާ ހިތްހަމަ ޖެހެ އެވެ.

ކްރީތީ ބޭނުންވަނީ ވެސް އޭނާއަށް ރަނގަޅަށް ޕާފޯމް ކުރެވޭ ކަހަލަ ރޯލުތަކެވެ. ވީހާވެސް އުނދަގޫ ރޯލުތައް އޭނާ ކުޅޭ ފިލްމުތަކުން ލިބުމަކީ ކްރީތީ ބޭނުންވާ ގޮތެވެ.

ކްރީތީ މިހާތަނަށް ކުޅުނު ހުރިހާ ފިލްމެއްގައި ވެސް އޭނާ އަދާކޮށްފައިވާ ރޯލުތަކާ މެދު ބެލުންތެރިންނާއި ކްރިޓިކްސްގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެހާވެސް އޭނާ ހުނަރުވެރި އެވެ.

މިހާތަނަށް އޭނާ ކުޅެފައިވާ ކެރެކްޓާތަކަށް ވުރެ ވެސް އުނދަގޫ ކެރެކްޓާތައް ކުޅުމަކީ ކްރީތީގެ ހުވަފެނެކެވެ.

"އަހަރެން ބޭނުންވަނީ އަހަރެންގެ އަމިއްލަ ނަފްސަށް އެފަދަ މީހަކަށް ވާން ޚިޔާލަށް ވެސް ނުގެނެވޭ ކަހަލަ ކެރެކްޓާއެއް ކުޅެލަން. އަހަރެން މިހާރު ބޮޑަށް މި ލަނީ އެފަދަ ރޯލެއް ހިމެނޭ ފިލްމެއް ލިބޭތޯ،" ކްރީތީ ބުންޏެވެ.

ކްރީތީ މިހާރު ކުޅެމުންދަނީ "މިމީ" ކިޔާ ފިލްމެކެވެ. މިއީ ސަރަގަސީ ނުވަތަ އެމީހެއްގެ ރަހިމުގައި އެހެން މީހެއްގެ ދަރިފަންޏެއް ބޮޑުކޮށް އެ ކުއްޖާ ވިހާފައި އެ މީހާއަށް ހަވާލުކުރާ އަންހެނެއްގެ ވާހަކައިގެ މައްޗަށް ކުޅޭ ފިލްމެކެވެ.