ލައިފްސްޓައިލް

ކައްކާފައި ހުރި ބިހުން ކާނާ ވިހަވުމުގެ މައްސަލަތަކެއް

މާބަނޑު މީހުންނާއި އުމުރުން 65 އަހަރަށް ވުރެ މަތީގެ މީހުންގެ ތެރެއިން ދިފާއީ ބާރު ދެރަ މީހުން ކައްކާފައި ހުންނަ ބިހަށް ސަމާލުވާން ޖެހެ އެވެ. ޚާއްސަކޮށް ބޭރު ގައުމުތަކުގެ ބައެއް ސުޕަމާކެޓްތަކުން ވިއްކާ ފެނުކައްކާފައި ހުންނަ ބިސް ގަންނަ މީހުންނެވެ.

އެމެރިކާގައި ދާދިފަހުން ވަނީ ޖޯޖިއާ ކުންފުންޏަކުން އުފެއްދި މިފަދަ ބިސްތަކެއް ކޭ ބަޔަކަށް ކާނާ ވިހަވުމުގެ މައްސަލަތަކެއް ދިމާވެފަ އެވެ. މިގޮތަށް ދިމާވަނީ ހަމައެކަނި ފެނުކައްކާފައި ހުންނަ ބިސް ކައިގެންނެއް ނޫނެވެ. މިފަދަ ބިހުން ތައްޔާރުކޮށްފައިވާ ސެލެޑް ކައިގެން ވެސް މި މައްސަލަ ދިމާވެ އެވެ.

ފެނު ކެއްކި ބިސް ކައިގެން އެމެރިކާގެ ފަސް ސްޓޭޓަކުން ހަތް މީހަކަށް ކާނާ ވިހަވުމުގެ މައްސަލަ ދިމާވެފައިވާއިރު އެކަކު މަރުވެފައިވާ ކަމަށް ވެސް އެ ގައުމުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ފެނުކައްކާފައި ހުންނަ ބިސް ގިނަ އިރުވަންދެން އައިސްއަލަމާރީގައި ބަހައްޓާފައި ހުރުމުން ވެސް ބިހުގައި ބެކްޓީރިއާ އަށަގަންނަން ދިމާވެ އެވެ. ބައެއް ރެސްޓޯރަންޓް ތަކުގައިވެސް ބިސް ކައްކާފައި ވަރަށް ގިނަ ދުވަސް ވަންދެން އައިސްއަލަމާރީގައި ބެހެއްޓުމަށްފަހު ތަފާތު ކާނާގައި މި ތަކެތި ބޭނުންކުރާ ކަމަށާއި މިއީ ކާނާ ވިހަވުމަށް މެދުވެރިވެދާނެ ސަބަބެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

ފެނުކައްކާފައި ބިސް މާ ގިނަ ދުވަހު ބެހެއްޓުމުން އޭގައި ލިސްޓީރިއާ ކިޔާ ޖަރާސީމެއް އުފެދެ އެވެ. މިއީ މާބަނޑު މީހުންނާއި ކެންސަރު ބައްޔަށް ބޭސްކޮށްފައިވާ މީހުންނަށް މީގެ ނުރައްކާ 10 ގުނަ އަށް އިތުރަށް ކުރާ ޖަރާސީމެކެވެ. އަދި ޑައެލިސިސް ހަދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް މިފަދަ ބިސް ކެއުމުން ވެސް ވަރަށް ނުރައްކާ ވެއެވެ.