ލައިފްސްޓައިލް

ލަވް ރަންޖަންގެ އާ ފިލްމުގައި ރަންބީރާއި ޝްރައްދާ

ލަވް ރަންޖަން އަލަށް އުފައްދަން ގަސްތުކުރާ ފިލްމުގެ ލީޑް ރޯލަށް ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރު ހަމަޖެހިއްޖެ އެވެ.

ރަންޖަން ހުކުރު ދުވަހު ކުރި ޓުވީޓެއްގައި މިކަން ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

މާޗް 2021 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގަ އެވެ. އަދި ވަކި ނަމެއް ކަނޑައެޅިފައި ނުވާ މި ފިލްމު ޕްރޮޑިއުސްކުރަނީ ބޫޝަން ކުމާރެވެ.

ބޫޝަން އާއި ރަންޖަން އަކީ ޒަމާނުއްސުރެ ދެ އެކުވެރިންނަށް ވާތީ މި ފިލްމު އެ މީހުން އެކުވެގެން ގިނަ ފިލްމުތަކެއް އުފެއްދުމުގެ މަސައްކަތް މީގެ ކުރިން ވެސް ވަނީ ކޮށްފަ އެވެ. "ދޭ ދޭ ޕިޔާރް ދޭ" އާއި "ސޯނޫ ކީ ޓީޓޫ ކީ ސްވީޓީ" އަކީ މި ދެ މީހުންގެ އުފެއްދުން ތަކެކެވެ.

ބޫޝަން އާއި ރަންޖަން ގުޅިގެން އުފައްދާ އިތުރު ދެ ފިލްމެއްގެ މަސައްކަތް މިހާރު ވެސް ކުރިޔަށް އެބަ ދެއެވެ. އެއީ އަދިތުޔާ ރޯއީ ކަޕޫރާއި ދިޝާ ޕަޓްނީގެ "މަލަންގް" އާއި ކުރީގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ޗުޕްކޭ ޗުޕްކޭ"ގެ ރިމޭކް އެވެ. މި ފިލްމުގެ ބަތަލަކަށް ހަމަޖެހިފައިވަނީ ރާޖްކުމާރު ރާއޯ އެވެ.

މި ފިލްމުގެ ވާހަކަ ދެކެވެން ފެށީއްސުރެ ތަފާތު ވާހަކަތައް ފިލްމާ ބެހޭ ގޮތުން ފެތުރިފައި ވެއެވެ. އެގޮތުން ފިލްމުގެ ބަތަލާއަކަށް ދީޕިކާ ޕަދުކޯން ހަމަޖެހުނު ކަމުގެ ޚަބަރުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް ބޫޝަން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އަހަރެމެން ދީޕިކާ ކުޅޭ އެއްވެސް ފިލްމެއް އިއުލާނެއް ނުކުރަން. އެއީ ހަމަ ހުސް ދޮގު ޚަބަރުތަކެއް. އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. ފިލްމުގައި ހިމެނޭ އެހެނިހެން ތަރިންގެ ނަންތައް ވެސް ވަރަށް އަވަހަށް އިއުލާން ކުރާނަން،" ބޫޝަން ބުންޏެވެ.

އަލަށް އިއުލާންކުރި މި ފިލްމަކީ ޝްރައްދާ އާއި ރަންބީރު އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.