ދުނިޔެ

އިންޑިއާ މުޒާހަރާގައި މަރުވި މީހުންގެ އަދަދު 15 އަށް

Dec 21, 2019

މުސްލިމް ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް ހެދި ގާނޫނާ ދެކޮޅަށް މިހާރު ހިނގަމުންދާ މުޒާހަރާތަކުގެ ތެރެއިން މަރުވި މީހުންގެ އަދަދު 15 އަރައިފި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ. މަރުވި މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވަނީ ފުލުހުން ބަޑި ޖެހުމުގެ ސަބަބުންނެވެ. ބާކީ 10 މީހުން މަރުވެފައިވަނީ ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ކުރަމުންދާ މި މުޒާހަރާތައް ކޮންޓްރޯލް ނުވުމުގެ ސަބަބުން މިހާރު ވަނީ ލޭ އޮހޮރުވުން އާންމުވެފަ އެވެ. އެންމެ ގިނަ މީހުން މަރުވެ އަދި ޒަހްވެފައިވަނީ ވަނީވެސް އެންމެ އާބާދީ ބޮޑު ސްޓޭޓް، އުއްތަރަ ޕްރަދޭޝްގަ އެވެ. އެ ސްޓޭޓްގެ ފުލުހުންގެ ވެރިޔާ އޯ ޕީ ސިންހު ވިދާޅުވީ 32 މީހަކު މުޒާހަރާތެރެއިން ޒަހަމްވެފައިވާ ކަމަށެވެ.

މުޒާހަރާގެ ކޮންޓްރޯލް ގެއްލިފައިވާތީ މިހާރު ގިނަ ހިސާބުތަކުގައި މުޒާހަރާކުރުން މަނާކޮށް އިންޓަނެޓުގެ ހިދުމަތް ވަނީ ކަޑާލައިފަ އެވެ. ނަމަވެސް މި ހިސާބުތަކުގައި އަދިވެސް ގެންދަނީ މުޒާހަރާ ކުރަމުންނެވެ. ވެރިރަށް ނިއު ދިއްލީގެ ބޮޑު ބަޔަކުން ވެސް މިހާރު ވަނީ އިންޓަނެޓުގެ ހިދުމަތް މެދުކަޑާލައިފަ އެވެ.

ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ހާލަތު ހަމަޔަކަށް އެޅުވުމުގެ ބަދަލުގައި، ބީޖޭޕީ ސަރުކާރުން ބޭނުންވަނީ އަސާސީ ހައްގުތައް އިތުރަށް ހަނިކުރާށެވެ. އެގޮތުން 1900 ގެ އަހަރުތަކުގެ ކުރީކޮޅު ހަދާފައި އޮތް، އެއް ތަނަކަށް ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއްވުން މަނާކުރާ ގާނޫނުގެ ދަށުން މުޒާހަރާތައް ހުއްޓުވުމާއި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލުން ހިމެނެ އެވެ.