ދުނިޔެ

މުޝައްރަފާ އެއްކޮޅަށް ޕާކިސްތާނު ސިފައިން ނިކުމެއްޖެ

Dec 21, 2019
1

ގައުމަށް ގައްދާރުވި ކަމުގެ ކުށް ސާބިތުވެ، މަރަން ހުކުމް ކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ރައީސް ޕްރަވޭޒް މުޝައްރަފުގެ ދިފާއުގައި ޕާކިސްތާނުގެ ސިފައިން ނިކުމެއްޖެ އެވެ. ޕާކިސްތާނު ސިފައިން ބުނަމުންދަނީ މުޝައްރަފްގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި، ގައުމަށް ގައްދާރުނުވާނެ ކަމަށެވެ.

މުޝައްރަފަކީ ބަޣާވާތެއްގެ ތެރެއިން ވެރިކަމަށް އައިސް ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ކުރިން ޕާކިސްތާނު ސިފައިންގެ އިސް ކޮމާންޑަރެވެ. މުޝައްރަފަށް މަރުގެ ހުކުމް އިއްވުމާ ގުޅިގެން އެގައުމުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯޓުން އޭނާއަށް ކޮށްފައިވަނީ އެއްވެސް ވަރެއްގެ އިންސާފުވެރި ހުކުމެއް ނޫން ކަމަށެވެ. އަދި ސިފައިން މުޝައްރަފް ބޮޑަށް ބަލައިގަންނަނީ އޭނާ ކޮށްފައިވާ ކުށަށްވުރެ ބޮޑަށް އޭނާ ގައުމަށް ކޮންދިން ހިދުމަތްތަށް ކަމަށެވެ.

އެގޮތުން ބަޔާނުގައި ވަނީ މުޝައްރަފަކީ އެގައުމުގެ ސިފައިންގެ މަތީ ރޭންކްތަކުގައާއި ސިފައިންގެ އިސް ކޮމާންޑަރު ކަމުގެ އިތުރުން ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ކޮމިޓީގެ ރައީސްގެ ހައިސިއްޔަތުން 40 އަހަރަށްވުރެ ދިގުމުއްދަތަކަށް ގައުމަށް ހިދްމަތް ކުރައްވައި ގައުމުގެ ދިފާއުގައި ދުޝްމަނުންނާ ހަނގުރާމަ ކުރައްވާފައިވާ ފަހުލަވާނެއްގެ ގޮތުގައި ފާހަގަ ކޮށްފަ އެވެ.

ޕާކިސްތާނަކީ އެގައުމުގެ ސިފައިންގެ މުއައްސަސާގެ ބާރުވަރަށް ގަދަ ގައުމެކެވެ. ޕާކިސްތާނުގެ ސިޔާސަތަށްވެސް ސިފައިން ބާރު ފޯރުވާއިރު މުޝައްރަފް ފަދަ ސިފައިންގެ އިސް ކޮމާންޑަރުންގެ ގޮތުގައި ތިއްބެވި އެތައް ބޭފުޅަކު ޕާކިސްތާނުގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލައި އަސްކަރީ އިންގިލާބުތައް ގެނެސް ވެރިކަމަށް އަތްގަދަކޮށްފައިވެ އެވެ. 1947 ގައި ޕާކިސްތާން މިނިވަން ގައުމެއްގެ ގޮތުގައި އުފެދުމަށްފަހު މިވީ 70 ވަރަކަށް އަހަރުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުއްދަތުގައި އެގައުމުގައި ވެރިކަން ކޮށްފައިވަނީ ސިފައިންގެ އިސްވެރިންނެވެ. ޕާކިސްތާނުގައި ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކަށް ވެރިކަމުގައި އޮވެވެނީ އެގައުމުގެ ސިފައިންގެ ތާއީދާ އެކުގަ އެވެ.

އެހެންކަމުން އިންތިހާބުވާ ހުރިހާ ސަރުކާރުތަކުން ވެސް އަސްކަރިއްޔާގެ ބަސް އަހައި ގަބޫލުކުރަން ޖެހެ އެވެ. ޕާކިސްތާން ސިފައިންގެ އިސް ކޮމާންޑަރަކަށް ހުންނެވި ބޭފުޅެއްގެ މައްޗަށް މަރުގެ ހުކުމެއް އިއްވުމަކީ އެގައުމުގެ ބާރުގަދަ ސިފައިންގެ މުއައްސަސާއަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ޕާކިސްތާނުގެ ޑިފެންސް އެނަލިސްޓުން ދަނީ ބުނަމުންނެވެ.

ޕާކިސްތާނުގެ ވެރިކަމުގެ މަގާމާ މުޝައްރަފް ހަވާލުވީ 1999 ވަނަ އަހަރު ކުރި އަސްކަރީ އިންގިލާބެއް ތެރެއިންނެވެ. އަސްކަރީ އިންގިލާބެއް ތެރެއިން ވެރިކަމާ ހަވާލުވެ މުޝައްރަފް ވަނީ ނުވަ އަހަރު ވަންދެން ރައީސްކަން ކުރައްވައިފަ އެވެ. އޭނާ ރައީސް ކަމުގެ މަގާމުން އެކަހެރި ކޮށްފައިވަނީ އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ މަޖިލިސް އިންތިހާބުން ބަލިވުމާ ގުޅިގެންނެވެ.

މުޝައްރަފަށް މަރުގެ ހުކުމް އިއްވާފައިވަނީ ޕޭޝާވަރް ހައި ކޯޓުންނެވެ. އެއީ ތިން ގާޒީންގެ އިއްތިފާގުންނެވެ. މަރުގެ ހުކުމް އިއްވާފައިވަނީ 2007 ވަނަ އަހަރު ޕާކިސްތާނުގައި ކުއްލި ހާލަތު އިއުލާންކޮށް، އެތަކެއް ރައްޔިތުންނާ ދެކޮޅަށް ހަތިޔާރުގެ ބޭނުން ކުރުމުގެ ސަބަބުން ގިނަ ބަޔަކު މަރުވުމާ ގުޅިގެންނެވެ. ޕާކިސްތާނުގެ ގާނޫނުގައި ވާގޮތުން މުޝައްރަފްގެ އިސްވެހުންނަވައި ކޮށްފައިވާ ކަންތައް ފެތެނީ ގައުމަށް ގައްދާރުވުން ކަމަށެވެ.