ވާހަކަ

ހިތް ނުރޮއްވާ (ފުރަތަމަ ބައި)

މުޅި ތަން ވަނީ އެއްވަސްވެފައެވެ. ހުވަނދުމަލުގެ ތާޒާވަހުންނެވެ. ދަނބުކުލައިގެ ފުރިހަމަ އެ ދޮރާށީގެ މަތީގައި ތަރުތީބު ގެއްލިފައި ވަނީ ހުވަނދުމާ ގަހުގެ ގޮފިތަކުންނެވެ. މުޅިތަނުގައި ވަނީ އެ ގަހުން ފަރިވެފައިވާ ހުވަނދުމާތަކުގެ ވަހެވެ. އާދައިގެ ދުވެއްޔެއްގައި ކަޅު ކުލައިގެ ކާރު އައިސް މަޑުކޮށްލީ އެ ދޮރާށި ކައިރި އަށެވެ. ކާރުން ފޭބީ ހެޔޮވަރުގެ އިސްކޮޅެއް ހުރި ޒުވާން ފިރިހެނެކެވެ. ގަޔަށްބާރު ކަޅު ކުލައިގެ ޓީޝަރޓާއި ވިލުކުލައިގެ ޖީންސެއްގައި އެ ޒުވާނާ ފެންނަނީ ހަށިހެޔޮކޮށްނެވެ. އޭނާގެ ފަން އިސްތަށިގަނޑު ވަނީ ހޭވިފައެވެ. މޫނުމަތި ވަނީ މިލައި މޯޅިވެފައެވެ. އެއީ ރަވީއެވެ.

ރަވީ ކާރުން ފޭބީ އަތްދަބަހެއް ހިފައިގެންނެވެ. އޭނާ ބަލައިލީ ދޮރާށި މަތީ ތަރުތީބެއް ނެތި އެ ގޮތް މިގޮތަށް އޮތް ހުވަނދުމާ ގަހަށެވެ. ރަވީ ފުން ނޭވާއެއް އެތެރެއަށް ދަމައިލިއެވެ. ލޯ މަރައިލަމުންނެވެ. މަޑުމަޑުން އަތުގައި އޮތް ގަޑިއަށް ބަލައިލިއެވެ. އަށެއް ޖަހަނީއެވެ.

"ރަވީ!"

ރަވީ ދޮރާށްޓާ ދިމާއަށް ބަލައިލިއެވެ.

"ރަވީ!"

މި ފަހަރު އަޑު އައީ ފަހަތުންނެވެ. ރަވީ ފަހަތަށް އެނބުރިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

"ރީޝާ." ރަވީގެ ތުންފަތް މަޑުމަޑުން ހަރަކާތް ކޮށްލިއެވެ.

ރަވީ ކުރިއަށް ޖެހިލިއެވެ. މަޑުމަޑުން ދޮރާށީގެ ތަޅުގައި ހިފައިލިއެވެ. ދޮރު ހުރީ ތަޅު ލައިފައެވެ. އޭނާގެ އަތުގައި އޮތް ތަޅުދަނޑި ފަތިން ތަޅުދަނޑިއެއް ދޮރުގެ ތަޅަށް ޖަހައިލިއެވެ. ރަވީ ދޮރާށި ހުޅުވާލިއެވެ. މުޅިތަން ވަނީ ހިމޭންވެފައެވެ. އެއްވެސް އަލިކަމެއް ފެންނާކަށް ނެތެވެ. އޭނާގެ ސިކުނޑީގެ އެއް ކަނުން ނޭނގޭ ރަނގަބީލެއް ޖަހައިލިހެން ހީވިއެވެ. ސިހިފައި ރަވީ ފަހަތް ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރަވީއަށް މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ. އެއަށްފަހު ބޯ ތަޅުވައި ވެސް ލެވުނެވެ. ކުއްލިއަކަށް ރަވީގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

"ޔަގީން ސަޕްރައިޒެއް ދެނީ،" ރަވީ މަޑުމަޑުން ބުނެލިއެވެ. "ރީގެ ސަޅި ކަމަކީ އެ. އޭނާއަށް އެނގޭނެ ފިރިންގެ ހިތް ތާޒާކުރުވަން."

ރަވީ ކުރިއަށް ޖެހިލިއެވެ. ގެއަށް ވަނުމަށް އޮތް ހަނި މަގުން އޭނާ ދެތިން ފިޔަވަޅު އެޅި އިރަށް ގޭގެ މައި ދޮރާހަމައަށް ދެވިއްޖެއެވެ. ގޭގެ މައިދޮރުގެ ތަޅު އަނބުރައިލިއެވެ. މުޅި ގޭތެރޭގައި ރަސްކަން ކުރަމުންދަނީ އަނދިރިކަމެވެ. ހިމޭންކަމެވެ.
މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ރަވީ އެތެރެއަށް ވަނެވެ. މައިގެ ތެރޭގެ ބޮކިތައް ދިއްލިއެވެ. ފުން ނަޒަރަކުން އޭނާ ބަލައިލިއެވެ. އެއްވެސް އާކަމެއް ނެތެވެ. ތަފާތު ކަމެއް ނުފެނެއެވެ. އުއްމީދުކޮށްގެން ހުރި ކަހަލަ އެއްވެސް ކުލައެއް ނުފެނުނެވެ. އެކަހަލަ ނިޝާނެއް ވެސް ނެތެވެ.

ރަވީގެ ހަނދާނުގެ ޞަފުހާތަކުން ބައެއް ގަނޑުތައް އުކެމުން ދިޔަ ކަހަލައެވެ. ދިގު ދަތުރުތަކަށްފަހު އޭނާ ގެއަށް ވަންނަ ވަގުތު ރީޝާގެ ފަރާތުން ލިބެމުން ދިޔަ ކުއްލި ސިހުންތަކަށެވެ. އުއްބައްތީގެ އަލިން އަލިކޮށްލައި ފައިވާ މަންޒަރުތަކެވެ. އެނބުރި އައުމަށް މަރުހަބާ ކިޔާ ކިޔުން ތަކެވެ. މާބޮޑިތަކާއެކު އޭނާއަށް ލިބޭ ހަދިޔާތަކެވެ. ފިނިފެންމަލުގެ ދެ ތުންފަތުން ލިބޭ އުފާތަކެވެ. ރީޝާގެ ފިރުމުން ތަކެވެ. ހިމޭން އެ އިހްސާސްތެކެވެ. ކާއެއްޗެހީގެ މީރު ވަހެވެ. ރަވީއަށް ދެ ލޯ މަރައިލެވުނެވެ. އެތެރެއަށް ނޭވާ ހިފައިހައްޓައިލެވުނެވެ. ހިތްދަތި ގޮތަކަށް ހިންދިރުވައިލިއެވެ.

ރަވީ ދެ ލޯ ހުޅުވާލިއެވެ. އުއްމީދު ކުރި އެއްވެސް ކުލައެއް، އެއްވެސް ވަހެއް، އެއްވެސް މަންޒަރެއް ނުފެނުނެވެ. ރަވީ ކަނާއަތުން ފުށްކިބައިގައި ފިރުމައިލެވުނެވެ. މޮޔަ ޚިޔާލެއް ބޮލަށް ލެވުނީތީއެވެ. އޭނާގެ ސިކުނޑީގައި އެނބުރިގަތީ އޭނާ ފުރަން ނުކުން ވަގުތުގެ ހަނދާންތަކެވެ. ރީޝާ ބުނެލި ޖުމުލައެވެ. އެއަޑު އޭނާގެ ކަންފަތުގައި ތަކުރާރުވި ކަހަލައެވެ.

"އެންމެންގެ ވިސްނުން އެއް ގޮތެއް ވެސް ނުވާނެ. އަހަންނާއި ޒޭނާގެ ފަރަގު ހުންނާނެ. އެކަން ފާހަގަކޮށް އޭނާ ކުރިމަތީ ވާހަކަ ނުދައްކާތި! މިހާރު ރަވީގެ ދުނިޔެ ތި ވަނީ ބަދަލުވެފަ. އެކަން ހަނދާން ބަހައްޓާތި!"

ރަވީ މަޑުމަޑުން ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ. ރަވީ ކޮޓަރީގެ އެތައް މިތަނަށް ކަޅި އުކަމުން ފާޚާނާގެ ދޮރުގައި ހިފައިލިއެވެ. އޭނާއަށް ފެނުނީ ހުސް މަންޒަރަކެވެ. ހިމޭން މާހައުލެކެވެ. އޭނާ އުއްމީދު ކޮށްގެން ހުރީ ރީޝާ ކޮޓަރީގައި ނެތުމުން ފާޚާނާގައި ނަމަވެސް އުޅޭނެ ކަމަށެވެ. ނަމަވެސް ރީޝާގެ ވަހެއް އޭނާއަކަށް ނުދުވިއެވެ. މިރޭ އަންނާނެ ކަން ކުރިން ރީޝާއަށް އެންގީ ވެސް ރީޝާއަށް ކަންކަން ރޭވުމަށް ފުރުޞަތު ދޭށެވެ. ރަވީ ހިތުގައި ސުވާލުތައް ފަތިވަރަކަށް އެމުނިގަތެވެ.

ރަވީ ފޯނު ނެގިއެވެ. ރީޝާގެ ނަންބަރަށް ގުޅިއެވެ. ފޯނު ރިންގުވާ އަޑު އިވުނީ މައިގެ ތެރެއިންނެވެ. ރަވީ ފޯނު ރިންގުވާ އަޑުއިވޭ ދިމާއަށް ރަވީ ދިޔައެވެ. ފޯނު އޮތީ ސޯފާ ކައިރީ ހުރި މޭޒު މަތީގައެވެ. ރަވީ ބަލައިލީ ގޭގެ މަތީ ބަޔަށެވެ. އެއީ ގޭގެ ދެވަނަ ފަންގިފިލާއެވެ. އޭރު އޭނާއަށް ހުރެވުނީ ގޭގެ މައިގެ ތެރޭގައި ކަމުން، ރީޝާގެ ކުރަހަން ޚާއްޞަކޮށްފައި ހުންނަ ކޮޓަރި އެތަނަށް ރީތިކޮށް ފެނެއެވެ. ރީޝާގެ ކުރަހާ ކޮޓަރިއާ ދިމާއިން ފަނޑު އަލިކަމެއް ބޭރަށް ނުކުމެފައި ހުއްޓެވެ.

ރަވީ މަޑުމަޑުން ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ސިޑިން އަރަމުން ދިޔައިރު ވެސް އޭނާގެ ޚިޔާލުތައް ހުރީ ކުރީގެ ހަނދާން ތަކަށެވެ. ރީޝާއާއެކު އެ ސިޑި މަތީގައި ޖެހުނު ސަކަރާތް ތަކަށެވެ. ހީހީފައި ދެމީހުންނަށް އުޅެނުވުނު އުފާވެރި ގޮތްތަކެވެ. ބައެއް ފަހަރު އެ މަންޒަރު ފެންނަ ހެން ވެސް ހީވެއެވެ. ފަނޑު އަލިކަމުގެ ތެރޭގައި ދެމީހުންގެ ހުނުމުގެ އަޑުތައް އިވޭހެން ވެސް ހީވެއެވެ. ރަވީއަށް ބޭއިޚްތިޔާރުގައި އަތް ހިއްލައި ވެސް ލެވެއެވެ.

ބަރު ފިޔަވަޅު ތަކެއް އަޅަމުން ރަވީއަށް ކުރަހާގެ ކޮޓަރިއާ ދިމާއަށް ދެވުނީ ހިނދުކޮޅެއް ފަހުންނެވެ. ކޮޓަރީގެ ދޮރު ހުރީ ކޮންމެ ވެސް ވަރަކަށް ހުޅުވިފައެވެ. މީހެއްގެ އަޑު ފަނޑު ގޮތަކަށް އިވެމުން ދިޔައެވެ. ރަވީއަށް ސަމާލުކަން ދެވުނު މިންވަރު އިތުރުވިއެވެ. ސިއްރުސިއްރުން ރަވީ ބަލައިލިއެވެ. ދޮރުން ހުޅުވިފައިވާ ހަނި ދޭތެރެއިންނެވެ. އެއީ ރީޝާގެ އަޑެވެ. ރީޝާ ވާހަކަދައްކަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ. ލަސްލަހުންނެވެ. ޖުމުލައެއް ބުނަނީ ވެސް އެހައި ލަހުންނެވެ. ލަފުޒުތަކަށް ހުއްޓަމުން ލަސްލަހުންނެވެ. ރަވީ ކޮޓަރީގެ ބޭރުގައި މަޑުކޮށްލިއެވެ. ރީޝާގެ އަޑު އަހައިލުމަށެވެ.

"ކީއްވެތަ؟ ބުނެބަލަ އަހަންނަށް ތިހެން ތިހެދީ ކީއްވެތަ؟" ލުއި ގިސްލެވުމަކާއެކު ރީޝާ ލަސްލަހުން ބުނެލިއެވެ.

ރަވީ ފާރުގައި ލެނގިލިއެވެ. ފުށްކިބަ ފާރުގައި ޖެހޭ ހެންނެވެ. އޭނާގެ ދެ ބުމަ ކައިރިކޮށްލެވުނެވެ.

"އަހަރެން ވެސް އޭނާދެކެ ހާދަ ލޯތްބެއްވީމޭ. އެކަމަކު އޭނާ ވެސް އެ ލޯބީގައި ޖެހީ ކޮޅުފައިން. އޭނާ އަހަރެންގެ ހިތް ރޮއްވީ. އެކަމަކު އޭނާ ބުނާނީ ހިތް ނުރޮއްވާށޭ. ކުށަކާ ނުލާ ހިތް ރޮއްވާކަށް ނުވާނޭ. އެހެން ބުނެފަ އޭނާ އެކަން ކުރީ." ލަފުޒުތަކަށް ހުއްޓަމުން ލަސްލަހުން ރީޝާ ވާހަކަ ދައްކަމުން ދިޔައީ ރޮވިފައިވާ ރާގަކަށެވެ.

ރަވީ އެ އަޑުތައް އަހަން ހުރެވެނީ ކިރިޔާއެވެ. ވާހަކަދައްކާލެއް ލަސްކަމުން އޭނާއަށް ކެތް ކުރެވުނީ ވެސް ހަމަ ކިރިޔާއެވެ. ބައެއް ފަހަރު އެތެރެއަށް ވަންނަންވީއޭ ހިތަށް އަރައެވެ.

"އަހަރެން ކީއްކުރަންދޯ އޭނާގެ ހަނދާނުގައި ރޯންވީ،" ރީޝާގެ ރާގު ބަދަލުވިއެވެ. "ރަނގަޅަށް ތިބުނީ! އަހަރެން ނުޖެހޭނެ ރޯކަށް. އަހަރެން މިއަދު ޖެހެނީ އުފާކުރަން. އޭނާއަށް އެކަން ޔަގީންވާނެ. އޭނާއަށް އެ ހުރިހާ ކަމެއް ހާމަވާނެ. އެ ދުވަހުން އެ އަންހެން ކުއްޖާ ވެސް ދޫކޮށްލާނީ އޭނާ."

ރަވީ މަޑުމަޑުން ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލިއެވެ. ސިއްރު ސިއްރުންނެވެ. އޭނާއަށް ފެންނަމުން ދިޔައީ ރީޝާގެ ފުރަގަހެވެ. ރީޝާ ހުރީ ކޮޅަށެވެ. އޭނާގެ ކުރިމަތީގައި މީހަކު ހުރިކަމުގެ އިހުސާސް ރަވީއަށް ކުރެވެމުން ދިޔައެވެ. ރީޝާގެ ވާހަކަތައް ހުރި ގޮތުންނެވެ. ރަވީ މަޑުމަޑުން ފާރުގައި ލެނގިލިއެވެ. އޭނާ ބޭނުންވީ ރީޝާގެ ވާހަކަ އަޑުއަހައިލާށެވެ.

"ނޫނޭ. އަހަންނަކީ ބަދުނަސީބުވެރިއެއް! ކުށްވެރިއެއް! އަހަރެންގެ އޮތީ ކޮން އެއްޗެއް؟ އަހަރެންގެ ހުރީ ކާކު؟ އަހަންނަށް ލިބޭނީ ވަކި ކޮން މޮޅެއް؟" ރީޝާގެ ރާގު އަނެއްކާ ވެސް ބަދަލުވިއެވެ. "އަހަރެން އެކަން އޭނާއަށް ސިއްރުކުރީ އޭނާ ދެކެވީ ލޯބިން. އަހަރުމެން ވަކިވާން ބޭނުން ނުވާތީ! އޭނާ ހީކުރާނީ މުޅީން އެހެން ގޮތަކަށް!"

ރަވީއަށް ކެތެއް ނުކުރެވުނުވެ. އޭނާ އެންމެފަހުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ރީޝާއަށް އެކަމެއް އިހުސާސެއް ނުވިއެވެ. ރަވީ ލަސްފިޔަވަޅުތަކެއް އަޅަމުން ކޮޓަރިއަށް ވަދެ ރީޝާގެ ފުރަގަހުގައި ހުއްޓިލިއެވެ.

"އަހަންނަށް ކުރެވުނުހާ ވެސް ކަމަކީ މިކަން ސިއްރުކުރުން. މިކަން ސިއްރުކުރުން." ގިސްލަމުން ގިސްލަމުން ރީޝާ ވާހަކަދެއްކިއެވެ.

ރަވީ މަޑުމަޑުން ރީޝާގެ ކޮނޑުގައި އަތްބާއްވާލިއެވެ. ރީޝާއަށް އެކަން ވެސް އިހުސާސެއް ނުވިއެވެ. އޭނާ އެންމެ ފަހުން ރީޝާ ކޮނޑުގައި ހިފައި އޭނާއާ ދިމާއަށް އަނބުރައިލިއެވެ. އެވަގުތު ރީޝާ ބަލައިލީ ރަވީ އާ ދިމާ އަށެވެ. ރީޝާގެ ޝަހާދަތް އިނގިލި ހިއްލައިލަމުން އަމިއްލަ ނޭފަތުގައި ޖައްސައިލިއެވެ. ދެ ލޯ ބޮޑުކޮށްލަމުންނެވެ. ވާހަކަ ނުދައްކާށޭ ބުނާފަދަ ގޮތަކަށެވެ.
ރަވީ ބަލައިލީ ރީޝާ ވާހަކަދެއްކީ ކާކާތޯއެވެ. ރަވީ ހިންދިރުވާލެވުނެވެ. އޭނާގެ ލޮލުން ކަރުނަ ހިލިގަތެވެ. ހުރިހާ އިރު ރީޝާ ވާހަކަދައްކަން ހުރީ ރީޝާގެ އިސްކޮޅާ އެއް ވަރަށް ކުރަހާފައިވާ ރަވީގެ ތަސްވީރާއެވެ.

"ރީ ކިހިނެއްވެފަ ތި ހުރީ؟" ރަވީ ރީޝާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ.

"ޝޫ. ވާހަކަ ނުދައްކާ! އޭނާ އަންނަން އުޅޭނެ މިހާރު. އަހަންނަށް ގުޅައިފަ ބުނި މިރޭ އަންނާނަމޭ ވެސް. އަށެއް ޖަހަންވާ އިރަށް އާދެވޭނޭ ވެސް،" ރީޝާ ނޭފަތުގައި ޝަހާދަތް އިނގިލި ޖައްސައިލަމުން ވައި އަޑުން ބުނެލިއެވެ. "ކަލޭ ވެސް އަވަހަށް މި ގެއިން ދާން އުޅޭ. އަހަރުމެންނަށް އުނދަގޫވާނެ. ރަވީ އަންނަންވާ އިރަށް އަހަރެން ޖެހޭނެ ބަދަލުވާން. ތައްޔާރުވާން. މިތަން ޖެހޭނެ ބަދަލުކޮށްލާން. އެއްކޮށް ބަދަލުވާން. މުޅީން ބަދަލުވާން."

"ރީޝާ. އޭ ބަލަ ހަމަޖެހިބަލަ،" ރަވީ ރީޝާގެ ދެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. "މިއީ ރަވީއޭ. އޭ ބަލައިލަބަ. އަހަރެންގެ މޫނަށް ބަލައިލަބަލަ."

"ޒޭނާއާއެކު އޭނާ ހާދަ އުފަލަކުއޭ އެ އުޅެނީ. ކަލޭއަށް އެކަން އިހުސާސްވޭތަ؟ އަހަންނަށް އޭނާ ފޮޓޯ ވެސް ފޮނުވައޭ. އަހަރެން ބުނެގެން. އެމީހުން ހާދަ ރީތި ތަންތަނަށް ގޮސް، ހާދަ މަޖާކޮށޭ އެ އުޅެނީ. އެނގޭތަ އެ ކޮން ތަނެއްކަން. ދުބާއީ. ބުރިޖުހަލީފާ. ޕާމް އައިލެންޑް. ސަޅިވާނެއްނު." ރީޝާ ހޭންފެށިއެވެ. "ކިހާ ސަޅިކަމެއް ދޯ. ކިހާ އުފަލެއްގަ އެމީހުން އެ އުޅެނީ. ހުރިހާ ވެސް އެއްޗަކީ ލާރި، ފައިސާ. އެ ނެތިއްޔާ އެއްވެސް ކަމެއް ނުވާނެ. މީހަކަށް ވެސް ނުވާނެ."

ރަވީ ހަދާނެ ގޮތް ހުސްވިއެވެ. އެއީ ކުރީން ދުވަހަކު ވެސް އޭނާއަށް ކުރެވުނު ތަޖުރިބާއެއް ނޫނެވެ. ރީޝާގެ ފަރާތުން އޭނާއަށް އެކަހަލަ މަންޒަރެއް ނުފެނެއެވެ.

"ރީޝާ ހަމަޖެހިބަލަ. ބަލަ އަހަރެން މިހުރީ މި ތަނުގައޭ. ރީޝާގެ ކުރިމަތީ ގައޭ." ރަވީ އަޑުގައި ހަރުކަށި ރާގެއް އިތުރުވަމުން ދިޔައެވެ.

ރީޝާ ބަލައިލީ ރަވީގެ މޫނަށެވެ. ފުން ނަޒަރަކުން ރަވީގެ ދެ ލޮލަށް ބަލައިލިއެވެ. ރަވީގެ ހިމަ ދިގު މޫނުގައި ރީޝާގެ ދެ އަތް ޖައްސައިލިއެވެ.

"ރަވީ. ރަވީ އައީތަ؟ ރަވީ އައީތަ؟ ހަމަ އަސްލު ވެސް އައީތަ؟" ރީޝާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. "ހަމަ އަސްލު ރަވީތަ؟ ތީ ރީގެ ރަވީތަ؟"

ރީޝާ ރަވީގެ ގައިގައި ބައްދައިލިއެވެ. ބާރުބާރަށެވެ. ރަވީ ވެސް އޭނާގެ ދެއަތް ނަގައި ރީޝާގެ ބުރަކަށީގައި ޖައްސައިލިއެވެ. ރަވީއަށް ފާހަގަ ކުރެވުނީ ރީޝާގެ ގައިން ވަރު ދިޔަކަމެވެ. ރީޝާ އެއްފަރާތަކަށް އަރިވިއެވެ. އޭރު ރީޝާގެ ގައިން އެކުގައި ވަރު ހިނގައްޖެއެވެ.

ރަވީ، ރީޝާ ހިއްލައިލިއެވެ. ރަވީ މިސްރާބު ޖެހީ ތިރި އަށެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ފަރުވާތެރިކަމާއެކު ރަވީ ތިރިއަށް ފޭބިއެވެ. އޭރުވެސް ރީޝާ އޮތީ ރަވީގެ އަތްދަނޑިމަތީގައެވެ. އެނދުގައި ރީޝާ ބާއްވާލިއެވެ. ފަރުވާތެރިކަމާ އެކު ރީޝާގެ މޫނަށް ރަވީ ބަލައިލިއެވެ. ދެފަހަރަކު ރީޝާއަށް ގޮވައިލިއެވެ. ކޮލުގައި މަޑުމަޑުން ޖަހައިލަމުންނެވެ. އެންމެފަހުން ރަވީ އެމީހުންގެ އާއިލީ ޑޮކުޓަރަށް ގުޅައިލިއެވެ.

"މިހާރު އޯކޭ. އިހަށް ނިދައިލަން ފުރުޞަތުދީ. އުނދަގޫ ނުކޮށް ބާއްވާ. މި ޖެހި އިންޖެކްޝަންގެ ސަބަބުން ފަސޭހައިން ނިދައި ލެވޭނެ." ރަވީގެ އާއިލީ ޑޮކުޓަރު، ނަޒީލު ރަވީއަށް ބަލައިލިއެވެ.

"ކިހިނެއްތޯވީ؟" ރަވީ ބަލައިލީ ނަޒީލުގެ މޫނަށެވެ. "ހޮސްޕިޓަލަށް ގެންދަންވީ ތޯ؟"

"ހީވަނީ މާ ބޮޑަށް ވިސްނީހެން. ހާސްވެ ކަންބޮޑުވީހެން،" ނަޒީލު ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ. "ދެން މާ ބޮޑަށް ހާސް ނުވޭ. ރީއަށް މާ ބޮޑުކަމެއް ނުވާނެ އިންޝާﷲ! ކަމެއް ގޯސްވަންޏާ ގުޅައިލާ! ދެން ދަނީ."

ޑޮކުޓަރުގެ ފަހަތުން ރަވީ ވެސް ބޭރަށް ނުކުތެވެ. ޑޮކުޓަރު ދިޔުމުން ރަވީ އެނދުގައި، ރީޝާގެ ގާތުގައި އޮށޯވެލިއެވެ. ރީޝާގެ ކަނާތު އަތްތިލަ ރަވީގެ މުށުތެރެއަށް ލަމުންނެވެ. އެއާއެކު ރަވީގެ ސިކުނޑީގައި ކުރެހެމުން ދިޔައީ މާޒީގެ ހަނދާންތަކެވެ. މަޑުމަޑުން އެ ހަނދާންތަކުގެ ތެރެއަށް ރަވީ ގެނބެމުން އެ މަންޒަރުތައް ކުރިމައްޗަށް ސިފަވަމުން ދިޔައެވެ.

މުޅިތަން ވަނީ ހިމޭންވެފައެވެ. ދޭތެރެއަކުން ޅަފީކެއްގެ މިޔުޒިކީ އަޑު އިވިލައެވެ. އެނޫން އަޑެއް ނީވެއެވެ. މުޅި ކޮޓަރި ވަނީ ހިމޭންވެފައެވެ. ރީޝާގެ މޫނަށް ރަވީ ބަލައިލިއެވެ. ރީޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވައިލިއެވެ. ރަވީ ތިރީ ތުންފަތުގެ އެއްކަނުގައި އަމިއްލައަށް ދަތް އަޅައިލިއެވެ. ރީޝާ އަނެއްކާ ވެސް ބަލައިލީ ރަވީގެ މޫނަށެވެ. އޭރު ރީޝާގެ ދެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.

ރަވީ ފުން ނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން ރީޝާގެ އަތްތިލައިގައި ހިފައިލިއެވެ. ރީޝާ ގަދަކަމުން ކަހަލަ ގޮތަކަށް ރަވީގެ މުށުތެރެއިން އޭނާގެ އަތް ދަމައިގަތެވެ. ރީޝާ މަޑުމަޑުން ރަވީއާ ދުރަށް ޖެހިލިއެވެ. ރަވީއަށް ބަލައިލެވުނީ ރީޝާގެ ހަރަކާތްތަކަށެވެ. އޭނާގެ މޫނަށެވެ.

"ހަމަ އެހައި ރުޅި އަންނަނީތަ؟" ރަވީ ހިތްވަރު ކޮށްފައި ބުނެލިއެވެ. "އަހަންނަށް ފާފައެއް ކުރެވެންތަ މި އުޅެނީ؟"
ރީޝާ ގަދަކަމުން ހިންދިރުވައިލިއެވެ. އޭނާ ބަލައިލީ ރަވީގެ މޫނަށެވެ. އެ ބެލުމުގައި ވަނީ ހިތްދަތިކަމެވެ. ވޭނީ އާދޭހެވެ. ރީޝާގެ ދެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އޮހިގަންނަށް ތައްޔާރުވިއެވެ.

"އަހަންނަށް މި ފުރުޞަތުދީ،" ރަވީގެ އަޑު ފަނޑުވަމުން ދިޔައެވެ. "ހަމަ އެންމެ ފުރުޞަތެއް!"

އަނެއްކާ ވެސް ރީޝާ ބަލައިލީ ރަވީގެ މޫނަށެވެ. ރަވީ ވެސް ރީޝާގެ މޫނަށް ބަލައިގެން އިނީއެވެ. އެ ބެލުމުން އެތައް ވާހަކައެއް ދޭހަވާނެހެންނެވެ.

"ސިއްރުން ވެސް އަހަންނަށް މިކަން ކުރެވިދާނެ،" ރީޝާގެ ލޮލަށް ބަލައިލެވުމުން ރަވީ އިސްޖަހައިލިއެވެ. "އެކަމަކު ރީ ނުގަބޫލުގަ މި ކަން ކުރަން ބޭނުން ނުވާތީ."

ރީޝާގެ ނޭވާ އަވަސްވަމުން ދިޔައެވެ. މަޑުމަޑުން އޭނާއަށް ގިސްލެވެން ފެށުނެވެ.

"އަހަންނަށް ވެސް އޮތް ހައްގެއް މިއީ. އަހަންނަށް ލިބެން އޮތް ހައްގެއްގެ ބޭނުން ކުރަން އަހަރެން މި އުޅެނީ،" ރަވީ މަޑުމަޑުން ވާހަކަދެއްކިއެވެ. "ކައިވެންޏަށް ފަސް އަހަރުވީ އިރު ވެސް އަހަރެން ރީ އަށް ދެރައެއް ނުދެން. އަނިޔާއެއް ނުކުރަން. އަނބިމީހާގެ ހައްގުތަކަށް އިހްތިރާމް ކުޑައެއް ނުކުރަން."

ރީޝާ ބަލައިލީ ރަވީގެ މޫނަށެވެ. ސުވާލުގެ ނަޒަރުންނެވެ.

"ރީ ހިތަށް އަރައިފާނެ. އަހަރެން މިކަން ކޮށްފިއްޔާ އަހަރެން ބަދަލުވާނޭ،" ރީޝާގެ ގާތަށް ރަވީ ޖެހިލިއެވެ. "ނުވާނެ، އަހަރެން ޔަގީންކަން މި ދެނީ ނުވާނެކަން. ރީއަށް ދޭން ޖެހޭ ހުރިހާ ގަދަރެއް، އިހުތިރާމެއް އަދި ހުރިހާ ވަގުތެއް އަހަރެންދޭނަން. ރީއަށް އެއްވެސް ކަމެއް މަދެއް ނުވާނެ."

"ކާކު ގަބޫލު ކުރާނީ؟" ރީޝާގެ ކެތްތެރިކަން ކޮޅުން ލިއެވެ.

އެންމެފަހުން އޭނާ ފަޅައިގެން ދިޔައީއެވެ. އެތައް އިރެއް ވަންދެން ހިފަހައްޓައިގެން އިން ވާހަކަ އެންމެފަހުން ބޭރުވީއެވެ. އިޚްތިޔާރުން ބޭރުގައެވެ.

"ރީ ޕްލީޒް ގަބޫލުކޮށްބަލަ." ރަވީ ވެސް ހިންދިރުވައިލިއެވެ.

"ރަވީ ބުނީތީ އަހަރެން ގަބޫލުކޮށްފާނަން. އެކަމަކު އަހަރެން ކިހިނެއް؟ ކިހިނެއް؟" ރީޝާއަށް ގިސްލެވެން ފެށުނެވެ.

"ހިތުން ރުހުމުން،" ރީޝާގެ އަތްތިލަ ނަގައި ރަވީގެ އަތްތިލައަށް ލިއެވެ. "އަހަރެން ބުނީތީއެއް ނޫން."

"ނޫން. އަހަންނަށް ފަސޭހައެއް ނޫން. ގަބޫލެއް ނުކުރެވޭނެ. ނުވެސް ވެވޭނެ." ރީޝާ ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ.
ރަވީގެ ހިކިފައިވާ ދެ ތުންފަތް އޭނާގެ ދުލުން ތެންމައިލިއެވެ.

"އެކަމަކު ރީ. އަހަރެން މިކަން ކުރަން ބޭނުންވަނީ ރީގެ ރުހުމުގަ." ރީޝާގެ ދެ އަތުގެ އިނގިލިތައް ރަވީގެ އިނގިލިތަކުގެ ތެރެއަށް މަހައިލިއެވެ.

"ރީ ހީކޮށްފާނެ އަހަންނަށް ރީ ކަމުނުދިޔައީއޭ. ރީ މަތިން އަހަރެން ފޫހިވީއޭ!" ރަވީ އިސްޖަހައިގެން އިނދެ ބުނެލިއެވެ.

(ނުނިމޭ)