ހަބަރު

އިދިކޮޅު މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ މައްސަލަ އަނބުރާ ފޮނުވާލައިފި

އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެއްވެސް މީހަކަށް ދައުވާ ނުކުރަން ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެމްބަރުން ހިމެނޭ ގޮތަށް ފަސް މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާ ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. ނަމަވެސް އެރޭ ފުލުހުން ވަނީ އެމީހުން ދޫކޮށްލާފަ އެވެ. މީގެ ތެރެއިން ހަތަރު މީހަކަށް ދައުވާ ކުރުމަށް ފުލުހުންވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ މި ހަތަރު މީހުންނާ ދޭތެރޭ ދައުވާ ކުރާނެ އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިނުވާތީ ކަމަށެވެ.

އަވަސް އާ ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ބައެއްގެ މައްޗަށް ދައުވާ ކުރާއިރު، އެ ބައެއްގެ ސަބަބުން އާންމުންނަށް ގެއްލުން ލިބިފައިވާ މިންވަރާއި ދައުލަތުގެ މުދަލަށް ނުވަތަ އާންމު ރައްޔިތެއްގެ މުދަލަށް ގެއްލުމެއް ލިބިފައިވާ މިންވަރަށް ބަލާފައި ކަމަށެވެ. ނަމަވެސް މި މައްސަލާގައި އެފަދަ އެއްވެސް ކަމެއް ފުލުހުންގެ ފަރާތުން ހުށަހެޅި ހެކީގެ ތެރޭގައި ނުހިމެނޭ ކަމަށާއި މި ހަތަރު މީހުންނަށް ދައުވާ ކުރާނެ އެއްވެސް މަސްލަހަތެއް ފެންނަން ނެތް ކަމަށެވެ.

"އަޅުގަނޑުމެން މީހެއްގެ މައްޗަށް ދައުވާ ކުރާއިރު މި ހަރަދު ކުރަންޖެހޭނީ ދައުލަތު ފައިސާއިން. އެހެންވީއިރު އަޅުގަނޑުމެން ބަލަންޖެހޭނެ ނޫންތޯ މި ދައުވާ އަކީ މި ހަރަދާއި ބައްދަލުވާ އެކަށީގެންވާ ދައުވާއެއްތޯ. އެގޮތަށް ބެލި އިރު މި މައްސަލައިގައި ދައުވާކޮށް ދިގުލައިގެން ގެންދާނެ ވަރަކަށް ހެއްކެއް ނެތް. ދައުލަތުގެ މުދަލަށް ގެއްލުން ވެފަ އެއް ނެތް. އާންމު ރައްޔިތަކަށް ނެތް ގެއްލުމެއްވެފަ. އެކަމަކު މިއީ ގާނޫނީ ކުށެއް ނޫނޭ ނުދަންނަވަން. އެހެންވީމަ މީގައި ދައުވާ ކުރެވޭނެ ވަރަށް ހެކި ނެތީމަ އަނބުރާ މި ފޮނުވާލީ." ދާދި ފަހުން ޕީޖީގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ޝަމީމް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި ހަތަރު މީހުންނަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވެ، ހަމަ ނުޖެހުން ހިންގަން މަސައްކަތްކޮށް، އާންމު ޓެރެފިކަށް އުދަނގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.